އޮސްޓްރިއާ 3 - 1 ޕޮލެންޑް
21 ޖޫން 2024 - 23:13
ބާލިން (ޖޫން 21) – ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ކުޅެން ނެރެގެން ވެސް، އޮސްޓްރިއާ ކައިރިން ސަލާމަތް ނުވެވި މަރުގެ ތުންފަތް މައްޗަށް ވެއްޓިއްޖެ އެވެ.
މި ބައްޔާ އެކު، ގުރޫޕް ޑީ ގައި ޕޮއިންޓެއް ނުލިބޭ ހަމައެކަނީ ޓީމަކީ ޕޮލެންޑެވެ. އަނެއް ތިން ޓީމުން ވެސް ވަނީ، ކޮންމެ ޓީމަކުން ތިން ޕޮއިންޓް ހޯދާފަ އެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް އޮސްޓްރިއާއިންނެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓްގައި، ގާނޯ ޓްރައުނާ ބޮލުން ބޯޅަ ވައްދާލީ ފިލިޕް ވެނޭ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިންނެވެ.
ފުރަތަމަ ހާފުގައި ޕޮލެންޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. މެޗުގެ 30 ވަނަ މިނެޓްގައި ކްރިޝޓޮފް ޕިއާންޓެކް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ފުރުސަތަކީ ޓައިޓް ޑިފެންސެއްގައި ކުޅުނު އޮސްޓްރިއާގެ އޭރިއާގެ ތެރެއިން އެހާ ފަހިކޮށް ޕޮލެންޑަށް ލިބުނު ހަމައެކަނި ފުރުސަތެވެ.
ދެވަނަ ހާފުގައި އެއްވަރެއްގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. އެ ހާފު ފެށިގެން 10 ވަނަ މިނެޓްގައި، ޕޮލެންޑުން ވަނީ އެ ޓީމުގެ ސްޓާ ފޯވާޑް ލެވަންޑޯސްކީ ކުޅެން ނެރެފަ އެވެ. ޔޫރޯ އަށް ތައްޔާރު ވަމުން ދިޔައިރު ވެސް އޭނާ ހުރީ އަނިޔާގަ އެވެ. ޕޮލެންޑްގެ ފުރަތަމަ މެޗުގައި އޭނާ ނުކުޅެ އެވެ.
އޭނާ ކުޅެން ނުކުތް ނަމަވެސް، ނަތީޖާ ބަދަލުކުރުމުގައި އޭނާ އަށް ދައުރެއް އަދާނުކުރެވުނެވެ. އޭގެ ބަދަލުގައި ނަތީޖާ ބުރަވީ އޮސްޓްރިއާ ކޮޅަށެވެ. މެޗުގެ 66 ވަނަ މިނެޓްގައި ކްރިސްޓޮފް ބާމްގާޓްނާ، އޮސްޓްރިއާ އަށް އަލުން ލީޑް ނަގައި ދިނެވެ. އޭނާ ލަނޑު ޖެހީ އެލެގްޒެންޑާ ޕްރާސް ދިން ބޯޅައިންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ޕޮލެންޑުން ކުރިއަށް ޖެހި ކުޅެން ފެށުމުން، ކައުންޓަ އެތޭކު ފުރުސަތުތަކުގައި އޮސްޓްރިއާ އަށް މާ ފަހި ފުރުސަތުތައް ލިބިގެން ދިޔަ އެވެ.
އެ ޓީމުގެ މާސެލް ސަބިޓްޒާ ބޯޅަ ހިފައިން މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަނުމުން، އޭނާ އަށް ހުރަސް އަޅަން އޭރިއާ ތެރޭގައި ހުރީ ކީޕަރު ވޮއިޗެކް ޝެޒްނީ އެވެ. އޭނާ ފައުލުކޮށް ސަބިޓްޒާ އޭރިއާ ތެރެއަށް ވައްޓާލި އެވެ. އެ ފައުލަށް ރެފްރީ، ދެއްކީ ރީނދޫ ކާޑެކެވެ.
މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީ މާކޯ އާނޯޓޮވިޗް އޮސްޓްރިއާގެ ލީޑް ފުޅާކޮށްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy