ލައިފްސްޓައިލް / އިސްތަށި ދެކަފިވުން

ބުޅި އިސްތަށިގަނޑު ރީތިކޮށް ބަހައްޓާނީ ކިހިނެއް؟

މިއަހަރުގެ މޯލްޑިވިއަން އައިޑޮލްގައި ޖަޖުންނާއި ޕްރެޒެންޓަރުންގެ އިސްތަށިގަނޑު ބުޅިކޮށް ސްޓައިލްކޮށްފައި. -- ފޮޓޯ: މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖު

އިސްތަށިގަނޑުގެ ސްޓައިލްތަކުގެ ތެރެއިން އެންމެ މަގުބޫލު ޓްރެންޑަކީ ބުޅި އިސްތަށިގަނޑެވެ. އެގޮތުން މި އަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ޖަޖުންނާއި މުބާރާތުގެ ބައިވެރިންގެ ތެރޭގައި ވެސް އޮތީ މި ސްޓައިލެވެ.

އިސްތަށިގަނޑު ރީބޮންޑު ކޮށް، ފަން ކުރުމަކީ މީގެ އަހަރުތަކެއް ކުރިން، ވަރަށް މަގުބޫލު ޓްރެންޑަކަށް ވި އެވެ. ނަމަވެސް، މިފަހުގެ ސްޓައިލަކީ އެމީހެއްގެ އިސްތަށިގަނޑުގެ އަސްލު ސިފަ ނުގެއްލޭ ގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމެވެ. މިއަހަރުގެ ފެޝަން ވީކްގައި ވެސް ހެއާ ސްޓައިލިސްޓުން މޮޑެލުންގެ އަސްލު އިސްތަށިގަނޑު ބަދަލު ނުކޮށް، ރީތިކޮށް ސްޓައިލްކޮށްފައި ހުރިތަން ފެނުނެވެ.

އިސްތަށިގަނޑު ބުޅިކޮށް ހުންނަ ދިވެހިން ވަރަށް ގިނަ އެވެ. މިވައްތަރުގެ އިސްތަށިގަނޑު ރީތިކޮށް ސްޓައިލްކޮށް ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިއްމުކަމެވެ. ބުޅި އިސްތަށިގަނޑަކީ އެންމެ ފަސޭހައިން ސްޓައިލް ކޮށް، ބެލެހެއްޓޭނެ ވައްތަރު ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެކެވެ. އިސްތަށިގަނޑު ކިފުޅިވެ އިސްތަށިތަކުގެ ކޮޅުތައް ހަލާކުވުމަކީ މިކަހަލަ އިސްތަށިގަނޑަށް ގިނައިން ދިމާވާ ކަންކަމެވެ. އަންހެންނާއި ފިރިހެނުންނަށް ވެސް ބުޅި އިސްތަށިގަނޑެއް ބަލަހައްޓަން ކުރެވޭނެ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

ބުޅި އިސްތަށިގަނޑެއް ރަނގަޅަށް ބަލަހައްޓާ ނަލަކޮށް ސްޓައިލް ކުރުމަކީ މުހިއްމު ކަމެއް.

ޝޭމްޕޫ ބޭނުން ކުރުން މަދުކޮށްލާ

ބުޅި އިސްތަށިގަނޑަކީ އާއްމުކޮށް އެހެން ވައްތަރުތަކުގެ އިސްތަށިގަނޑަށްވުރެ ހިކި ނުވަތަ ޑްރައި އިސްތަށިގަނޑެކެވެ. އެެގޮތުން އާއްމުކޮށް ލިބެން ހުންނަ ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ޝޭމްޕޫ ކުރުމުން އިތުރަށް އިސްތަށިގަނޑު ހިކިވެ ހަލާކުވާނެ އެވެ. އެއީ ޝޭމްޕޫގައި އެކުލެވިގެންވާ ސޯޑިއަމް ލައުރިލް ސަލްފޭޓަކީ ލޮނާއި ޑިޓާޖެންޓު ފަދަ މާއްދާ އެކެވެ. މިއިން ބޮލުގެ ހަންގަނޑު ސާފު ކޮށްދޭނެ އެވެ. ނަމަވެސް، ބުޅި އިސްތަށިތައް އަވަހަށް ހިކޭނެ އެވެ. އެގޮތުން ސަލްފޭޓް ފްރީ ޝޭމްޕޫއަކުން ބޯ ދޮވެލުން ބުއްދިވެރިކަމަށް ގިނަ ހެއާ ސްޓައިލިސްޓުން ނަސޭހަތްތެރިވެ އެވެ.

