ސައޫދީ އަރަބިއްޔާގެ ސިއްހީ އޮފިޝަލަކު ހައްޖާޖީއަކަށް އަވަސް ފަރުވާ ދިނުމަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
24 ޖޫން 2024 - 05:40
އާދަޔާ ހިލާފް ގަދަ ހޫނުގެ ތެރޭގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި 1،301 މީހަކު މަރުވި ކަމަށާއި މީގެ ތެރޭގައި ގިނައީ ސައޫދީ ސަރުކާރުން ދޫކުރާ ރަސްމީ ހުއްދަތައް ނެތި އަޅުކަމުގައި ބައިވެރިވާން ގޮސް އުޅުނު މީހުން ކަމަށް އެ ގައުމުން ބުނެފި އެވެ.
"ހިތާމަޔާ އެކު ދަންނަވަން ޖެހެނީ، މަރުވި މީހުންގެ އަދަދު 1،301 އަށް އަރާފައިވާ ކަމަށް. މީގެ ތެރެއިން 83 ޕަސެންޓަކީ ރަސްމީ ހުއްދަތައް ނެތުމުން، އަވިން ހިޔާވާނެ ގޮތެއް ނެތި ގިނައިރު ބޭރުގައި ތިބެން ޖެހުމާއި އަރާމުކުރެވޭނެ ގޮތެއް ނެތުނު މީހުން،" ސައޫދީ ޕްރެސް އެޖެންސީން ބުންޏެވެ.
ހައްޖަށް މީހުން ދިޔަ ގައުމުތަކުން ދިން އަދަދުތަކަށް ބަލައިގެން އޭއެފްޕީން މިދިޔަ ހަފްތާގައި ބެލި އިރު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި އަދަދު 1،000 އަށް ވުރެ ގިނަ އެވެ. މީގެ ތެރޭގައި 10 ގައުމެއްގެ މީހުން ހިމެނެ އެވެ.
އަރަބި ޑިޕްލޮމެޓުން މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 658 އަކީ މިސްރުގެ ހައްޖާޖީންނެވެ. މީގެ ތެރެއިން 630 އަކީ ރަޖިސްްޓްރީ ނުވެ ހައްޖަށް ދިޔަ މީހުންނެވެ. އަދި މަރުގެ މައިގަނޑު ސަބަބަކީ ހޫނު ގަދަވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސައޫދީ ސަރުކާރުން މި މަރުތަކާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ސައޫދީގެ އިސް އޮފިޝަލަކު ވިދާޅުވީ އަރަފާތު ދުވަހު އަރަފާތުގައި ގަދަ ހޫނުގައި ތިބެން ޖެހުމާއި އޭގެ އަނެއް ދުވަހު ޖަމްރާއަށް ހިލަ އުކުމުގެ ތެރޭ 577 މީހަކު މަރުވި ކަމަށެވެ. އޮފިޝަލް ވިދާޅުވީ އިންތިޒާމްތަކުގައި ސައޫދީ ފެއިލް ނުވާ ކަމަށާއި މި އަޅުކަމުގައި އޮންނަ ރިސްކަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ މީހުން ނުބައިކޮށް މާނަކުރަނީ ކަމަށެވެ.
ސައޫދީ ހެލްތު މިނިސްޓަރު ފަހްދު އިއްޔެ ވިދާޅުވި ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވެ ހައްޖުގެ އަޅުކަން އަދާކުރި އިރު 565،000 މީހަކަށް ސިއްހީ ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ރަސްމީ ހުއްދަތައް ނެތި އުޅުނު 141،000 މީހަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
24 June 2024
ކޮންމެތަނެއްގައިވެސް ހެދިފައި އޮންނަ ޤާނޫނާއި ޤަވާޢިދުތަކަށްް ޙުރުކަތްތެރިކޮށް ހިތުމަކީ ވަރަށް މުހިންމުކަމެއް. ޙައްޖު ފަރުޟުވެގެންވަނީ ކުޅަދާނަކަން ލިބިގެންވާމީހާގެ މައްޗަށް. އެއީ ފައިސާގެގޮތުންނާއި، ސިއްޙީގޮތުންނާއި އަދި އެހެނިހެން އެތައްކަމެއް އޭގައި ހިމެނޭކަމެއް، ނިޔާވި އެންމެންގެ ފާފަފުއްސަވާ ޢަފޫކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން