ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގުރުއާންގެ އިލްމު ފަތުރައި ދީނީ ކަންކަން ކުރިއަރުވަން ކަމަށް. ގުރުއާން މުބާރާތަކީ ރާއްޖޭގެ އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވި.
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ).-- ފޮޓޯ | ރައީސް އޮފީސް
16 ޖުލައި 2024 - 23:09
ހާފިޒުންނަށް ދޭ އިނާޔަތްތައް ދެގުނަ ބޮޑުކޮށް، ވަސީލަތްތައް އިތުރުކުރުމާ އެކު ކީރިތި ގުރުއާނުގެ އިލްމު ފަތުރައި ދީނީ ކަންކަން ކުރިއަރުވަން ސަރުކާރުން ކުރަން ރާވާފައިވާ ގިނަ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިގެން އަންނަ މަންޒަރަކީ އެމަނިކުފާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދީނީ ކަންކަން ކުރިއަރުވައި ގުރުއާނުގެ އިލްމު ފެތުރުމަށެވެ. ހާފިޒުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ އިތުރުން، ގުރުއާނާ ބެހޭ ދާއިމީ މަރުކަޒެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކޮށް، ދީނީ ކަންކަމަށް ކުރާ ހޭދަ ވެސް އިތުރުކުރައްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމްދީނުގެ މަތީގައި ދިވެހިން ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް 900 އަހަރު ވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދިގު މުއްދަތުގައި ދިވެހިންނާ ކީރިތި ގުރުއާނާ ދެމެދު އުފެދިފައި ވަނީ ވަރަށް މަތިވެރި، ފުން ގުޅުމެއް ކަމަށެވެ.
"ދިވެހިންގެ ސަގާފަތަކީ ތުއްތުކުދިންނަށް އަކުރު އުގަންނައިދޭން ފަށާ ހިސާބުން ކީރިތި ގުރުއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު،" ރައީސް ވިދާޅުވި އެވެ.
"ދަރިންނަށް ކީރިތި ގުރުއާން ކިޔަވާށާއި ލިޔަން ދަސްކޮށް ދިނުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު ކޮންމެ ގެއެއްގައި ކީރިތި ގުރުއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ގުރުއާން ހަތިމުކޮށް، ކިޔުއްވުން އޮވޭ. އެއީ އެ ޒަމާން."
ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. -- ރައީސް
ދިވެހިންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވުމަކީ ދިވެހިންނަށް އެންމެ ލާބަ ހުރި ގޮތް ކަމަށް ވާތީ، ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގުރުއާނުގެ އިލްމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ ކަންކަމާއި ކުރަން ރާވާފައިވާ ބައެއް ކަންކަން އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• ދީނީ ކަންކަން ކުރިއަރުވަން ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން "ދާރުއްސަލާމް"ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުން.
• "ދާރުލްއަރްގަމް"ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ނިންމައި، ބިން ވަނީ ހަމަޖެހިފައި.
• ހިލޭ ގުރުއާން ކިޔެވޭނެ ކްލާސްތައް އިތުރުކުރުން.
• ހާފިޒުންނަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެ މީހުންނަށް ދޭ އިނާޔަތް ދެގުނަ ބޮޑުކުރުން.
• ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދަން ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުން.
• ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހެދުން.
"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރަން ވެސް އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.
ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ވެސް ކީރިތި ގުރުއާން ކަމަށެވެ. އެ ފޮތަށް އެނބުރިދާން ޖެހޭ ކަމަށާއި އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި ވެސް ބަހާއި އަމަލުން ސީދާވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ގުރުއާން ކަމުގައިވުމަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގުރުއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިއާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަ އާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސް މިކަމަށް ސަރުކާރުން އިސްކަންދޭނެ އެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ އަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާގަދެނީ
17 July 2024
ގްރޭޑް 8 އިން ފަށައިގެން ސްކޫލްތަކުގަ ގުރްއާނުން ނަގާ ބޮޑު ޓެސްޓެއް ނޯވޭ. އެންމެ ފަހުން 10 ނިންމާއިރު ގުރުއާނުން ސޫރަތެއް ކިޔަން އެނގެނީ ކިތައް ކުދިންނަށްބާ؟ އޭގަ ހުންނަ އެއްޗެހީގެ މުހިއްމު މާނަތައް އެނގެނީ ކިތައް ކުދިންނަށްބާ؟ ދުނިޔަވީ އެހެން މާއްދާތަކަށް ޖާގަ ދޭންވެގެން ގުރުއާނުގެ އަހަންމިއްޔަތުކަން ކުޑަކުރީމަ ދުނިޔޭގެ ކަންކަން ވަނީ ރަގަޅުބާ ނޫނީ ގޯސްބާ؟
ހިތައްއަންނަނީ
17 July 2024
އިންސާނީ ދިރިއުޅުން ކުރިއަރާގޮސް ކުއްމަދު ތަނަވަސް ހަމަޖެހޭ އަޅާލާ އުފާރި މުޖުތަމައުތައް ބިނާކުރެވެނީ އެބަޔަކު ގަބޫލުކުރާ ދީނަކުން އެބަޔަކަށް ދަސްކޮށްދީފަ ހުންނަ ކަންކަމުގެ މައްޗަށް ދިރިއުޅުން ބައްޓަންކޮށްގެންތޯ؟ ނުވަތަ ނުވަތަ އިންސާނީ ދިރިއުޅުމުގެ ހަގީގަތް ބުނެދީފަ ހުރިކަންކަމުގެ މައްޗަށް ދިރިއުޅުން ބައްޓަންކޮށްގެންތޯ؟
ނުވިސްނާ
17 July 2024
އިންސާނީ ދިރިއުޅުމުގެ ހަގީގަތްތައް ބުނެދީފަ ހުންނަ ކަންކަމަށް ބަލައިގެން ކިހިނެތް އުޅޭނީ ޒަމާން ބަދަލުވަމުން ގޮސް އެތައް އާކަންތައްތަކެއް ދުނިޔެ ދެކޭއިރު؟ އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ ދީން ރަގަޅަށް އެނގިގެން. ދީނޭ ކިޔާފަ ބަޔަކު ބުނާހާ ވާހަކައެއް ގަބޫލުކޮށްގެނެއްނޫން. ތިމާއާ މާތްﷲއާ އޮންނަ ގުޅުން ރަގަޅުކުރީމަ ހުރިހާކަމެއް އަމިއްލައަށް ހަމަޖެހޭނެ މަގު ފެންނާނެ. އެކަމ އޭގެ މާނައަކީ ދުނިޔޭގ ހުރިހާކަމެއް ފަސޭހަވެ ދަތިއުނދަގޫތއް ދިމާނުވުމެއް ނޫން
ވަޞީލަތް11
17 July 2024
ހާފިޒުންނަށް ކޮން ވަޞީލަތްތަކެއް މަދުވެގެން މިއުޅެނީ. ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް ފުދުންތެރިކަން އިތުރުކުރުމަށް ޙާފިޒުންގެ ދައުރަކީ ކޮބައިތޯ؟
ސަލީމު އިދުރީސް
17 July 2024
އަޅުގަނޑުގެ އުންމީދަކީ ޑރ މުއީޒު ތިފައްޓަވައިދެއްވި އިލުމީ ޕުރަޖެއްޓުން އުފެދޭ އިލުމުވެރިން މިގައުމަކީ ސައުދީކަހަލަ ދެމެއްޓެނިވި އިގުތިސޯދެއް އޮތްގައުމަކައް ހަދައި ދެއްވާނެ ކަމައް! މިގައުމުގެ ނާސުކު ޓުއަރި ޒަމް ސައުދީކަހަލަ ދެމެހެއްޓެނިވި ޓުއަރި ސަމައްކައް ބަދަލުކޮއް ޓުއަރިޒަމް އިސްތިހާރު ކުރަން ކުރާ ބޮޑު ހޭދަ ނުކޮއް ޓުއަރިޒަމް ކުރިއެރުވޭނެ ކަމައް
ކާށި
17 July 2024
ސަލީމުބޭ..އިންސާނުން ހައްދަވާފަ ވަނީ ހަމައެކަނި ދުނިޔޭގެ ދިރިއުޅުން އާރާސްތު ކުރުމަކަށް ނޫން..އާޚިރަތުގެ ހަޔާތްވެސް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރުމުގެ މައްޗަށް..ކީރިތި ޤުރްއާނާއި ހަދީޘް ޢިލްމަކީ ދެދުނިޔޭގެ ހަޔާތް ކާމިޔާބު ކުރުމަށް ޓަކާ އޮތް ހަމައެކަނި މަގު..ދެން ހުރި އިލްމުތަކަކީ ހަމަ އެކަނި ދުނިޔޭގެ ހަޔާތް ކާމިޔާބުކުރުމަށްޓަކާ އޮތް މަގެއް..އެހެންވީމާ އިންސާނުންނަށް ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިހުރިހާ އިލްމެއްވެސް މުހިންމު.
ޒައީމުއިޒް
17 July 2024
މިގައުމުގަ ކިޔަވާ އާދާދީގެ މަދުވެގެން 90% ހާފިޒުންނަށް ހަދަން އަމާޒް ހިފަންވީ ސާބަހޭ ރައީސްމުއިޒް ތިޔައީ ޒައީމޭ އަދުލޮބުވެތި ގައުމު ފަހުރިވާ
އައްޔަ އައްޔަ
17 July 2024
ޑރ މުއިއްޒު މީ މޭން އެކޭ. މަ ހުވާ ގަންދީ އަދި ކިރިޔާ އަހަރުން ލައިކް ވާ ވަރުގެ ވެރިއެއް މި ލިބުނީ
ލަބާން މޫސާ
17 July 2024
ޤުރުއާން މައުރަޒެއް ގާއިމުކުރުމުގެ މުއިއްޒުގެ ޚިޔާލަކީ ސްމާޓް ޚިޔާލެއް ކަމަށް އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންގެ ދީން އުނގަންނައިދިނުމާއި އިތުރަށް ދަސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ
ނަލަ
17 July 2024
ޑޮކްޓަރުކަން ކިޔަވަން ކުރިން ހިތުއަޅައިގެން މިހުރީ އެހެންނަމަވެސް މިހާރު ހާފިޒަކަށްވާން ނިންމައިފިން
ދާއިން
17 July 2024
މަ ވަރަށް ލައިކް ވާ ކަމެއް ޤުރުއާނަށް މިހާ އަހައްމިއްޔަތު ކަން ދިނުމަކީ. މިކަން ކުރިއެރުވެން އޮތް ހުރިހާ ގޮތަކަށް މިކަން ކޮށްގެންވެސް މުއިއްޒު މިކަން ކުރާނެކަން ޔަގީން، މިވަރުގެ މުބާރާތެއް ބާއްވަންވީ އޭ އަވަހަށް. ގައިމު އިނާމުތައް ހޯދަންވެސް މީހުން މަސައްކަތް ކުރާނެ ވިއްޔާ
އަހްމަދު އާއިޝް
17 July 2024
ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުން ތިބުމަކީ އިސްލާމީ އިލްމުވެރިކަމާއި ދީނީ ދާއިރާތަކުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ދުނިޔޭގެ އެކި ޕްލެޓްފޯމް ތަކުގައި ތަމްސީލު އިތުރުވެގެންދާ ކަމެކެވެ. ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، އިސްލާމްދީނާ ބެހޭ ދުނިޔޭގެ ވާހަކަތަކުގައި ބައިވެރިވެވޭނެއެވެ