ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކު ހަކުރު ބަލީގައި ފަރުވާ ހޯދާއިރު، މި ބަލި އޮތީ ސަމާލުވާން ޖެހޭ ހާލަތުގައި ކަމަށް ވިދާޅުވި.
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަ ދައްކަވަނީ. --ފޮޓޯ | ރައީސް އޮފީސް
05 ޖުލައި 2024 - 11:19
ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކު ހަކުރު ބަލީގައި އުޅޭއިރު އޭގެތެރޭގައި 21 ކުޑަކުދިން މި ބަލި ތަހައްމަލްކުރަމުން ދިއުމަކީ ބައްޔާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހިފައިވާ ކަމުގެ ރަތް ސިގްނަލެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ރާއްޖޭގައި ހަކުރު ބަލި ތަހައްމަލްކުރަމުންދާ 21 ކުޑަ ކުއްޖެއްގެ ކޭސް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ސަފަށް ރާއްޖެ ހިޖުރަ ކުރުމާއެކު އާންމު ސިއްހަތުގެ ހާލަތަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރާއްޖޭގައި ކުރިން ގިނައީ ގައިން ގަޔަށް އަރާ ބަލިތައް ކަމަށާއި މިހާރު އެ ބަދަލުވެފައި ވަނީ ގައިން ގަޔަށް ނާރާ، އެހެން ނަމަވެސް ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ތަހަންމަލް ކުރަން ޖެހޭ ބަލިތައް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މިފަދަ ބަލިތަކުގެ ތެރެއިން ހަކުރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިވަގުތު ތަހައްމަލުކުރަމުންދާ އެއް ބަލި،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، ކޮންމެ 10 މީހުންގެ ތެރެއިން އެކަކު ހަކުރު ބަލީގެ ޓައިޕް 2ގެ ވޭން އުފުލަމުން ދިއުމަކީ ރާއްޖޭގެ ނިސްބަތުން ސަމާލުކަން ވަރަށް ބޮޑަށް ދޭން ޖެހޭ ވަރުގެ ހިސާބުތަކެެކެވެ.
"މިތާނގައި ފާހަގަކޮށްލަން ޖެހޭ އަނެއް ރަތް ސިގްނަލްއަކީ ހަކުރު ބަލީގެ ޓައިޕް 1 ތަހައްމަލްކުރާ 21 ކުޑަކުއްޖަކު ވެސް މިހާރު ރެކޯޑު ކުރެވިފައިވާ ކަން،" ސާޖިދާ ވިދާޅުވި އެވެ.
މި ބައްޔަކީ ވަރަށް އަވަހަށް ސިއްހަތު ހަލާކުކޮށްލައި ލޮލުގެ ފެނުމާއި ކިޑްނީ އާއި ހިތާއި އެތެރެ ހަށީގެ އެކި ގުނަވަންތަކަށް ހަމަލާދޭ ބައްޔެއް ކަމަށް ވިދާޅުވި އެވެ. މި ބަލީގެ ޝިކާރައަކަށް ނުވުމަށް ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ވެސް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވި އެވެ.
ސާޖިދާ ވިދާޅުވީ ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި މައިގަނޑު ތިން ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއް ކަމަކީ ހަކުރު ބައްޔާ ބެހޭ މައުލޫމާތު އަމިއްލަ ހޯދާ މީހަކަށް ވުން ކަމަށާއި ދެވަނަ ކަމަކަށް އެ މައުލުމާތުތަކުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ އާދަކާދަތައް އިސްލާހު ކުރަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ | ރައީސް އޮފީސް
"ދަރިންނަށް އިންޓަވަލް ދޭއިރު ޕާޓީ ބާއްވާއިރު އާއިލީ ބައްދަލުވުންތައް މިފަދަ ކަންކަމަށް ފަރުވާ ތެރިވުން. ކަސްރަތު ކުރުން ފަދަ އާދަތައް ދެމެހެއްޓުން،" ސާޖިދާ ވިދާޅުވި އެވެ.
ތިން ވަނަ ކަމަކަށް އެ ބަލި ތަހަންމަލު ކުރަމުންދާ ފަރާތެއް ނަމަ ފަރުވާ ހޯދައި އިތުރަށް ފަރުވާތެރިކަން ބަހައްޓަން ސަމާލުކަންދޭން ޖެހޭ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.
"މިގޮތަށް ހޭލުންތެރި ކުރެވިއްޖެ ނަމަ ފެންނަ ނަތީޖާ އުފާވެރިވާނެ. ޑައިބެޓިކް ސޮސައިޓީއަކީ މި ނަތީޖާ ހާސިލް ކުރުމުގައި ރާއްޖޭގައި މީހުން ހައްލެއް ހޯދައިދީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ކާމިޔާބު ޖަމިއްޔާއެއް،" އެކަމަނާ ވިދާޅުވި އެވެ.
