ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަނީ. ޒުވާން އާބާދީގެ ބޭނުންކޮށްގެން، އުމުރުން ދުވަސްވީ ބޮޑު އާބާދީއާ ކުރިމަތިލާން ފިޔަވަޅުތައް އެޅޭނެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ޖުލައި 2024 - 11:23
ރާއްޖޭގައި، އުމުރުން ދުވަސްވީ ބޮޑު އާބާދީއަކާ ކުރިމަތިލާން ޖެހޭތީ އެކަމަށް ދުރާލައި ތައްޔާރުވާން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޑރ އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މިހާރު އޮތީ ޒުވާން އާބާދީއެކެވެ. އެކަމަކު 2054 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގިނަ ވާނީ އުމުރުން ދުވަސްވީ މީހުންނެވެ.
ކުރުނބާގައި ކުރިއަށްދާ ޕެންޝަން އޮފީހުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި މިނިސްޓަރު ވިދާޅުވީ، އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާތީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ލިބެން އޮތް ނަފާ ބޭނުންކޮށްގެން މަސައްކަތްކޮށްފި ނަމަ މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި އާ މިސްރާބަަކަށް ގެންދެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ އާބާދީގެ ބޭނުންކޮށްގެން މި ދަނޑިވަޅަކީ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ކުރިއެރުވޭނެ ގޮތްތައް ހޯދަން ޖެހޭ ވަގުތު ކަމަށެވެ.
ބޯހިމެނުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގައި 15 އަހަރުން ދަށުގައި ތިބީ 20 ޕަސެންޓެވެ. މަސައްކަތް ކުރާ އުމުރުކަމަށް ބަލާ 15-64 އަހަރާ ދެމެދުގެ 76 ޕަސެންޓު މީހުން އަދި އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅެ އެވެ.
އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު 2030 ގެ ނިޔަލަށް 65 އަހަރުން މަތީގެ އާބާދީއަށް ހަތް ޕަސެންޓުގެ އިތުރުވުމެއް ފެންނާނެ އެވެ. އަދި 2050 ވަނަ އަހަރު އަންނައިރު އެ އަދަދު 14 ޕަސެންޓަށް އިތުރުވެ، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ އެވްރެޖު އުމުރު 47 އަހަރުން މައްޗަށް އަރާނެ ކަމަށް ޑިމޮގްރެފިކްސް ސާވޭތަކުން ދައްކަ އެވެ.
މޯލްޑިވްސް ޕައިނޭންސް ފޯރަމްގައި ޑރ. އައިޝަތު ޝިހާމް އާއި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗެއާޕާސަން އިނާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ޒުވާން މަސައްކަތްތެރިން ކުރިއަރުވައި، އެ ފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްގީ ކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ހަލުވިކޮށް ޒުވާނުންނަކީ މާލީ ގޮތުން ޒިންމާދާރު، މަސައްކަތްތެރި ގައުމީ ކުރިއެރުމަށް ޖޯޝާއެކު މަސައްކަތް ކުރާ ބަޔަކަށް ހެދިދާނެ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޒުވާނުންގެ އާބާދީގެ ބޭނުން އެންމެ ފުރިހަމައަށް ކުރަން ސަރުކާރުން ވެސް އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒުވާނުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ފުރުސަތުތައް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
އައިޝަތު ޝިހާމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އާމްދަނީގެ ރައްކާތެރިކަން އިތުރު ކުރަން ވޭތުވެދިޔަ އަހަރުތަކުގައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިޖުތިމާއީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެކަމާ ގުޅޭ ފްރޭމްވޯކެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އާ ފްރޭމްވޯކުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކުލަވާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
23 July 2024
މިހުރިހާދުވަހު 40 އަހަރުވަންދެން ދޭތެރެ ދުރުކޮށް ދެން ތިއޮތީ އަތައްގޮވާފައި ސަހަރާއިން ބިންތައް ހިލޭބަހަނިކޮށް މަމެން ހިނގައިދާނަން އޮށޯވެލަން
މައީސަމް
22 July 2024
ދަރިން ހޯދުން ބިރަކަށްވަނީ އުޅޭތަން ހަނިކަމުން އެތަންތަނުގެ އގު ތިރިކޮށްލާ 7000 ރ މުސާރ ލިބޭ މީހާވެސް ޖެހެނީ ކުއްޔަށް އެއަށް ވުރެ މަތީ އަގެއް ދައްކަން މިކަން ބަދަލްކޮށް ކުރީގެ ސްޕީޑަށް ވައްޓާލަން ވީ އޭރުން ތަންމަތީގަ ހަމަޖެހި ލައިގެން ތިބެވޭނީ
ދަރާ
22 July 2024
ޒުވާނުން ކުދިން ނުހޯދަނީ ދިރިއުޅެވޭނެ ތަނެއް ނެތުމާ، ލިބޭ އާމްދަނީ މަަދުވުންކަން ވަރަށް ސާފުކޮށް އެނގޭ. ދެން އެކަމަށް ސަރުކާރު ތަކުން ހޭދަނުކޮށް، ހައްލު ނުހޯދާ ތިޔަދައްކަވަނީ.ކޮންކަހަލަ ވާހަކަފުޅެއްތޯ؟ ގައުމެއްގެ އެންމެ ބޮޑު ރައޫސުލް މާލަކީ އެގައުމެއްގެ ރައްޔިތުން، ރައްޔިތުން ނެތް ނަމަ ގައުމެއްވެސް ނޯންނާނެ.
