ގަދަ 16 ގައި ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
02 ޖުލައި 2024 - 20:59
ފްރޭންކްފާޓް (ޖުލައި 2) - މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތަކީ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ޔޫރޯ ކަން އޭނާ ކަށަވަރު ކޮށްދީފި އެވެ.
ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި ސްލޮވީނިއާއާ ދެކޮޅަށް ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ޕޯޗުގަލްގެ އާރުޓީޕީ ޓީވީއަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ވަނީ މިއަހަރުގެ މުބާރާތަކީ އޭނާގެ ފަހު ޔޫރޯ ކަން ހާމަކޮށްފަ އެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ އަހަރެންގެ ފަހު ޔޫރަޕިއަން ޗެމްޕިއަންޝިޕް،" ޔޫރޯ 2016 ކާމިޔާބުކުރި ޕޯޗުގަލް ޓީމުގެ ކެޕްޓަން ރޮނާލްޑޯ ބުންޏެވެ.
ރޭގެ މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ، ރޮނާލްޑޯ އަތުން ވަނީ ނާކާމިޔާބު ވެފަ އެވެ.
މިއަހަރުގެ މުބާރާތުގައި މިހާތަނަށް އަދި ލަނޑެއް ނުޖެހުނަސް، ރޮނާލްޑޯއަކީ ޔޫރޯ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 14 ގޯލު ޖަހައިފަ އެވެ.
މިއީ އުމުރުން 39 އަހަރުގެ ކެޕްޓަން ރޮނާލްޑޯ ކުޅޭ ރެކޯޑް ހަވަނަ ޔޫރޯ މުބާރާތެވެ. އޭނާ ވަނީ ޓީމު ކުއާޓާ ފައިނަލަށް ގެންދިޔުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ކުއާޓާގައި އަންނަ ހުކުރު ދުވަހުގެ ރޭ ފްރާންސާ ދެކޮޅަށް ޕޯޗުގަލް ނުކުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
03 July 2024
ބްރޯގެ ބޫޓް ބޭލުމުގެ ކުރިން ވޯލްޑްކަޕެއް ކަނޑާލެވިއްޖެނަމަ ތިޔާއި ހަމަ ކުރިއަށް އޮތް 50 އަހަރުވެސް އެންމެ މޮޅު ކޮމްޕްލީޓް ކުޅުންތެރިންގެ ލިސްޓުގަ ބޯލްޑްކޮށް ނަން ލިޔެލެވޭނެ ކުޅުންތެރިއެއްކަން ޔަގީން. އަހަރުމެން އުފާކުރަން ރޮނާލްޑޯ ކޮއްކޮގެ ކުޅުން ފެނުނު ޖީލުގެ މީހުންނަށް ވީތީވެ.ވ.ވެދުން