ސިނަލޮއާ ކާޓެލްގެ އެއް ފައުންޑަރު ކަމަށްވާ އިސްމާއެލް ޒަމްބާޑާ ގާސިއާ (އެލް މާޔޯ)
31 ޖުލައި 2024 - 06:50
މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މެކްސިކޯގެ ސިނަލޮއާ ކާޓެލްގެ ވެރިއެއް ކަމަށްވާ އިސްމައީލް ޒަމްބާޑާ (އެލް މާޔޯ) އެމެރިކާއިން ހައްޔަރުކުރީ ދުރާލައި ރާވައިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެމެރިކާއިން އިންކާރުކުރާ ކަމަށް މެކްސިކޯއިން ބުނެފި އެވެ.
މެކްސިކޯގެ ސެކިއުރިޓީ މިނިސްޓަރު ރޯސާ އައިސެލާ ރޮޑްރިގޭޒް ވިދާޅުވީ މެކްސިކޯގެ ވޯންޓެޑް ލިސްޓުގެ ކުރީގައި އޮންނަ އެލް މާޔޯ ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރާ ކަމުގެ މައުލޫމާތު އެމެރިކާއަށް ލިބުނީ ހައްޔަރުކުރި ވަގުތުގެ ދެ ގަޑިއިރު ކުރިން ކަމަށެވެ.
މެކްސިކޯގެ އެތެރޭގެ ދަތުރެއްގައި ކަމަށް ބުނެ އޮޅުވާލައިގެން ޖެޓަށް އަރުވައިގެން އެމެރިކާގެ އެއާޕޯޓަކަށް ޖެއްސީ އެލް މާޔޯގެ ބައިވެރިން އޭނާއަށް އޮޅުވާލައިގެން ކަމަށް ބުނާ ވާހަކަ އަށް މެކްސިކޯ ސަރުކާރުގެ މި ވާހަކައިން ވަނީ ބާރު ލިބިފަ އެވެ.
އުމުރުން 76 އަހަރުގެ އެލް މާޔޯ ބުރާސްފަތި ދުވަހު ހައްޔަރުކުރީ މިހާރު އެމެރިކާގައި ޖަލަށް ލާފައިވާ، ސިނަލޮއާ ކާޓެލްގެ އެއް ފައުންޑަރު ކަމަށްވާ ޔޯކިން ގުޒްމަން (އެލް ޗަޕޯ) ގެ ދަރިއެއް ކަމަށްވާ ޔޯކިން ގުޒްމަން ލޮޕޭޒްއާ އެކުގަ އެވެ.
ރޮޑްރިގޭޒް ވިދާޅުވީ ގުޒްމަން ލޮޕޭޒްގެ ބައްޕަ ޖަލަށްލި ފަހުން، އޭނާ އެމެރިކާއަށް އަމާންދިނުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަމުގެ މައުލޫމާތު އެމެރިކާއަށް އެކި ފަހަރު ލިބިފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ވެސް ކަން ހިނގީ އެހެން ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އިން މެއި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެލް ޗަޕޯގެ ދަރިންނާއި އެލް މާޔޯއާ ދެމެދު ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
މެކްސިކޯ އިން ބުނީ އެލް މާޔޯ ހައްޔަރުކުރުމުގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
އެމެރިކާއިން ކުރިން ވަނީ އެލް މާޔޯ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް 15 މިލިއަން ޑޮލަރު ވެސް ހުށަހަޅައިފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy