މާފުށި ޖަލުގެ ބައެއް ގައިދީން.-- ފޮޓޯ: ކަރެކްޝަންސް
29 އޯގަސްޓް 2024 - 15:55
ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށް މަސައްކަތް ދަސްކޮށްދީ އުފެއްދުންތައް ހަދައި މާކެޓަށް ނެރެ އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ބައެއް ގައިދީންނަށް ލިބޭ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީ ޖަލުގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރާއްޖޭގެ ސަގާފަތާއި ސަގާފީ ހަރަކާތްތައް ދިރުވައި އާލާކޮށް، މީހުންނަށް ދަސްކޮށްދީ ރައްޔިތުންގެ ތެރޭގައި އެކަމަށް ލޯބި ޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އަދި ދެމެހެއްޓެނި ގޮތެއްގައި އެކަން ކުރެވޭނެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށާއި ރައީސް ދެއްވާފައިވާ ގައިޑެންސާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމިއްޔަތާއި ސަގާފަތް ހިމަނައިގެން ގައިދީން ރިހެބިލިޓޭޓް ކުރުމަކީ ރައީސްގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި މިއަދު މާފުށީ ޖަލުގައި ހުޅުވި ސަގާފީ ގޯއްޗަކީ ރާއްޖޭގައި އެގޮތަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަށްވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ | މިނިސްޓްރީ
"ރައީސް ދެއްވާފައިވާ ގައިޑެންސާ އެއްގޮތަށް އަޅުގަނޑު މި ވިސްނަނީ މި ތަނުގައި ކުރެވޭ މަސައްކަތްތަކަކީ ގައިދީންނަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތްތަކަށްވާނެ ކަމަށް. އަދި އެ މަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ މުސާރައިގެން ގޮތުގައި ލިބޭނެ ގޮތްތަކެއް ހޯދުން،" އިހުސާން ވިދާޅުވި އެވެ.
އެގޮތުން، ގައިދީން ތައްޔާރުކުރާ އުފެއްދުންތައް ޖަލުގެ ތެރޭގައާއި އެއާޕޯޓުގެ ތެރެއިން ޖާގައެއް ހޯދައިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވިއްކޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ ތަޅުލެވިގެން 24 ގަޑިއިރު ތިބޭ ބަޔަކަށް ނުވެ މަސައްކަތްތެރި އުފެއްދުންތެެރި ބަޔަކަށްވެ، ރަނގަޅުވެ މުޖުތަމައުއަށް ނިކުމެ އެ މީހުންގެ އާއިލާގެ ކަންތައްތައް ބެލެހެއްޓުމުގައި ޒިންމާދާރު ދިވެއްސެއްގެ ގޮތުގައި އުޅޭތަން ފެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތަށް ކަންކަން ކުރެވޭ ގޮތަށް ކަރެކްޝަންސްގެ ގާނޫނުތައް ވެސް ބަދަލު ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
30 August 2024
ގައިދީ ލައްވާ ކުރުވާ މަސައްކަތަކީ އާއްދަނީއެއް ލިބޭ މަސައްކަތެއްނޫން. ނާއްޓަކުން ޓޫރިސްޓުންނަށް ވިއްކާ އެއްޗެއް ކަހަލަ އެއްޗެހި މިތައްޔާރު ކުރުވަނީ. އޭގެ ބަދަލުގައި ގާ އެޅުވުން ކަހަލަ ކަންކަން ކުރުވުމުން، އެތަކެތި ދައުލަތުގެ ކުންފުނިތަކަށް ވިއްކަން ފަސޭހަ ވެފައި އާމްދަނީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޮންނާނެ. ނާށިން ހަދާ އެތި ނުވިކި އެހުންނަނީ.
އަނެއް ޓްރެންޑު
29 August 2024
ކެއުމާ ހުރުމަށާ ބެލެހެއްޓުމަށް ކުރާ ޚަރަދު ކަނޑާފަ ތޮދޭ އެއްޗެއްދީ.
މާފުށި ވިލެޖް
29 August 2024
ރަނގަޅު ކަމެއް
އަޅި އަލީ
29 August 2024
ގައިދީން ލައްވާ ހެދިކާ އާއި ފެކެޓް ކުރި ދިވެހި އުފެއްދުންތައް ތައްޔާރު ކުރުވަންވީ! އަދި ބާޒާރަށް ނެރެންވީ އެވެ!
ބުޅާރާއްޖެ
31 August 2024
ބަންގްލާ ބޭފުޅުންގެ ފުޅާ ވިޔަފާރި ނައްތާލަން ތިކަން ކުރުން ވަރަށް މުހިއްމު
ޑރ ވާންޗޯ
29 August 2024
އޯގަދަ ސަރުކާރުންވެސް ޑްރަގްގެ މާކެޓްއަށް ނިކުންނަނީތަ؟.