17 ޖުލައި 2024 - 19:28
އިގުތިސޯދީ ގޮތުން ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮއްވައި، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަކީ "ނުރައްކާތެރި'' ކަމެއް ކަމަށް އިދިކޮޅި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ، އިގުތިސޯދީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ގައުމު އޮތް އިރު، ގަވަރުނަރު ވަކި ކުރުމަކީ ވަރަށް ކަންބޮޑުވުން ބޮޑު ކަމެއް ކަމަށެވެ. އަދި އެ ނިންމުން ރަޒްމުކޮށްދެނީ އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ދުރުވިސްނުމާއި ރޭވުންތެރިކަމެއް ނެތް ކަމެވެ.
"ރޭވުންތެރިކަމާއި ވިސްނުންތެރިކަން އިސްކުރަންޖެހޭ. އަޅުގަނޑު ރައީސް މުއިއްޒުގެ ސަރުކާރަށް ގޮވައިލަން، މިފަދަ ނުރައްކާތެރި މިސްރާބަކުން ނުދިޔުމަށް،" ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.
އެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފަށައި، ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް މި ހަފުތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވަނީ ދީފަ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ، ކޮމިޓީން ތާވަލުކުރި ދެ ބައްދަލުވުމަށް ވެސް އޭނާ ވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި ގަވަރުނަރު ވަނީ މާލީ ހާލަތު ބަޔާން ކުރައްވައި މަޖިލީހަށް ރިޕޯޓެއް ފޮނުއްވައިފަ އެވެ.
އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓުގައި ވިދާޅުވީ، ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި، ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީންކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކި ކުރަން ކޮމިޓީން ނިންމިޔަސް، އެގޮތަށް ރައީސަށް ލަފާ އަރުވާނީ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު މުހައްމަދު އިބްރާހިމް އަލިދީދީ
18 July 2024
އަޅުގަނޑަށް ހީވަނީ އެއްވެސް ބަހެއް ވިދާޅުނުވާ އެއްވެސް ފިޔަވަޅެއް ނާޅުއްވާ ހުންނަ ބޭފުޅަކު ސައިޑް ކުރިޔަސް އަންނާނެ ބަދަލެއް ނެތް. އެހެން ނޫނަސް މިވެރިކަމުގައި މަޤާމު ތަކުގަ ތިއްބަވާނެ ބޭފުޅުން ނިންމަވާނީ މިވެރިކަމުގަ ތިބި ބޭފުޅުން. ފޭލިޔަރުން ކަންކަމަށް ފާޑުކީމަ އަންނާނީ ހިނި ދެއްތޯ ؟
ހަސަނު
18 July 2024
ފަޔާމެން މިއަދު އެ ވާހަކަ ދެއްކުން ރީއްޗެއްނޫން މަށަކަށް.. އެކަމަކު އެ ބުނަނަީ ރަނގަޅު ވާހަކައެއް.. އިގްތިސާރު ރަނގަޅު ކުރުމުގާ ފާރަވެރިއަކަށް ހުރި މީހާ ޓަސް ލާފަ މިއަދު ކަނޑާލީމާ ސަރުކާރުން އެދެވެނީ ނުބައި މެސެޖެއް.. ތިމަންނާމެން ކަން ކުރާނީ ތިމަންނާމެނަށް ފެނުނު ގޮތަކަށޭ، ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ބަހެއް ބުނެވޭ ވަރު މީހަކުވެސް ނުބަހައްޓާނަމޭ އެ ބުނެވެނީ..
ފައިނޭންޝަލް އެނަލިސްޓް
18 July 2024
ސެންޓްރަލް ބޭންކުގައި ކޮންމެ މީހަކު ގަވަރުނަރަކަށް ހުއްޓަސް، ސިޔާސީ މީހުން އެމީހުންގެ ލަފާއަކަށް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ކަންތައް ކުރަނީ. ދައުލަތާ، އާބާދީއާ ނުބައްދަލު މިންވަރަށް މަޤާމު އުފައްދައި ކޮންމެ މީހަކަށް ބޮޑެތި މުސާރަ. އެމްބަސީތަކުގައި ވެސް 1000 އަށް ވުރެ ގިނަ ކޮންމެ މީހަކަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ. ދެތިން ޑެޕިއުޓީއަކާ ދިމާނުވާ މަގެއް މާލޭގައި ނެތް. ދަރަނި ނުވިއްޔާ ދެރަ! ގަރުދިޔަ ކާން ރައްޔިތުން މިތިބީ!
އިލްތިމާސް
18 July 2024
ސަރުކާރުތަކުން ބީރުކަންފަތްދެނީ. ސިޔާސީ ބޮޑެތި ފައުޖުތައް ވިލާތަށް ދަތުރުކޮށް މިލިއަނުން ކައި ހުސްކުރަނީ. ފިނޭންސްގަ ތިބި އެޑްވައިޒަރުންނާ ނައިބުން އެތިބީ ހުޅުމާލޭން ބިމާ ގޯތި ގަނެގެން. މިއަހަރު ތެރޭ ކުއްލިއަކަށް ގަތީ. އާ ސައިކަލްތައް ވެސް ގަނެގެން އުޅެނީ. މިދިޔަ އަހަރު ނިމެންދެން "އޭ" ޖަހާފަ އިން ބޯޑެއް. މިހާރު އިނީ "އާރު" ޖަހާފަ އިން ބޯޑެއް! ލާރިން ފެންވަރަނީ. ލާރި އޮހެނީ. ދަރަނިވަނީ ރައްޔިތުން. ކަންބަޅިއަކީ ގަވަރުނަރު؟
އަންދަލޫސިޔާ
18 July 2024
މިއީ ސަރުކާރުތަކުން މަރުކަޒީ ބޭންކުގެ ގަވަރުނަރުންގެ ލަފާ ބޮލާލާޖަހާ އާދަ އޮންނާތީ ވާގޮތް. ހިތުހުރި ވަރަކަށް ސިޔާސީ މަޤާމު އުފައްދަނީ. ދުނިޔޭގެ ކޮން ޤައުމަކުތޯ މިނިސްޓްރީއެއްގައި 15 ނައިބުން ތިބެނީ؟ މިއީ އަރަތެއް. ކޮން ޤައުމަކުތޯ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 2 ޑީއެމްޑީ އިންނާ 3 އެޑްވައިޒަރުން ތިބެނީ؟ ލާރިތައް ތަޅާ ބުރުއްސަނީ. ސަނާކިޔާ މީޑިއާތަކުން ވެސް 3 އިން 4 ކުން މީހުން ދައުލަތު ޚަރަދުގަ ގެންދަނީ. 80 ނޫނީ 90 ގެ ފައުޖުތައް ދަނީ!
