ޑޯޓްމެންޑް (ޖޫން 23) – ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ސެލްފީ ނަގަން، ސެކިއުރިޓީ ފަޅާލައި ދަނޑަށް އެރި މައްސަލައިގެ ތަހުގީގު ޔޫއެފާއިން ފަށައިފި އެވެ.
ޔޫރޯގެ ގުރޫޕް އެފްގައި ރޭ، ތުރުކިޔޭއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯއާ އެކު ސެލްފީ ނަގަން ފަސް މީހުން ދަނޑަށް އެރި އެވެ.
ތިން މީހަކު ދަނޑަށް އެރީ މެޗު ކުޅެމުންދަނިކޮށެވެ. މެޗު ނިމުނު ފަހުން އިތުރު ދެ މީހަކު ދަނޑަށް އެރި އެވެ.
ރޮނާލްޑޯގެ ސަލާމަތާ މެދު ޔަގީންކަން ނެތް ކަމަށް ބުނެ ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ސުވާލު އުފެއްދުމުން ޔޫއެފާއިން ވަނީ ސެކިއުރިޓީ ފަޅާލައި ދަނޑަށް، ސަޕޯޓަރުން ދަނޑަށް އެރި މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.
އެންމެ ފުރަތަމަ ދަނޑަށް އެރީ ކުޑަކުއްޖެކެވެ. އޭގެ 15 މިނެޓް ފަހުން ބޮޑު މީހަކު ދަނޑަށް އަރައި ރޮނާލްޑޯގެ ކޮނޑަށް އަތްލާންވެގެން ކަރުގައި އަތް އަޅައި ހިފެހެއްޓި އެވެ.
މާޓިނޭޒް ބުނީ، ކޮންމެ ދުވަހަކީ ނަސީބު ރަނގަޅު ދުވަހަކަށް ނުވާނެ ކަމަށެވެ. އަދި ގޯސް ނިޔަތެއްގައި ވެސް ސަޕޯޓަރަކު ދަނޑަށް އަރައިފާނެތީ ވަރަށް ބޮޑަށް ސަމާލުވެ ތިބެން ޖެހޭކަމަށް އޭނާ ފާހަގަ ކުރި އެވެ.
"މިއަދު އަހަރެމެންގެ ނަސީބު އެއީ ދަނޑަށް އެރި ސަޕޯޓަރުން ރަނގަޅު ނިޔަތެއްގައި ތިބިކަން. މަޝްހޫރު ތަރިންނާ ބައްދަލުކުރަން ސަޕޯޓަރުން އުޅޭތީ އަހަރެމެން ވަރަށް އުފާވޭ،" މާޓިނޭޒް ބުންޏެވެ.
"އެކަމަކު ކަލޭމެންނަށް ވެސް އެނގޭނެ އެއީ ވަރަށް އުނދަގޫ ކަމެއްކަން ދަނޑަށް އަރައިގެން އުޅެން ފެށީމަ. ދަނޑަށް އެރި މީހުންގެ މަގުސަދުތައް ގޯސްނަމަ ކުޅުންތެރިންނަށް ގެއްލުމެއް ވެދާނެ. އަހަރެމެން ޖެހޭނެ މިކަމާ ވަރަށް ސަމާލުވެ ތިބެން."