06 އޯގަސްޓް 2024 - 11:25
ބާލިން (އޯގަސްޓް 6 ) މި އަހަރުގެ ޖަރުމަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ކުޅުން ހުއްޓާލި ޓޯނީ ކްރޫސަށް ލިބިއްޖެ އެވެ.
އުމުރުން 34 އަހަރުގެ ކްރޫސް ކުޅުން ހުއްޓާލީ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ އަށް ފަހު އެވެ.
ޖަރުމަނުގެ ކުޅިވަރު ނޫސްވެރިންގެ ޖަމިއްޔާ އާއި ގުޅިގެން "ކިކާ" މަޖައްލާއިން ދޭ އެވޯޑްގައި ކްރޫސާ އެންމެ ގާތުން ވާދަކުރި މިދިޔަ ސީޒަނުގެ ޖަރުމަންގެ ލީގާއި ކަޕް ބެޔާ ލެވަކޫސަން އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ފްލޯރިއަން ވިރްޓްޒެވެ. ތިން ވަނަ އަށް ދިޔައީ ލެވަކޫސަންގެ ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރެނިޓް ޒަކާ އެވެ.
މޮޅު ކުޅުންތެރިޔާ ހޮވުމުގެ ވޯޓްގައި ކްރޫސަށް 285 ވޯޓް ލިބުނެވެ. ވިރްޓްޒަށް 246 ވޯޓެވެ. ޒަކާ އަށް ލިބުނީ 66 ވޯޓެވެ.
ކްރޫޒަށް އެ އެވޯޑް ލިބުމަށް މަގުފަހިވީ ޔޫރޯގައި ޖަރުމަނުގެ ގައުމީ ޓީމާ އެކު ދެއްކި މޮޅު ކުޅުމުގެ އިތުރަށް ރެއާލް މެޑްރިޑުގައި ހޯދި ކާމިޔާބުތަކާ ގުޅިގެންނެވެ. މިދިޔަ ސިޒަނުގެ ލަލީގާގެ ތައްޓާއި ޔޫއެފާ ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށް ދިނުމުގައި ކްރޫސް މުހިންމު ދައުރެއް އަދާކުރި އެވެ.
ގައުމީ ޓީމަށް 2021 ގައި ކުޅުން ހުއްޓާލި ކްރޫސް އަލުން ގައުމީ ޓީމަށް ކުޅެން ނިންމީ އަމިއްލަ ގައުމުގައި ޔޫރޯ ބާއްވާތީ، ރިޓަޔާމެންޓް މެދުކަނޑާލުމަށް ފަހު އަލުން ގައުމީ ޓީމަށް އެނބުރި އަންނަން ޖަރުމުގެ އެފްއޭއިން ދައުވަތު ދިނުމުންނެވެ.
ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2018 ގައި ވެސް ހޯދި ކްރޫސް ބުނީ އަލުން އެ އެވޯޑް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
ކުޅުން ހުއްޓާލަން އިއުލާން ކުރުމުން، އެ ނިންމުން ބަދަލުކުރުމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ކްރޫސްގެ ކިބައިން އެދުނެވެ. އެކަމަކު އޭނާ ނިންމީ ވިސްނުން ބަދަލުނުކޮށް ކުރިއަށް ދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy