މާޒިޔާގެ ކުޅުންތެރިޔަކު ކައިިރިން ސިފައިންގެ ކްލަބްގެ ފަޔާޒް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޖޫން 2016 - 21:10
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ދިވެހި ސިފައިންގެ ކްލަބް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން މާޒިޔާ މޮޅުވެއްޖެ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސިފައިންނެވެ. މެޗުގެ 22 ވަނަ މިނިޓްގައި ސިފައިންގެ ލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ނަސީރު އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ މުހައްމަދު ރަމީޒު ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކުރިއަށް ކުޅުނު އަލީ ރިޒާ އެވެ. އޭނާ މި ލަނޑު ޖެހީ ސިފައިންގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ދެ ވަނަ ހާފްގައި ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް ފޮނުވާލެވޭ ގޮތް ނުވި އެވެ. މާޒިޔާ މޮޅުވީ މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް އިބްރާހިމް ޝާފިއު (ޝާއްކޮ) ޖެހި ލަނޑުންނެވެ. ޝާއްކޮ މި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ މުހައްމަދު އަރީފް ދިން ބޯޅަ އަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ މާޒިޔާގެ އަލީ ރިޒާ އެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ މުހައްމަދު ފަޔާޒެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy