ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ޕެނަލްޓީގައި ސަސް ބަލިކޮށް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް

ޓީސީ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި ތަށި އުފުލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

02 ޖުލައި 2024 - 01:05

ޕެނަލްޓީގައި 5-4 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ޕެނަލްޓީގައި ޓީސީ އަށް ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެޓީމުގެ އިސްމާއިލް އަފާޒް ޖެހި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ. ސަސްގެ އަހުމަދު ނަވާފް ފައުޒީ ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރު މުހައްމަދު ޝިޔާޒް ދިފާއު ކުރިއިރު، ޓީސީ މޮޅުވީ ސަސްގެ ސުޒާން ހަސަން އަހުމަދު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި ޓީސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓީސީ އަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަލީ އަލްސަން، އަބްދުﷲ ފައިޒާން އަބްދުލްގަފޫރު، އަހުމަދު ނާހިލް އިބްރާޙިމް، އަބްދުﷲ ޒިފާން އަދި މުޒްދާން ހަސަން އެވެ. ސަސް އަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ހަސަން ހައިޝަމް ހާމިދު، މުހައްމަދު ޝައްފާން އަބްދުލްމުއްތަލިބު، މުހައްމަދު އައިމަން އަލީ އަދި އަހުމަދު އަތުވާން އަލީ އެވެ.

މެޗުގެ ދެވަނަ ހާފުގައި ސަސް އިން ފުލުފުލުގައި އުފެއްދި އެޓޭކުތަކުން އެޓޭކެއްގައި ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއަށް ފަހު ޓީސީން ވެސް ވަނީ ފަހު 15 ވަރަކަށް މިނިޓުތެރޭ ސަސްގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ.

ޓީސީ އާއި ސަސް ބައްދަލުކުރި 19 އަހަރުން ދަށޫގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެގޮތުން ޓީސީގެ ފައިޒާން ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހުނުއިރު، އޭރިއާ ތެރެއިން މުޒްދާން ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލު ކުރިމަތިން ހުސްވެލާފައި ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީސީގެ ކީޕަރު ޝިޔާޒް އެވެ.

ޓީސީ އާއި ސަސް ވެސް ފައިނަލަށް އައީ މެޗަކުން ބަލި ނުވެ އެވެ. އެއް ގުރޫޕެއްގައި ހިމެނި، ދެ ޓީމު ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ފަސް ގޯލު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހޯދީ ސަސްގެ މުހައްމަދު އިޒާން އަލީ އެވެ. އެންމެ މޮޅު ކޯޗަކަށް ޓީސީގެ އަހުމަދު ނިމާދު (ނިމާ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ މާޒިޔާ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޓީސީގެ ކީޕަރު މުހައްމަދު ޝިޔާޒް، ޓީސީގެ ހުސެއިން ސަންމާހު، އަބްދުﷲ ފައިޒާން އަބްދުލްގަފޫރު، އަހުމަދު ނާހިލް އިބްރާހިމް، ސަސްގެ އަހުމަދު ނަވާފް ފައުޒީ، ހަސަން ހައިޝަމް ހާމިދު، މުހައްމަދު އިޒާން އަލީ، މުހައްމަދު ޝައްފާން އަބްދުލްމުއްތަލިބު، އީގަލްސްގެ މުހައްމަދު އައިމަން ހަސަން، މާޒިޔާގެ މުހައްމަދު އަފްޒަލް އަދި ގްރީން ސްޓްރީޓްސްގެ އަހުޒަމް ރަޝީދެވެ.

މިއީ އެފްއޭއެމުން 19 އަހަރުން ދަށަށް ޔޫތު ޗެމްޕިއަންޝިޕް ބޭއްވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރުގެ ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސް މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ވެސް ހަމަވީ ލަނޑެއް ނުޖެހި އެވެ. އެއަށް ފަހު 2021 ވަނަ އަހަރުގެ ފައިނަލްގައި އީގަލްސް ވަނީ 1-0 އިން ސަސް ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454