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
މި ބަލިން އާއްމުން ރައްކާތެރިކޮށްދޭން އެ ޖަމިއްޔާ އިން ރާއްޖޭގައި ކުރާ މަސައްކަތްތައް ފަސްޓް ލޭޑީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. ހަކުރު ބައްޔާ މެދު މިހާރަށް ވުރެން ވެސް ބޮޑަށް ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވެ ތިބެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
06 July 2024
ދެން އިވޭނީ ސަރުކާރުން އެސް.ޓީ.އޯއަށް ދެމުންދާ ކާޑުގެ ބާވަތުން , ހަކުރަށް ސަބުސިޓީ ނުދޭތީ , ހަކުރު އަގުބޮޑުވި ވާހަކަ.
ސޮކު
07 July 2024
ތިޔަ "ސިޓީ" ކިއުން ހުއްޓާލާނެ ވެއްޖެއެއް ނޫންތަ؟ ސަބްސިޓީ އެއް ނޫނޭ ސަބްސިޑީ އޭ ކިޔަނީ! އަސްލުވެސް ކޮހެއް ދޯ؟
ބަރުބާދު
06 July 2024
ރާއްޖޭގައި 21 ކުޑަކުދިން ހަކުރުބަލިހުރެ އެއީ އެކުދިންގެ ކެއިންބުއިން ބެހެއްޓޭގޮތުން ޖެހިފައިވާ މައްސަލައެއްތޯ؟. ނުވަތަ އެހެންގައުމުތަކުގަވެސް ދިމާވާގޮތަށް އެކުދިން އުފެދުމުގަވެސް އެމައްސަލަހުރި ކުދިންކަމުގައިވާނަމަ ތިޔަސިގްނަލް ކޮންމެކުލައެއްގަ އިނަސް ކުރޭވޭނެ ކަމެއް އެބައޮތްތޯ؟.
ދީނާ ޒާހިރު
06 July 2024
.3 އިން 1 މަސާލާ ޓީ، ކާޑަމަން ޓީ ، އަދި ކޮފީ އަކީ ވަރަށް ގިނައިން ހަކުރު އެކުލެވޭ ބުއިންތަކެކެވެ. ކައިރި ގައުމުތަކުގާ މި މެޝީން ތައް ބޭނުން ނުކުރާތާ ކިތައްމެދުވަހެކެވެ.މިކަހަލަ ބުއިންތަކާ ދުރުވަން ރައްޔިތުން ހޭލުންތެރި ވާންވެއްޖެއެވެ.
ތިބިޔާން މުހައްމަދު
06 July 2024
މި އާޓިކަލް އިން އެކަނިވެސް މިއީ ކިހާ ނުރައްކާތެރި ބައްޔެއްކަން އެގިއްޖެ. އުއްމީދު ކުރަން ދިވެހިން ވިސްނާނެ ކަމަށް
މާޒިން ހުސައިން
06 July 2024
ހަގީގަތަކީ މިއީ. ދިވެހިން މިހާރު ކެއުމަށް ނުބަލާ އެއްވެސް ވަރަކަށް. ކުޑަ ކުދިންނަށްވެސް ޖެހުނު އެއްޗެއް ދެމުން ދަނީ.
ސަލީމު އިދުރީސް
06 July 2024
ސިއްތައް ފައިދާ ކުރާނީ ދެކިލޯމީޓަރު ހަމަނުވާ ރައްރަށުގަ މަގުތަކުގަ ތާރު އާޅާފަ ފައިން ފިއޮޅެއް ނާޅަ ސައިކަލުގަ ދުއްވީމަ
އަބްދުއްﷲ ބާސިރު
06 July 2024
ހަކުރު ބަލީގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތަފްސީލު އެކަމަނާ ހާމަ ކުރުމުން އެގިގެންދަނީ މައްސަލައިގެ ސީރިއަސްކަމެވެ.
އަހުމަދުު
06 July 2024
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖޭގައި ހަކުރުބައްޔާމެދު ހޭލުންތެރިކަން އިތުރުކުރައްވަމުން ގެންދަވާކަމީ ތަޢުރީފު ކުރައްވާ ކަމެކެވެ.
އާޒިމާ
06 July 2024
ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ތަގުރީރަކީ މައުލޫމާތު ހުރި އަދި ހިތްވަރު ލިބޭ ފަދަ ވާހަކަތަކެކެވެ.
ކިނާން
06 July 2024
ކުޑަކުދިންގެ މެދުގައި ހަކުރުބަލީގެ މައްސަލަ އަށް އަލިއަޅުވާލުމުން އެނގެނީ ޒުވާން ޖީލުގެ ދުޅަހެޔޮކަމަށް އެކަމަނާ ދެއްވާ އަހައްމިއްޔަތުކަން