ޔަގީންޓާރ
22 July 2024
ތިޔަކަމަށް ހައްލެއްގެ ގޮތުގައި އޮސްޓްރޭލިއާއިން އަމަލުކުރަނީ ތައުލީމީ ޒުވާނުން ގައުމަށް ހިޖުރަކުރުމަށް ހިތވަރުދިނުން! މިގޮތުން ރާއްޖެެއަށްވެސް ކިޔަވައިގެންތިބި މުސްލިމު ޒުވާނުންނަށް ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތުދެވިދާނެ!
ސުރުޚީކިޔާމީހާ
22 July 2024
އަނެއްކާ ތައްޔާރުވާންވީ ދުވަސްވީމީހުން ކިހިނެތްހަދަންތޯ؟.
ސައިނީސް
22 July 2024
މިއަންނަ ރިޔާސީ އިންތިހާބުގައި ތިވައުދުތައް ފެންނަން ފަށާނެ ދޯ! ރިޓަޔަމަންޓް ހޯމް، އެލަވަންސް އަދި ނާދީތައް ފެންނާނެތާ ދޯ!
ގެދާނޯމޮސް
22 July 2024
ތިޔަމިނިސްޓްރީން ހަމައެކަނި ބަލާ ހަރުކަށި މައްސަލައަކީ ހީވާހީވުމަށް ކުޑަކުދިންގެ ޖިންސީ ގޯނާގެ މައްސަލައެކަންޏެވެ! އެހެން ކަންކަމަށް ފަރުވާކުޑަ ސްޓާފުން މަދުކޮށް މެދުއުމުރުގެ ތަޖުރިބާ ގާބިލް މީހުން ކަމަނާ އައްޔަނު ކުރަން ގޮވާލަމެވެ.
ޖުލައި2021
22 July 2024
ފިލިޕިންސް، ތައިލެންޑު ފަދަ ގައުމުތަކުން ނަރުހުން ގެނެސް ދުވަސްމީހުން ބެލޭނެ ގޮތް ހަދަންވީ، އެފަދަ ނަރުހުންނާ 65އަހަރުން މަތީ މޫހުނަށް ފަސޭގައިން ކައިވެނި ކުރެވޭބެ ގޮތް ފަހިކޮށްދީ އެކަމަށް އެލަވަންސެއްދީގެން ނަމަވެސް، އެއިރުން މުޖުތަމުގެ މިބޮޑު މައްސަލައަށް ބޮޑޫ ލުޔެއްލިބޭނެ. ދުވަސްމީހުން އުފަލުގަ ތިބޭނެ.
ޕްރޮފެސަރ. ތާކިހާބެ
22 July 2024
އާބާދީ އިތުރުކުރަން ޕްލޭނެއް ހަދާ ކުދިން ގިނައިން ހޯދާ މީހުނަށް އަދިވެސް އިނާޔަތެއް ދޭން ނުވޭތަ؟ ހަމައެކަނި ފާޑްފާޑް ގެ ނަންކިޔާފަ ޗުއްޓީ ދިނަކަސް ނުނިމޭނެ. ހަމަބުނެލީ.
ހޮލޯލީ
22 July 2024
ވަޒީފާ ފުރުސަތުތަކެއް އިތުރެއްނުވޭ. ކުރާނެ ކަމެއްނެތިގެން މަގުމަތީ ޒުވާނުންތަ އެބުރެނީ. ސަރުކާރުތަކުން، މިމީހުން ލަނީ ފެނަކަ، އެޗްޑީސީ، މިފްކޯ، ނޫނީ މިނިސްޓުރީތަކަ. މިހެންވެ ދަރަނި ބޮޑުވެ ގައުމު ނުހިންގޭ ހިސާބަ މިއަދުގޮއްސި.