މެނިންގޯކޮކަލް ޖެހުނު މީހެއްގެ ފައިން ރަތް ބިހިތަކެއް ނަގާފައި.
26 ޖޫން 2024 - 09:33
އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ.
ރާއްޖެ އިން މެނިންގޯކޮކަލް ޖެހުނު ތިން ވަނަ މީހަކީ، އެ ބަލީގައި އިއްޔެ ނިޔާވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ. ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާ އޭނާގެ ހާލު މި ބަލީގައި ސީރިއަސްވީ ކުއްލިއަކަށެވެ. ނިޔާވީ، އިމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެނިކޮށެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ ހެލްތު އެންޑް އެވެއާނަސްގެ ފައުންޑަރު، އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ.
އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ވަރަށް ނުރައްކާތެރި ދެ ބަލި ކަމަށެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
🔸އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފެށިފައެވެ. pic.twitter.com/jt7dtzmKXI
— Health Protection Agency (@HPA_MV) June 25, 2024
މި ބަލި ފެތުރެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ކުޅު، އެހެން މީހަކަށް ވާސިލްވެގެންނެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ އެކީގައި ދިރިއުޅުމާއި އެކަމުގެ އަސަރުކޮށްފައިވާ މީހަކު ބޭނުންކޮށްފައިވާ ކާތަށި/ފެންބޯ ތަށި، ސަމްސާ، ލިޕްބާމް، ލިޕްސްޓިކް، ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އެ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަންކަމެވެ.
- އެއް އަހަރުން ދަށުގެ ކުދިން
- އުމުރުން 16 އަހަރާއި 23 އަހަރުގެ މީހުން
- 65 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމް ބަލިކަށި މީހުން (އެޗްއައިވީ އަދި ކެންސަރު ފަދަ ބަލި ޖެހިފައިވާ މީހުން)
- ބައެއް ބޭސްތައް ބޭނުން ކުރާ މީހުން (އެކުލިޒުމަބް, ރައުލިޒުމަބް)
- މީހުން ގިނައިން އެެއްވެ އުޅޭ ތަންތަނަށްދާ މީހުން
ސެޕްސިސް (ލޭގެ އިންފެކްޝަން)
- ހުން އައިސް ހީކެރުވުން
- ބޭރަށް ހިނގުން/ހޮޑުލެވުން/އޯކާދެމުން
- ވަރުބަލިވުން
- އަތާއި ފައި ފިނިވުން
- ނޭވާލާން އުނދަގޫވާން
- ގައިގައި ރިއްސުން
- ބިހިނެގުން
މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން)
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަނދުރާއަށް ވާންއަރާފައި ހުރުން (ވާން އެރުމުގެ ސަބަބުން ބޯ ތިރިކޮށް ދަތްދޮޅި މޭމަތީގައި ނުޖެއްސޭ ވަރަށް ވާންވުން)
- ހޮޑުލެވުން/އޯކަދެމުން
- ވާނުވާނޭނގުން
- އަލި ގަދަވުމުން އުނދަގޫވުން
ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ބަލީގެ ނުރައްކާތެރި ސްޓޭޖަށް ދިއުމުން ގައިގައި ރަތް ކުލައިގެ ކުދި ބިހިތަކެއް ނަގާނެ އެވެ. އެ ބިހިތައް ނަގަން ފަށާއިރު ރަތް, ނޫ, ދަނބުކުލަ ނުވަތަ މުށިކުލައިގައި ހުންނަ ކުދި ބިހިތަކެއް ގޮތުގައި ފެނި، އެ ބިހިތައް ވަރަށް އަވަހަށް ބޮޑެތިވެ ބޮޑު ތަންގަނޑަކަށް ބަދަލުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިން އިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާ ނަގަ އެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓް
27 June 2024
ފަންޑިތަ ހެދުން ފަރުވާޔަކަށް ވާނެބާ! ސިހުރުހަދައިގެން މީހުނަށް އަދަބުދޭ ތަނެއްގައި ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ފަންޑިތަވެރިންވެސް ތިބެންޖެހޭނެތާ!
ނައިޓް
27 June 2024
ފަރުވާގެ ވާހަކަ އަންނާނީ ބައްޔެއްޖެހުނީމަ. ބަލިޖެހުމުގެ ކުރިން ރައްކާތެރިވާން ކޮންމެ ދުވަހަކު ހެނދުނާ ހަވީރުގެ ދުޢާތައް ކިޔައި ނުފެންނަ ހުރިހާ ނުރައްކަލަކުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރެވެން އޮންނާނެ ކޮންމެ މީހަކަށްވެސް. ގެއިން ނިކުންނަމުން ކިޔާ ދުޢާތައް ކިއީމަ މާސްކުން ނުލިބޭ ރައްކާތެރިކަންވެސް ލިބިދާނެ. އަދި އެމީހަކަށް ބައްޔެއްޖެހުމުގެ ސަބަބުން އެކަމުން ރަގަޅުކަމެއް މެދުވެރިވެ، ނޫނީ ނުބައި ކަމަކުން ރައްކާތެރިކުރެއްވުންވެސް އޮވެދާނެ
ރަނާ
27 June 2024
ހައްޖާ އުމްރާއަށްދާ މީހުނަށް ފުރުމުގެ ދެހަފްތާކުރިނ ވެކްސިން ޖަހާ ބަކާއަށް ވީ ކިހިނެއްކަމެއް ނޭގުނު. ވެޖްދިން ޖަހައިގެން ހުއްޓާ ބަލިޖެހުނީތޯ ނޫނީ
ތަލަމެދު
26 June 2024
މެނިންގޯކޮކަލް އެއީ އެމެރިކާގައި ކިޔާ ގޮތް. އަސްލު ބްރިޓިޝް ގޮތަކީ މެނިންޖޯކޮކަލް
ހހލލ
26 June 2024
ވެކްސިން ޖެހޭނެ ގޮތެއް އޮތްތޯ ތިޔަ ނޫސްވެރިން ބަލާލަދިނިއްޔާ ވަރަށް ރަނގަޅު.
ވެންގަބޯ
26 June 2024
ސަރުކާރަށް ގޮވާލަން އެންމެންގެ ސަލާމަތައި ރައްކާތެރި ކަމަށް ޓަކާ ރާއްޖެއަންނަ ހައްޖުވެރިން ކަރަންޓީނު ކުރުމަށް ގޮވާލަން އިންވޭސިވް މެނިންގޯކޮކަލް މިކަމުންގެ ނުރައްކާ ބޮޑުކަމުން ރައްކާތެރި ކަމުމެގޮތުން ކޮންމެހެން ކުރަންޖެހޭކަ މެއްމީ އަންނަ މީހުން ކަރަންޓީނު ކުރުމަކީ އެންމެންގެ ރައްކާ ތެރިކަމަށް ކުރަން ޖެހޭކަމެއް ސަރުކާރަށް ގޮވާލަން އަވަސް ކުރުމަށް
ވެންގަބޯ
26 June 2024
ސަރުކާރަށް ގޮވާލަން އެންމެންގެ ސަލާމަތައި ރައްކާތެރި ކަމަށް ޓަކާ ރާއްޖެއަންނަ ހައްޖުވެރިން ކަރަންޓީނު ކުރުމަށް ގޮވާލަން އިންވޭސިވް މެނިންގޯކޮކަލް މިކަމުންގެ ނުރައްކާ ބޮޑުކަމުން ރައްކާތެރި ކަމުމެގޮތުން ކޮންމެހެން ކުރަންޖެހޭކަ މެއްމީ އަންނަ މީހުން ކަރަންޓީނު ކުރުމަކީ އެންމެންގެ ރައްކާ ތެރިކަމަށް ސަރުކާރަށް ގޮވާލަން
ނާތެދެއް
26 June 2024
މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. 2ހަފްތާކުރިން ވެކްސިން ޖަހަން އެނގޭނީ ބަލިޖެހޭނެ ދުވަސް އެނގުނީމާ. އެޗްޕީއޭ އިން އެދުވަސް ބުނެދޭންވީނު؟