ޚަބަރު / ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް ތާއީދު، ހައްލު ހޯދަން ތަފާތު ހިޔާލުތަކެއް!

މަޖިލިސް މެންބަރުން--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ ބަދަލުކުރުމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ތާއީދު ކުރައްވައިފި އެވެ.

މަޖިލީހުގައި މިއަދު އޮތީ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރަރަށް ބަހުސް ކުރުމެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ނުހިފަހައްޓައިފި ނަމަ 2029 ވަނަ އަހަރު 108 ގޮނޑި އަށް އަދި 2033 ވަނަ އަހަރު 115 މެންބަރުން މަޖިލީހުގައި ތިއްބަވާނެ ކަމަށެވެ.

މެންބަރުންގެ އަދަދު އިތުރު ވަނީ ގާނޫނުއަސާސީގައި ކޮންމެ 5،000 މީހަކަށް ގޮނޑިއެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތުމުން ކަމަށާއި ނަމަވެސް އެހެން ގައުމުތަކުން އެ މައްސަލައާ ކުރިމަތިލައި، ހައްލު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބައެއް ގައުމުތަކުން ކިއުބް ރޫޓް ރިލޭޝަންޝިޕް ކިޔާ ފޯމިއުލާ ބޭނުންކުރާ ކަމަށާއި އެ އުސޫލު ރާއްޖެ އަށް ތައާރަފު ކޮށްފި ނަމަ މަޖިލީހުގައި ތިއްބަވާނީ 72 މެންބަރުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ބައެއް ގައުމުތަކުން ހަދާ ގޮތަށް މަސައްކަތު އާބާދީ އަށް ބަލައިގެން އަދަދު ކަނޑައަޅައިފި ނަމަ މަޖިލީހުގައި މިހާރު ތިއްބަވާނީ 80 މެންބަރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން ނާޒިމް ދެއްވި ހިޔާލަކީ ގާނޫނުއަސާސީގައި 5،000 މީހަކަށް މެންބަރެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އޮތުން 10،000 އަށް ބަދަލު ކުރުމެވެ. އޭރުން މަޖިލީހުގެ އަދަދު ކުރިޔަށް އޮތް 25 އަހަރު ތެރޭގައި ވެސް 70 ގެ އަދަދު ތެރޭގައި ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް ނާޒިމް

"ރާއްޖޭގެ ރައްޔިތުން އަދި އަޅުގަނޑޫމެން ހަމަ އިސްކޮޅު ގަބޫލު ކުރަން ވެއްޖެ. އަޅުގަނޑުމެންނަށް މިހާރު ފަތަން އެރެވިގެން މި އުޅެނީ އިސްކޮޅު ނުކާ ހިސާބެެއްގައި އަޅުގަނޑުމެންގެ ހަމަ އިސްކޮޅު އެނގިގެން އަތް ފޯރާ ފަށުގައި ކަންތައްތައް އެބަޖެހޭ ބަހައްޓަން،" ނާޒިމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ 2008 ގައި ގާނޫނުއަސާސީ ފާސް ކުރިއިރު ރާއްޖޭގެ އާބާދީ މިހާރު މި އޮތް ވަރަށް ވުރެ ކުޑަ ކަމަށާއި 5،000 މީހުން ހަމަ ނުވަ އަތޮޅުތައް ވެސް ހުރި ކަމަށެވެ.

އެހެންވެ، ކޮންމެ އަތޮޅެއްގައި ދެ މެންބަރުން ތިބެން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް ކޮންމެ 5،000 މީހުން ތަމްސީލް ކުރާ މެންބަރުންގެ އަދަދު 1 އަށް ދަށްކުރުމުން މަޖިލިހުގެ މެންބަރުންގެ އަދަދު 72 އަކަށް ބަދަލުވާނެ ކަމަށް ކުޑޫ ވިދާޅުވި އެވެ.

"މި ގޮތަށް ކަންތައް ކޮށްފި ނަމަ ފަސް އަހަރު ތެރޭގައި 108 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ މާއްދާގައި ބަޔާން ކުރާ އަދަދު 5،000 އިން 7،000 އަށް ބަދަލު ކުރަން ފެންނަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އޭގެ ސަބަބުން ކޮންމެ އިދާރީ ދާއިރާއެއްގައި ވޯޓު ލެވޭ އާބާދީ އިތުރުވެ ވޯޓު ގަތުމަށް އޮތް ފުރުސަތު ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހަށް ވެސް ހުށަހަޅި ކަމަށާއި ނަމަވެސް އޭރު އެ މައްސަލަ ބޭރު ކޮށްލި ކަމަށް ގާސިމް ވިދާޅުވި އެވެ.

