ސަސް އާއި ޓީސީ، ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް/ އިމޭޖަސް އެމްވީ
30 ޖޫން 2024 - 09:29
އެފްއޭއެމްގެ އަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު މާދަމާ އަށް ފަސްކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅެން ތާވަލްކުރި މެޗު މާދަމާ ރޭގެ 9 ޖަހާއިރަށް ފަސްކުރީ ސްޕޯޓްސް މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށް އެފްއޭއެމުން ބުންޏެވެ.
މިއީ، އެފްއޭއެމުން 19 އަހަރުން ދަށަށް ހާއްސަ ކޮށްގެން މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. ސަސް އިން ޖެހިޖެހިގެން ދެ ފައިނަލްގައި ވާދަކުރަން ތައްޔާރު ވެފައި ވާއިރު، ކުރީގެ ދެ މުބާރާތުގެ ފައިނަލް ވެސް ކުޅުނު އީގަލްސް އަށް މި އަހަރުގެ ފައިނަލަށް ދަތުރު ކުރެވޭ ގޮތެއް ނުވި އެވެ.
އީގަލްސް ކެޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލްގައި 3-1 އިން ސަސް އަތުން ބަލިވުމުންނެވެ. މުހައްމަދު އިޒާން އަލީ ފުރަތަމަ ހާފު ނިމެނިކޮށް ސަސް އަށް ލީޑު ނަގައިދީފައި ވަނިކޮށް، އީގަލްސް އިން އެއްވަރުކުރީ 78 ވަނަ މިނިޓުގައި މުހައްމަދު އައިމަން ކާމިޔާބުކުރި ގޯލުންނެވެ.
ނަމަވެސް ސަސް އިން ވަނީ ހަތަރު މިނިޓުގެ ތެރޭޭގައި އަލުން ލީޑު ހޯދައިފަ އެވެ. އެ ގޯލު ޖަހައިދިނީ ހަސަން ހައިޝަމް އަހުމަދެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓުގައި އިޒާން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.
ޓީސީން ފައިނަލަށް ދަތުރު ކުރީ އެ ރޭ ކުޅުނު މެޗުގައި 2-1 އިން މާޒިޔާ ސްޕޯޓްސް ބަލިކޮށްފަ އެވެ. ޓީސީ އިން ޖެހި ދެ ގޯލު ވެސް ފުރަތަމަ ނުވަ މިނިޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ އާދަމް ޝިޔާން މުހައްމަދެވެ. ހާފު ނިމެނިކޮށް މާޒިޔާގެ ހަމައެކަނި ގޯލު ޖަަހައިދިނީ އަހުމަދު މިލްހާން މުހައްމަދެވެ.
ސަސް އާއި ޓީސީ ވަނީ ގުރޫޕް ސްޓޭޖުގައި ވެސް ބައްދަލު ކޮށްފަ އެވެ. ދެ ޓީމު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ދެ ޓީމަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. ފަސް ޕޮއިންޓާ އެކު ދެ ޓީމު ވެސް އެއްވަރު ވުމުން ސަސް އަށް ގުރޫޕްގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
30 June 2024
މިމެޗްތައް ބަލަން ބަޔަކު ވަދޭތަ؟؟ ބުޅާ ވެސް ވަދޭތަ ތިތަން ބަލަން. ހެހެހެހެހެ