ޝައިޚް ސާލިހް އާލް ޝައީބީ ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅާ އެކު.
22 ޖޫން 2024 - 20:06
ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅު ހަވާލުވެ އޮންނަ އާއިލާއިން 77 ވަނަ އަށް އެ ތަޅުދަނޑިކޮޅާ ހަވާލުވެ ވަޑައިގެން ގެފުޅު ބެލެހެއްޓެވި ޝައިޚް ސާލިހް އާލް ޝައިބީ މިއަދު އަވަހާރަވެއްޖެ އެވެ.
ޝައިބީ އަކީ ހިޖުރައިން 8 ވަނަ އަހަރު ކީރިތި ރަސޫލާ ﷺ މައްކާ ފަތަހަކުރައްވައި ގެފުޅު ތޯހިރުކުރެއްވުމަށް ފަހު ތަޅުދަނޑިކޮޅު ހަވާލުކުރެއްވި، އޭރު ވެސް ގެފުޅު ބެލެހެއްޓެވި އުސްމާން ބިން ތަލްހާގެ އާއިލާގެ ބޭފުޅެކެވެ. މައްކާ ފަހަތަކުރެއްވުމުގެ ކުރިން ތަޅުދަނޑިކޮޅު އޮތީ އުސްމާން ބިން ތަލްހާގެ ބައްޕަ ތަލްހާ އިބްން އަބްދުﷲ (އަބީ ތަލްހާ) ގެ އަތުގަ އެވެ. އުސްމާން ބިން ތަލްހާ އަށް ތަޅުދަނޑުކޮޅު ލިބުނީ އުހުދު ހަނގުރާމާގައި އަބީ ތަލްހާ ގަތުލްވުމުންނެވެ.
މުސްލިމުން މައްކާ ފަތަހަ ކުރުމަށް ފަހު ކައުބަތުﷲ ގެފުޅަށް ވަޑައިގެން އިރު އެތަން ހުރީ ތަޅުލައިފަ އެވެ. ގެފުޅުގެ ތަޅުދަނޑި ވީ އުސްމާން އިބްނި ތަލްހާ އަތުގައި ކަމަށް އެތަނުގައި ތިބި މީހުން ބުނުމުން ތަޅުދަނޑިއާ އެކު އުސްމާން އިބްނި ތަލްހާ ފިލައި އޮއްވައި އަލީގެފާނު ފޮނުއްވައި އެ ތަޅުދަނޑިކޮޅު އަތުލައިގެން ގެނެސް ގެފުޅުގެ ދޮރުކޮޅު ހުޅުއްވި އެވެ.
ނަމަވެސް އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރެއްވުމުގެ އަމުރުފުޅާ އެކު ނިސާ ސޫރަތުގެ 58 ވަނަ އާޔަތް ބާވައިލެއްވުމާ އެކު ތަޅުދަނޑި ގެންގޮސް ތަލްހާއާ ހަވާލުކޮށް އޭނާގެ ކިބައިން މާފަށް އެދުމަށް ރަސޫލާ އެންގެވި އެވެ. މި ހާދިސާއާ އެކު ތަލްހާ އިސްލާމްވެ ވަޑައިގަތެވެ. އެ ހިނދު ޖިބްރީލްގެފާނު ވަހީއާގެން ވަޑައިގެން ގިޔާމަތާ ހަމަޔަށް ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނާނީ ތަލްހާގެ އާއިލާގެ އަތުގައި ކަމަށް ދެންނެވުމަށް އަމުރުކުރެއްވި އެވެ.
