"ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލައި، ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި އެހީތެރިކަން މި އަންނަނީ ފޯރުކޮށްދެމުން."
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް: ބަންގްލަދޭޝްގެ ހަމަނުޖެހުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުލިބޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 ޖުލައި 2024 - 12:21
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވެ، އިއްޔެ ހަމަނުޖެހުންތައް ހިނގައި ހަ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބަންގްލަދޭޝްގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ އޮފިޝަލް ވިދާޅުވި އެވެ.
"ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އެ ގައުމުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ހާލަތު މި ދަނީ ވަރަށް ގާތުން ބަލައި، ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
ބަންގްލްދޭޝްގައި ރާއްޖޭގެ ވަރަށް ގިނަ ކުދިން ތައުލީމު ހާސިލްކުރެ އެވެ. އޭގެ ތެރޭގައި ގިނައީ މެޑިސިން ކިޔަވާ ކުދިންނެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތައް އިތުރުވެ ހޫނުވުމުން ބަންގްލާދޭޝްގެ ސަރުކާރުން ވަނީ ހުރިހާ ހައި ސްކޫލްތަކާއި އިސްލާމީ ތައުލީމު ދޭ މަރުކަޒުތަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަކި ގޮތަކަށް އަންގަންދެން ބަންދުކުރަން އަންގައިފަ އެވެ.
މުޒާހަރާތައް އިއްޔެ ހޫނުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުންނާއި ސަރުކާރަށް ތާއީދުކުރާ ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކަށް ގަލާއި ލަކުޑިބުރި އާއި ދަގަނޑުން ހަމަލާދޭން ފެށުމުންނެވެ. އެއާ އެކު ފުލުހުން ނުކުމެ ކަރުނަގޭހާއި ރަބަރު އުންޑަ ޖަހައި މުޒާހަރާތައް ރޫޅާލި އެވެ.
އިއްޔެ މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރެއިން ތިން މީހަކު މަރުވީ ޗިޓަގޮން ސަރަހައްދުންނެވެ. އެ މީހުންގެ ހަށިގަނޑުގައި ބަޑީގެ އުންޑަ އެރިކަމުގެ ނިޝާންތައް ހުރި ކަމަށް ހޮސްޕިޓަލްތަކުން ވަނީ ބުނެފަ އެވެ. މި ސަރަހައްދުން އިތުރު 35 މީހަކު ޒަހަމްވެފައިވެ އެވެ.
އަނެއް ދެ މީހުން މަރުވީ ވެރިރަށް ޑާކާގަ އެވެ. ޑާކާގައި ސަރުކާރާ ދެކޮޅު އަދި ތާއީދުކުރާ ދަރިވަރުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުމުގެ ތެރޭގައި އެކަކު މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށާއި އިތުރު 60 މީހަކު ޒަހަމްވި ކަމަށް ފުލުހުން އޭއެފްޕީއަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1
17 July 2024
ބަނގުލަދޭޝަކީ ދެއަންހެނުންގެ މުށުތެރޭގާ އެދެމީހުން ބޭނުންގޮތަކަށް މޮޑޭން އޮންނަ ގައުމެއް.