މޯލްޑިވިއަން އައިޑޮލްގައި ބޯބުޅި ބައިވެރިން މިފަހަރު ގިނަ. -- ފޮޓޯ: މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖު

މޫދަށް އެރުމުން އިސްތަށިގަނޑުގެ ބުޅިތައް ރީތިވޭ، އެކަމަކު ސަމާލުވާތި

މޫދަށް ފަތަން ދާ ދުވަހެއް ނަމަ އިސްތަށިގަނޑުގެ ބުޅިތައް ވަރަށް ރީތިވާކަން ފާހަގަވޭ ހެއްޔެވެ؟ ލޮނު ފެނުގައި އިސްތަށިގަނޑު ގިނައިރުވަންދެން ތެމުމުން، ބުޅިތައް ގުދުރަތީ ގޮތުން ރީތިވިޔަސް، ކޮންޑިޝަނާއެއް ބޭނުން ނުކޮށްފި ނަމަ އަވަހަށް ހަލާކުވާނެ އެވެ. މޫދަށް އެރުމަށް ފަހު، އިސްތަށިގަނޑު ވާރޭ ފެނުން ދޮވެލާށެވެ. އަދި ރަނގަޅު ބްރޭންޑެއްގެ ކޮންޑިޝަނާއެއް ބޭނުންކޮށްގެން އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްލާށެވެ. މީގެ ސަބަބުން އިސްތަށިގަނޑު އިތުރަށް މަޑުވެފައި "ބައުންސީ" ވާނެ އެވެ. ލީވް އިން ކޮންޑިޝަނާ އަދި އެކި ވައްތަރުގެ ކޮންޑިޝަނިން ހެއާ މާސްކްސް އިސްތަށިގަނޑުގައި ބޭނުންކުރުން އާދައަކަށް ހެދުން ވަރަށް މުހިއްމެވެ.

ސްޓައިލް ކުރާނެ ގޮތް! އެކްސްޕާޓެއްގެ ނަސޭހަތް

ރޮކް ޕެޕާ ސިޒާޒްގެ ސީނިއާ ސްޓައިލިސްޓް މީކާއިލް ބުނާގޮތުގައި ބުޅި އިސްތަށިގަނޑަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ފެންނަ ސްޓައިލެވެ. އަދި ރާއްޖެއަކީ ހޫނު ގައުމަކަށް ވުމުން މިކަހަލަ އިސްތަށިގަނޑު އަވަހަށް ހިކެ އެވެ. އެގޮތުން، ބޮލުގައި ޝޭމްޕޫ ލުމަށް ފަހު، އިސްތަށިގަނޑުގައި ކޮންޑިޝަނާއެއް ބޭނުންކޮށްފައި ބޮޑު ފުނަލަކުން ފުނާ އަޅާށެވެ. ދެން އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ޕްރީ ސްޓައިލިން ކްރީމެއް ނުވަތަ މޫސްއެއް އުނގުޅާލާށެވެ. މިއިން އިސްތަށިގަނޑު ވަރަށް މަޑުކޮށްލަދޭނެ އެވެ.

މީކާއިލް ބުނާގޮތުގައި އަތުން އިސްތަށިގަނޑު "ކްރަންޗް" ކޮށްލުން ވަރަށް މުހިއްމެވެ. އެއީ އެކި ބައި ބަޔަށް މުށުތެރެއަށް އިސްތަށިގަނޑު ލައިފައި ފިތްތާލުމެވެ. މިހެން ސްޓައިލް ކޮށްލުމަކީ ނެޗުރަލްކޮށް ބުޅި ރީތިކޮށްލެވޭނެ އުކުޅެކެވެ. އިސްތަށިގަނޑު މިގޮތަށް ސްޓައިލްކޮށްލުމަށް ފަހު، ބްލޯ ޑްރަޔާއެއް ބޭނުންކުރުން، ފުނާ އެޅުން ނުވަތަ ފުނާ އެޅުމުން ދުރުވުމަކީ ބުއްދިވެރިކަމެއް ކަމަށް މީކާއިލް ބުންޏެވެ.

އިސްތަށިގަނޑު ކޮށާނެ ގޮތް

ބުޅި އިސްތަށިގަނޑުގައި ފަސޭހައިން ގޮށް ޖެހި، ދެކަފިވުން ފަދަ ކަންތައްތައް ދިމާވުން އެކަށީގެންވެ އެވެ. އެގޮތުން، ކޮންމެ ދޮޅު މަހަކުން އިސްތަށިގަނޑުގެ ކޮޅުތައް ކޮށާލުމަކީ ރަނގަޅު ކަމެކެވެ. ސްޓައިލިސްޓުން ބުނާ ގޮތުގައި ބުޅި އިސްތަށި ހިކިކޮށް ހުންނަ އިރު 30 ޕަސެންޓަށް ވުރެ ކުރުވެ އެވެ. އެގޮތުން އިސްތަށިގަނޑު ހިކިކޮށް ހުންނަ އިރު ކޮށުން ބުއްދިވެރި އެވެ. އަދި ބުޅި އިސްތަށިގަނޑަށް އެންމެ ރަނގަޅު ހެއާ ކަޓަކީ ލެޔާ ކަޓް އެވެ. މިއީ އިސްތަށިގަނޑުގެ ބުޅިތައް ރީތިކޮށް ދައްކުވާދޭ އަދި ނަލަ "ބައުންސް" އެއް ވެސް ދޭ ޒާތުގެ ސްޓައިލެކެވެ.

ކާނާ ވެސް މުހިންމު

އިސްތަށިގަނޑުގައި ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ އިތުރުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުން އިސްތަށިގަނޑު ވަރުގަދަވެ އެވެ. ތަރުކާރީ، މޭވާ އަދި އެކި ވައްތަރުގެ ލީން ޕްރޮޓީން ޑަޔަޓުގައި ހިމަނާށެވެ. އަދި ގިނައިން ފެން ބުއިން އާދައަކަށް ހަދައިފި ނަމަ ހަށިގަނޑާއި އިސްތަށިގަނޑުން ވެސް ފެން މަދު ނުވެ ހުންނާނެ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454