ޝުޖާއުގެ ގަރާރަށް ގާސިމް ތާއީދު ކުރެއްވި ނަމަވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ 5،000 ގެ އަދަދު އިތުރު ކުރަން އޭނާ ތާއީދެއް ނުކުރައްވަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އެހެން ހަދައިފި ނަމަ އަނެއްކާވެސް އާބާދީ އިތުރުވުމުން ޖެހޭނީ ގާނޫނުއަސާސީ ބަދަލު ކުރާށެވެ.

އޭގެ ބަދަލުގައި ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅައި ސީދާ އަދަދެއް ގާނޫނުއަސާސީގައި ލިޔުމުން އެކަން ދާއިމަށް ހައްލުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހަމަޖެހޭ އަދަދެއް ހަމަޖައްސާފައި އެ ގޮތަށް ދިޔައީމާ ނިމުނީ. އެއީ 93 ކަމަށް ވިޔަސް 87 ވިޔަސް އެ އަދަދަށް ނިންމައިގެން އޭގެ މައްޗަށް ބަރޯސާ ވެގެން ދިޔައީމާ އެ އުސޫލު ހުންނާނީ ހަމަޖެހިފައި. އެހެން ނޫނިއްޔާ ގާނޫނުއަސާސީ އަށް އަނެއްކާ ވެސް ހުންނާނީ ބަދަލު ގެންނަން ޖެހިފައި،" ގާސިމް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އޭނާގެ ޕާޓީ އެމްއެންޕީގައި އެ މައްސަލާގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެކަމަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތީ ގިނަ ބަޔަކަށް މުސާރަ ދެވޭ ގޮތަކަށް ނޫން ކަމަށާއި ނަމަވެސް މަޖިލިސް މެންބަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ އަދަދު ވެސް މަދު ކުރަން ނާޒިމް ގޮވާލެއްވި އެވެ.

"މިދިޔަ ދައުރުގައި [ލޯކަލް ކައުންސިލްތައް] މެންބަރުންނާއި އެސްޖީގެ މަގާމު އިތުރު ކުރުމުން މާލީ ބުރަދަން އިތުރުވެއްޖެ. ކައުންސިލްތަކުގެ މުސާރަ އާއި އަދަދު މަދު ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ:

ކުދި ޖަޒީރާ ބައެއް ގައުމުތަކުގެ މަޖިލިސް އޮންނަ ގޮތުގެ މިސާލެއް ދައްކަވަމުން ނާޒިމް ވިދާޅުވި ގޮތުގައި މޮރިޝަސްގައި 1.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު ތިއްބަވަނީ 70 މެންބަރުންނެވެ. ސީޝެލްސްގައި އެއް ލައްކަ މީހުން ތިބި އިރު މަޖިލީހުގައި 35 މެންބަރުން ތިބެ އެވެ. އަދި ފިޖީގައި 896،000 ގެ އާބާދީ އަށް 51 މެންބަރުން ތިއްބަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ހުރުމަކީ އެންމެ ރަނގަޅު ހައްލު ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތަށް ބަދަލު ކުރުމުން މަޖިލީހުގައި ތިއްބަވާނީ 52 މެންބަރުން ކަމަށާއި އޭރުން 31 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގޮތުން ހިޔާލު ތަފާތު!

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ ބަހުސްގައި މެންބަރުންގެ ހިޔާލު ތަފާތުވީ މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގޮތުންނެވެ.

އެ މައްސަލާގައި ކުޑޫ ވިދާޅުވީ 19 ވަނަ މަޖިލީހުގައި 87 މެންބަރުން މުސާރަ އާއި އިންޝުރަންސަށް ފަސް އަހަރު ތެރޭގައި 448 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައި ކަމަށާއި މިހާރު ހިންގަމުން އަންނަ 20 ވަނަ މަޖިލިހުގައި ތިއްބަވާ 93 މެންބަރުންނާ އެކު، މެންބަރުންގެ މުސާރަ 479 މިލިއަނާ ދިމާއަށް ވަނީ މިސްރާބު ޖަހާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ކުރަން ޖެހޭ ސުވާލަކީ މި އިތުރުވި 30 މިލިއަން ރުފިޔާ އިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވި ތޯ؟ މިއީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ހަރަދުތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިނާޔަތްތަކާ އެއް ހަމަ ކުރަންޖެހެ އެވެ. މަޖިލިސް މެންބަރުން އަމިއްލަ އަށް މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި މެންބަރުންގެ ދައުރު ވެސް ދެ ދައުރަށް ބަދަލު ކުރަން ކުޑޫ ގޮވާލި އެވެ.