އަންދަލޫސިޔާ
18 July 2024
ސިޔާސީ މީހުން ސަރުކާރުތަކުގައި ތިބެ، އެމްއެމްއޭ އިން ލަފާ ދިނަސް ބޮލާލާ ޖަހަނީ. އެއީ އަދަކު އިއްޔެއަކު ވީކަމެއް ނޫން. މީގެ 7 އަހަރު ކުރިން 2017 ގައި އައިއެމްއެފް އިން އޮންނާނެ ބޮޑު ރިޕޯރޓެއް ހަދާފަ. އޭގަ ހުރި އިންޒާރަށް ނުބަލާ އޭރުގެ ސަރުކާރުން ހެސްކިޔާފަ ލޯނު ނެގީ. ދެން އައި ސަރުކާރުން ވެސް ލޯނު ނެގީ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ. މި ސަރުކާރުން 4000 ސިޔާސީ މަޤާމު އުފެއްދީ އަލީ ޙާޝިމް އެދިގެނެއް ނޫން. ހެސްކިޔާފަ ފައިސާ ތަޅާ ބުރުއްސަނީ!
ބަރުބާދު
18 July 2024
ނުރައްކާތެރި މީހުން ރައިއްޔަތުންނަށް ވަކިވީހިސާބުން ތިތިބީ ދުރުކޮށްފަ.
މަސްއޫދު ޝަރީފް
18 July 2024
މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަ ތަކަކީ އިބޫ ސަރުކާރުގެ ނަގާބިލްކަމުން ވި ކަންތައްތައް. އެކަން ހުރިހާ ރައްޔިތުން ގަބޫލްކުރޭ.
12345789
18 July 2024
މަށެއް ތިކަން ގަބޫލެއް ނުކުރަން
އަންދަލޫސިޔާ
18 July 2024
މިއީ އެތައް އަހަރެއްގައި ގަވަރުނަރުންގެ އަޑުނާހާ ބޭނުންވަރަކަށް ލޯނުނަގައި އިންތިހާއަށް ސިޔާސީ މަޤާމު އުފައްދާ، ކޮރަޕްޝަނުން ޕްރޮޖެކްޓްތައް ނުއަގުގައި ހިންގާ، މެޑިކަލް މާފިއާ އާއި ބޭރު އިންވެސްޓަަރުންގެ މާފިޔާ ހިންގައިގެން މިތަނަށް ވީގޮތެއް. 2017 ގައި އައިއެމްއެފް އިން އިންޒާރުދިން. ކޮން ވެރިއެއްތޯ އަޑުއެހީ؟ އެމްއެމްއޭ އިން ކިތައް ރިޕޯރޓް ކިތައް ބަޔާންތޯ ނެރުނީމަތޯ ސަރުކާރުން އަޑުއަހާނީ؟
އިބާދުﷲ
18 July 2024
މިދިޔަ ސަރުކާރުން އިގްތިސާދު ހަލާކުކޮށްލީ. އިގްތިސާދޭ ކިޔާފަ ފަޔާމެން ވާހަކަ ނުދައްކާ
އިލްތިމާސް
18 July 2024
މިއީ ސިޔާސީ އެންމެން ކުރިކަމެއް. މިދިޔަ 2 ސަރުކާރާ މިސަރުކާރު ވެސް ހިމެނޭ. މިދިޔަ 2 ސަރުކާރުގެ އިސްވެރިން މިސަރުކާރުގައި ވެސް އެތިބީ. މުއްސަނދިވީ އެވެރިން. ރައްޔިތުން ގަރުދިޔަޔާ ބަތާކާން މިތިބީ. އެމީހުން އެއުޅެނީ މުޅި ދުނިޔޭގައި އުދުހިފަ، މީރު ކެއުންކައި 10،000 ޑޮލަރުގެ ގަޑިއަޅައިގެން، 2000 ޑޮލަރުގެ ގަމީސް ލައިގެން، 5000 ޑޮލަރުގެ ބޫޓަށް އަރައިގެން ބޮޑެތި ކާރުތަކުގަ!
އަފާފް ސައީދު
18 July 2024
ފަޔާމެންގެ ވެރިކަމުގައި މަނިޓަރީ ޕޮލިސީގެ ފައިދާ މިހާރު ދަށަށް ދިއުމުން، ކުރީގެ ލީޑަރުންނަށް އިގްތިސާދީ އުސޫލުތަކާ މެދު އަސާސީ ގޮތުން އޮޅުން ބޮޅުން ވެފައިވާކަން އިގެނީ. ދެން މިއަދު ތިކަހަލަ ވާހަކަ ދެއްކީމަ ހިނި އަންނާނެ ނޫންތޯ؟