އޭރުން ފެށިގެން ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނަނީ ﷲ ގެ އެ އަމުރުފުޅާ އެއްގޮތަށް އުސްމާން ބިން ތަލްހާގެ އާއިލާގެ ބެލެހެއްޓުމުގެ ދަށުގަ އެވެ. އެ އާއިލާއިން ގެންދަނީ ގެފުޅު ސާފުކޮށް ބެލެހެއްޓުމާއި ގެފުޅުގެ އުރަކޮޅު މަރާމާތުކުރުމާއި ބަދަލުކުރުން އަދި ގެފުޅަށް އަންނަ މެހެމާނުންނަށް ބޭނުންވާ އެކި ކަންކަން އިންތިޒާމް ކުރުމުގައި މުހިންމު ދައުރުތައް އަދާކުރަމުންނެވެ.
އުސްމާން އިބްނި ތަލްހާގެ އާއިލާއިން ގެފުޅު ބަލަހައްޓަމުން ގެންދާތާ އެތައް ސަތޭކަ އަހަރެއް ވެފައި ވާއިރު ޝައިބީ އަކީ އުސްމާން ބިން ތަލްހާގެ 109 ވަނަ ވާރުތަވެރިޔާ އެވެ.
އިސްލާމިކް ސްޓަޑީޒް އިން ޑޮކްޓަރޭޓްކަން ހާސިލްކުރައްވާފައިވާ، ޔުނިވަސިޓީ ޕްރޮފެސަރެއް ކަމަށްވާ ޝައިބީ ވަނީ ދީނީ އެކި މައްސަލަތަކާ ބެހޭ ގޮތުން ފޮތްތައް ލިޔުއްވައިފަ އެވެ. އެ މަނިކުފާނުގެ ޖަނާޒާ މިއަދު މައްކާގެ އަލް މުއައްލާ ސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޞްރުﷲ
23 June 2024
ގެފުޅުގެ ތަޅުދަނޑިކޮޅު ޙަވާލު ކުރެއްވުމުގެ ޙާދިސާއިން އެކަނިވެސް އިސްލާމް ދީނަކީ އެއްމެ ޢަދުލުވެރި ދީން ކަމުގާ ސާބިތުވެއެވެ. މުސްލިމުންނަށް ގަަދަކަން ލިބުމުން ވެސް، އޭރު މުޝްރިކެއްގެ ގޮތުގާ ހުންނެވި މީހަކާ މާތްﷲގެ ގެކޮޅުގެ ތަޅުދަނޑިކޮޅު ޙަވާލު ކުރުމުގެ އަމުރުފުޅު ﷲގެ ޙަޟުރަތުން އައުމެވެ. މި އީ ދުނިޔޭގެ އެއްވެސް ބަޔަކުގެ މެދުގާ އޮތް އުޞޫލެއް ނޫނެވެ. ތިމާމެން ފަތަޙަ ކުރާ ތަނެއްގާ ހުރި އެއްމެ މުހިއްމުތަނެއްގެ ތަޅުދަނޑި މިގޮތަށް ޙަވާލުކުރުމެވެ.
48343
23 June 2024
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
އިރު
23 June 2024
ކުރިން ނޭންގޭ ވަރަށް މަޢުލޫމާތު ދަސްވި ލިތުމެއް. ޝައިޚް ސާލިހް އާލް ޝައިބީ ގެ ފުރާނަ ފުޅަށް ބަރަކާތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވާށި.
ބޮނބިފާލު ބަލާމީހާ
22 June 2024
މިލިޔުމުގައި ވަރަށްމުހިއްމުބައެއް އުނިކަމުގައިދެކެން. މިފަދަމާތް ޒިންމާއަކާއި ދެންހަވާލުވާނީ ކޮންބޭފުޅަކާކަން ބަޔާންކޮށްލުން މުހިއްމުކަމުގައިދެކެން.
ބެއްޔާބެ
23 June 2024
ރަނގަޅުވާހަކައެއް. މުހިއްމު ކަމެެއް އެއީ. އެކަމަކުވެސް ވަރައް މުހިއްމު މައުލޫމާތު ލިބުނު ލިޔުމެއް.
ވެންގަބޯ
22 June 2024
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــن يارب العالمين