ނަމަވެސް އެ މައްސަލާގައި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ގާސިމާއި ނާޒިމް ވެސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުން ކުރައްވާ މަސައްކަތާ ބަލާ ނަމަ މުސާރަ ކުޑައެވެ.

ޝުޖާއު ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަ ނުކުރިޔަސް މެންބަރުކަމުން ވަކިވުމުން ވެސް އިނާޔަތްތައް ލިބޭ ގޮތަށް އޮތުމަށް އޭނާ ތާއީދެއް ނުކުރައްވާ ކަމަށެވެ. އެންމެ ދައުރެއް ފުރިހަމަ ކުރާ މެންބަރަކަށް ވެސް އުމުރު ދުވަހަށް ދައުލަތުން އޭނާ އަށް ހަރަދު ކުރުން ދެކޮޅެއް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ގާސިމާއި ނާޒިމްގެ ވާހަކައިގައި މެންބަރުކަމުން ވަކިވުމުން އިނާޔަތްތައް ކަނޑާލާ ވާހަކަ އަށް ވެސް ދެކޮޅު ހެއްދެވި އެވެ. މަޖިލީހަށް ހިދުމަތް ކުރައްވާފައިވާ މެންބަރުންނަށް އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށް އެ ދެ މެންބަރުން ވެސް ވިދާޅުވި އެވެ.

38 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

03 July 2024

ސަރުކާރު މުއައްސަސާ ތަކާއި ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނުތަކުގެ އޮފީހާއި ގުދަން ހެދުމަށް ކ.އަތޮޅު މާލޭ މީހުންގެ ގެދޮރު ކުއްޔަށް ނަގައިގެން އެތަންތަނަށް ދައްކާ ފައިސާގެ އަދަދު މަޖިލީހުގައި ތިބި 93 މެންބަރުންނަށް ޙަރަދު ކުރާވަރަށްވުރެން އެތައް ގުނައެއް ބޮޑު. # މަޖިލިސް މެންބަރުން މަދުކުރުމުގެ ބަދަލުގައި އަދި ކ.މާލޭ މީހާ ފައިސާ ހޯދާނެ ވަސީލަތެއްގެ ގޮތުގައި ފުލެޓް އަޅާފައި ދިނުމުގެ ބަދަލުގައި ފުރަތަމަ މިކަން ހައްލު ކުރާންވީ ނޫންތޯ!!

The name is already taken The name is available. Register?

ފުރީޑަމްފުރީޑަމް

03 July 2024

ރާއްޖޭ ރައްރަށުން ކުޅަދާނަ ގާބިލު ޒުވާނުން އުފެދި ސިޔާސީ އަދި ވިޔަފާރީގެ ގޮތުން ކުރިއަރާ މުއްސަނދި ވާތީ ހަޖަމު ނުވަނީ ރައްޔިތުން އަނެއްކާވެސް ވެރިންގެ މުށުތެރޭ ފިތި ޑިމޮކުރަސީ ފުނޑޭތަން މި ފެންނަނީ

The name is already taken The name is available. Register?

އަލި

03 July 2024

އެއްހާ މީހުންނަށް 300 އެއްހާ އެކި ކަހަލަ މިނިސްޓަރުންނާއި، 90 މަޖިލިސް މެމްބަރުންނާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި މިއީ ހަމަ މިފަދަ ކުޑަ ގައުމަކަށް އޮންނަންޖެހޭ ނިޒާމު ތޯ ބަހުސް ކުރަންޖެހޭ.

The name is already taken The name is available. Register?

ކަރަން ޖޯހަރު

02 July 2024

މަޖްލިސް ތިއޮތީ ރަގަޅަށް ވެސް ބޮލީވްޑް އަށް ބަދަލު ވެފަ ފިރިންނާ އަނބިންނާ ، ދަރިންނާ ، ދަރިންގެދަރިން ވަދެ ނެޕޮޓިޒަމްގެ މޫ ހިއްޕާލަން ފައި ނަގާފަ. ދިވެހިންނަށް މިވަނީ ކިހިނެތް ކަމެއް ރޭކާ ވެސް ނުލާ . ފަހުން މިކަމުން ނުކުމެދާނެ ހިތި ، ތަސައްވަރު ކޮށްލަން އެނގެނީ ކިތައް މީހުންނަށްބާ؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

02 July 2024

ރައްތުންގެ މަޖިލިހުގައި 80 މެމްބަރުން ތިއްބަސް ނުވަތަ ކޮންމެ އަތޮޅަކަށް 2 މެމްބަރުންގެ ނިސްްބަތުން 18 މެމްބަރުން ތިއްބަސް ރައްޔިތުންނަށް ކުރާ މަންފާއެއް ނެތް. ހަރުދަނާ ގާނޫނުތަށް ހަދައި ގައުމު ހަމަ މަގަށް އަޅުވަންޖެހޭ އެއްވެސް ކަމެއް ނުކުރޭ. ވީމާ ހަދަން ވީގިތަކީ ކުރީ ޒަމާނުގައި އޮންނަގޮތަށް އަތޮޅަކުން 2 މެމްބަރުން ނަގަންވީ. އެއިރުން ޚަރަދުތަށް އިންތިހާ އަށް ދައްްކުރެވޭނެ.

