ގަވަރުނަރު އަލީ ހާޝިމް
22 ޖުލައި 2024 - 13:42
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ލަފާ އެރުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 63 މެންބަރުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާއެރުވުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
އެ މައްސަލަ ބެލުމަށް ފަހު މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް ދެ ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ކޮމިޓީން ތާވާލުކުރި ބައްދަލުވުންތަކަށް އޭނާ ވަޑައިނުގަންނަވަ އެވެ.
1- ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވާފައި.
2- އެހެންވެ އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުން.
3- ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ނުކުރޭ.
4- ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަ ކޮށްފައިވުން.
5. އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން މި ސަރުކާރަށް ލަފައެއް ދީފައި ނުވުން.
ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019 ގައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މާލިއްޔަތު ކޮމިޓީ އަށް ވަޑައިނުގެން އޭނާ މަޖިލިހަށް ފޮނުއްވީ ރިޕޯޓެކެވެ.
އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ގަވަރުނަރު ވިދާޅުވީ، އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
"ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު މަޝްވަރާތަކުން އިގުތިސާދަށް ނުރައްކާތައް ހުރި ކަމާއި އެ ނުރައްކާތަކުން އިގުތިސާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ،" ރިޕޯޓު ގަވަރުނަރު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
22 July 2024
ރަނގަޅު މީހެކެވެ. ސިޔާސީ ކަންކަމުގެތެރެ އަށް ވަނީ ހިތް ހަމަ ނުޖެހޭ ފާޑު ފާޑު ވާހަކަ ދައްކާ ނެ އެވެ. އަވަހަށް އިސް ތިއުފާ ދޭން ވީ އެވެ.
އިސްކަންދަރި
22 July 2024
އެއްކަމެއްވެސް ނުކުރޭ ސަރުކާރުން މުސާރަނަގައިގެން އޮންނަނީ. މިކަހަލަ މީހުން ބޮޑުމުސާރަނަގަ ނަގާ ގައުމަށް ބޮޑެތި ގެއްލުން ދެނީ. މިހެން މިކަހަލަ މީހުން ތިއްބާ ވޭތުވެދިޔަ 44 އަހަރު ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ އަށް ހިދްމަތް ކޮށްދެވި މުހުސިންގެ ރިޓަޔާ ކުރެއްވީ. އެއްވެސް ސަރުކާރަކުން އެފަދަ ހިދުމަތް ތެރީން ބަލައެއް ނުގަނޭ. ވަގުން އަށާއި ގޭނގުސުޓާރުން އަށް ބަލައިގަންނަނީ.
ތަކުރުފާނު
22 July 2024
ސަބަބުތަކުގެ ތެރޭގައި އިންޓެލިޖަންސް ރިޕޯޓެއް ނެތުމަކީ ހަމަ ނަސީބެއް. ލޮލް