16 ޖުލައި 2024 - 11:47
ލަންޑަން (ޖުލައި 16) – އަމާޒަކީ ޓެނިހުގެ ލެޖެންޑުންނާ ގާތަށް ޖެހިލުން ކަމަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއު ކުރި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބުނެފި އެވެ.
"ލެޖެންޑުންނާ ގާތަށް ޖެހިލުން، އެއީ އަމާޒަކީ،" މެއި މަހު 21 އަހަރު ފުރުނު ސްޕެއިންގެ އަލްކަރާޒް ބުންޏެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުނު ވިމްބެލްޑަންގެ ފައިނަލްގައި 6-2، 6-2 އަދި 7-6 (7-4) އިން އަލްކަރާޒް ކުރި ހޯދީ މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗާ ވާދަކޮށެވެ. މިދިޔަ އަހަރުގެ ވިމްބެލްޑަން ވެސް އޭނާ ކާމިޔާބު ކުރީ ޖޮކޮވިޗް ބަލިކޮށްފަ އެވެ. ޖޮކޮވިޗް ވަނީ 24 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފަ އެވެ.
ޓެނިހުގެ ގަދަ 3 ކަމަށްވާ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް އަދި ޖޮކޮވިޗް ވެސް އުމުރުން 22 އަހަރުގެ ކުރިން ގްރޭންޑް ސްލޭމްގެ ހަތަރު މުބާރާތް ކާމިޔާބެއް ނުކުރެވެ އެވެ. އުމުރުން 21 އަހަރުގެ އަލްކަރާޒް މިވަނީ އެއް ސީޒަނެއްގައި ވިމްބެލްޑަންގެ އިތުރުން ފްރެންޗް އޯޕަން ވެސް ކާމިޔާބު ކޮށްފަ އެވެ.
މި ސީޒަންގައި ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތް އަދި ބާކީ އެބަ އޮތެވެ.
އުމުރުން 37 އަހަރުގެ ޖޮކޮވިޗް މިއަހަރުގެ ވިމްބެލްޑަން އަށް ނުކުތީ ފެޑެރާގެ ރެކޯޑް އަށް ތައްޓާ ހަމަކުރާށެވެ. ފެޑެރާ ކުޅުން ހުއްޓާލީ 20 ގްރޭންޑް ސްލޭމް ތައްޓާ އެކު އެވެ. ނަޑާލް، 38، ވަނީ 22 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފަ އެވެ.
އަލްކަރާޒް އެންމެ ފުރަތަމަ ކާމިޔާބު ކުރި ގްރޭންޑް ސްލޭމް މުބާރާތަކީ 2022 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ. މިދިޔަ އަހަރުގެ ވިމްބެލްޑަން ކާމިޔާބުކޮށް، މިއަހަރު މިވަނީ ޖެހިޖެހިގެން ދެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy