މީހަކު މިސްކިތެއްގައި ކުޑަ ކުއްޖަކަށް ގުރުއާން ކިޔަވައި ދެނީ..- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ޖުލައި 2024 - 12:14
އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އުސޫލު ބަދަލުކޮށްފި އެވެ.
އެ އޮތޯރިޓީން އޮގަސްޓް 2022 ގައި ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތައް ހިމެނެ އެވެ.
ނަމަވެސް، އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު، އެމްކިއުއޭއިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އީ-ލާނިން މޮޑެލްގެ ދަށުން ގުރުއާނާއި އެއާ ގުޅުން ހުރި މާއްދާތައް ކިޔަވައި ދިނުމުގެ ހުއްދަ ދެވިދާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންވެ، އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި މިހާރުން މިހާރަށް ވެސް މައާނިލް ގުރުއާން އަދި އުލޫމުލް ގުރުއާން ފަދަ މާއްދާތައް އަދި ވަކި އުސޫލުތަކެއްގެ މަތިން ތިލާވާ އަދި ހިފްޒު ކިޔަވައި ދެވިދާނެ ކަމަށް އެ އިދާރާ އިން ބުނެފައިވާ ކަމަށް އެމްކިއުއޭއިން ބުންޏެވެ. އެކަމަކު، އެގޮތަށް ކިޔަވައިދިނުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ އެވެ.
އެ އުސޫލުން ކިޔަވައިދިން ނަމަވެސް، އިމްތިހާނު ހަދަން ޖެހޭނީ ކޮލިފިކޭޝަން އޮތޯރިޓީން ބުނިގޮތުގައި ފޭސް-ޓު-ފޭސް ކޮށެވެ.
އެމްކިއުއޭއިން ބުނީ ގުރުއާންގެ ކޮންމެ ޕްރޮގްރާމެއް ވެސް، އެ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ މާއްދާތަކަށް ރިއާޔަތްކޮށް ވަކި އުސޫލުތަކެއްގެ ތެރެއިން އީ ލާނިން މޮޑިއުލްގައި ކިޔަވައިދިނުމަށް ހުއްދަ ދެވިދާނެ ކަމަށެވެ.
"ވުމާއެކު، 'ގުރުއާނާއި ގުރުއާނާ ގުޅުން ހުރި ދާއިރާތައް'ގެ ޕްރޮގްރާމްތައް އީ-ލާނިން މޮޑަލިޓީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާކުރުމަށް ފަހު މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެ ޕްރޮގްރާމް އީ-ލާނިން މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދަވަން ވާނީ މި އޮތޯރިޓީން އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ހުއްދަ ދިނުމަށް ފަހުގައި ކަމަށް ދަންނަވަމެވެ." އެމްކިއުއޭ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭނީސް
10 July 2024
ތިހެން މަޑުމަޑުން ދޫކުރަމުން ގޮސް މަތީ ތަޢުލީމުގެ ފެންވަރު ދަށްވެ ކަންފަސޭހަކޮށް ސެޓްފިކްޓް ހޯދުން އާދަޔަކަށް ވަނީ. ހެއްވާ ކަމަކީ، މި ކަންކަމަށް ތާއީދުކުރާ މީހުންނޭ އެންމެ އަޑު ހަރުކޮށް ކޮލިޓީ ވެއްޓިއްޖެއޭ ކިޔާފަ ހަރުއަޑުން ހަޅޭލަވަނީ. ދެފުށްކެހެރިކަމުން ގޮސް ވެސް ޙައްދުން ނައްޓާފަ.
ކޮރަލް
10 July 2024
ރަނގަޅު ނިންމުމެކެވެ.
ތަރައްގީވެއްޖެ
10 July 2024
އޮންލައިންކޮށް ކިޔަވައިދޭންވީ. މޮޅެތި ޓީޗަރުން މިހާރަކު ނުދާނެ ދޮރުންދޮރަށް. ދަރިވަރުންނަށް ޒަމާނީ ވަސީލަތްތައް ބޭނުން ކުރަން އެގުމަކީވެސް ތަޢްލީމް.
ބސވސ
10 July 2024
މުނާފިގުން މިކަމާ ވަރަށް ހިތްހަމަ ނުޖެހޭނެ. 3 އަހަރު ހުއްޓުވާލައިފައި ބާއްވައިފި. އެހެން ގިނަ ކޯސްތައް އޮންލައިނުކޮށް ކިޔެވޭއިރު ގުރުއާނުގެ އިލްމު އޮންލައިނުކޮށް ކިޔަވަދޭވާހަކަ ބުނާއިރަށް އެމީނުންގެ ނާރުތަކަށްވެސް އަސަރުކުރުވާކަހަލަ.
އުނބުށޭމު
10 July 2024
"އިމްތިހާނު ހަދަން ޖެހޭނީ ކޮލިފިކޭޝަން އޮތޯރިޓީން ބުނިގޮތުގައި ފޭސް-ޓު-ފޭސް ކޮށެވެ." މިގޮތަށް ހަދާ އިންތިހާނުތައް ދައުލަތުގެ އެއް އިދާރާއަކުން ބާއްވަންވީއެވެ. އޭރުން ކޮލެޖްތަކަށް "ސެޓިފިކެޓް ފަހާ ފެކްޓްރީ" އެކޭ ނުކިޔޭނެއެވެ. ކުރީގައި ސަނަދު ކުލާސްތަކުން ކިޔަވައިދޭ ކުދިން ހަދަނީ ސަރުކާރުންދޭ އިންތިހާނެކެވެ. އެހެންވީމާ ކޮންމެ ތާކުން ކިޔެވިޔަސް ފެންވަރާމެދު ސުވާލެއް ނުއުފެއްދޭނެއެވެ.