The name is already taken The name is available. Register?

އަހުމަދުބޭ

02 July 2024

މަޖިލިސް 50 މެންބަރުނަށް މަދުކޮއް، މުސާރަ 50 ހާހަށް ހަދައިފަ، ކައުންސިލަރުން ރަށަކަށް 2 އަކަށް ހަދައިފަ، މިދެބަޔަށްވެސް އެންމެ ދައްވެގެން ޑިގްރީ ސެޓްފިކެޓް ހޯލްޑަރުންނަށް ކުރިމަތިލެވޭގޮތް ހަދަންވީ، ސިޔާސީ މަގާމްތަށްވެސް ގާނޫނަކުން ލިމިޓް ކުރަންވީ މިހާރު މިވާގޮތަކީ ގައުމަށް ލިބޭ ހުރިހައި ލާރިއެއް މިދަނީ މިވެރިންނަށް

The name is already taken The name is available. Register?

އަލީ!!

02 July 2024

މެމްބަރުންގެ އަދަދު ހިފަހައްޓަންވީކީނޫން.. އަދަދުމަދުކުރަންވީ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 July 2024

މަޖިލިސް ގޮނޑި އިތުރުނުވާގޮތަށް ބަދަލުގެންނަނަމަ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ މިއިން ކޮންމެދާއިރާއަކުން މަޖިލީހަށް 30 މެންބަރުން އިންތިޙާބުކޮށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 90 ކަމުގައި ކަޑައަޅާ އިދާރީ 3 ދާއިރާއަކަށް މަޖިލިސް ބައިނުކޮށްފިނަމަ، ކ.އަތޮޅު މާލޭމީހުން ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންގެމައްޗަށް ވެރިވެގަންނާނެ.

The name is already taken The name is available. Register?

ދާއިރާ އަކީ އަތޮޅުކަމަށް ނިންމާ

02 July 2024

10 ހާސް މީހުންނަށްވުރެ ދަށް ކޮންމެ އަތޮޅަކުން 1 މެމްބަރު، ދެން 20 ހާ ހަމަވަންދެން 2 މެމްބަރު، ދެންކޮން 10 ހާހަކަށް މެމްބަރެއް މުޅިއަތޮޅު ހުރިހާމީހުންގެ ވޯޓުން ހޮވާގޮތަށް ހަދަންވީ. އިންތިޚާބީ ދާއިރާތައް ގިނަކުރީމަ މިއޮންނަނީ ކުޑަރަށެއް ބޮޑުރަށެއްނުބަލާ މެމްބަރު ރުއްސަން ދައުލަތުން ބޭކާރު ޚަރަދު ކުރަންޖެހިފަ. އޭރުން އިންތިޚާބުވާ މެމްބަރުންގެ ވިސްނުން 200 މީހުން ހަމަނުވާ ރައްރަށުގެ ވިސްނުންދޫކޮށް އަތޮޅުވިސްނުމަށް ރުޖޫއަވާނެ

The name is already taken The name is available. Register?

ހުންނާނު

02 July 2024

ދުނިޔޭގައި ކުރިއަރާފައިވާ ގައުމު ތަކުގައި ޚާއްސަކޮށް ޖަޒީރާ ގައުމުތަކުގައި މި އަދަދ ކަނޑައޅާ ފޯމިއުލާ ތައް ބަލާ ދިރާސާކުރުމަށްފަހު ރާއްޖޭގެ ކަންތައްތަކަށް ރިއާޔަތް ކޮށް ގޮތެއް ނިންމަންޖެހޭނީ. ހަރުދަނާ އުސޫލެއް ބޭނުންކުރަންޖެހޭނީ. އާބާދީގެ 10،000 އަށް ބޮލެއް އިތުރުކުރުމަކުން ރައްޔިތުންނަށްވާނެ ފައިދާ އެއްނޯންނާނެ. މިހާރުވެސް ގިނަ މެމްބަރުން ބަލަނީ ކުރީ ސަރުކާރަށް މޮޅަށް ބެވޭތޯ. ރައްޔިތުންގެ ފައިސާ ބޭކާރު ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454