ވިޔަފާރި / އެމްޕީއެލް

އެމްޕީއެލް އިން ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ފުޅާކުރަނީ

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އާއި އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މަހުއްމަދު ފިރާގު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

25 އޯގަސްޓް 2024 - 15:14

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސާވިސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގުންނާއި ކަނޑު މަގުން މުދާ އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދޭ ހިދުމަތެކެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ކާގޯގެ ހިދުމަތް އަމަލީކޮށް ފެށި ފަހުން، ދެ ތިން މަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ފެންނަން ފަށާފައިވާ ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ކާގޯ ފޮނުވައިފަ އެވެ. މީގެ ކުރިން ވެސް މި ހިދުމަތް ފަށަން އެއާލައިންތަކުން އެދެމުން އައި ނަމަވެސް މިހާތަނަށް މިކަން އޮތީ ނުވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މިއީ ސްރީ ލަންކާ ފަދަ އެކި ގައުމުތަކުގައި ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޔޫރަޕާއި ދެމެދު އޮތް ވައިގެ ކަނެކްޝަންތައް ރަނގަޅުވެގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތެއް ދޭ ކަމެކެވެ. މި ހިދުމަތާ އެކު ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ބާރު އަޅާ ކަމަށެވެ. މި އެއްބަސްވުމަކީ ވެސް އެ ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެ ކުންފުންޏަކީ މި ހިދުމަތް ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށެވެ. އަދި ގަތަރު އެއާވޭސް އަކީ މިހާރު ވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް އަޅާ އެއާލައިނަކަށް ވުމުން މި ހިދުމަތުގެ ކުރިމަގު އުޖާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް ތައާރަފްކޮށް މި ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓު މެއި މަހު ވަނީ ރާއްޖެއިން ފޮނުވައިފަ އެވެ. މި ހިދުމަތް ފުރަތަމަ ފެށީ ޓާކިޝް އެއާލައިނާ އެކު އެވެ. މި އެއާލައިނާ އެކު ގެނައި ފުރަތަމަ ޝިޕްމަންޓަކީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން ގެނައި ގާމެންޓް ޝިޕްމަންޓެކެވެ. ރާއްޖެއިން ޓާކިޝް އެއާލައިންސް މެދުވެރިކޮށް މި ޝިޕްމަންޓް ވައިގެ މަގުން ފޮނުވާލީ ޖަރުމަނަށެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް މެދުވެރިކޮށް ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި ޖުމްލަ 41 ޓީއީޔޫގެ ގާމެންޓް ވަނީ ރާއްޖެއިން ދުނިޔޭގެ އެކި މަންޒިލްތަކަށް އެކްސްޕޯޓްކޮށްފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454