ޖަލުތަކުން ކުރާ ސްކޭމް ކޯލުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިރު ޖަލުން ސްކޭމް ކޯލްތައް ކުރުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން ވަރަށް ބޮޑަށް އިތުރުކުރަން ފާހަގަކުރެވުނު ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެކަން ހައްލު ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން އެ ކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު 19 ޖަލު އޮފިސަރެއް ވަކިކޮށް، ގިނަ އަދަދެއްގެ ފޯނު ޖަލުން ވަނީ އަތުލައިފަ އެވެ.
މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކުރި އެވެ.
މި އޮޕަރޭޝަނަށް ފަހު މި މައްްސަލަ ކުރިއަށް ވުރެ ބޮޑަށް ހައްލު ކުރެވިފައިވާ ކަމަށާއި ނަމަވެސް 100 ޕަސެންޓު ނުހުއްޓުވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"...ޖަލުން މިކަމުގެ ތެރޭގައި ބައިވެރިވާލެއް ވަރަށް ބޮޑު ތަނުން ކުޑަވެފައި މިހާރު މިއޮތީ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުން ކުރާ ސްކޭމް ކޯލުތައް އެއްކޮށް ހުއްޓުވުމަށްޓަކައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަގާމާ ހަވާލުވެވަޑައިގަތް އިރު ޖަލުތަކުގެ ހާލަތު އޮތީ ޖަލަށް މަނާ ތަކެތި ވެއްދުން މަގުފަހިވާ ގޮތަށް ކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އޭރު ޖަލަށް ވަންނަ އޮފިސަރުން ޗެކް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
ނަމަވެސް، މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓާއެއް ހަރުކޮށް، ފުލްބޮޑީ ސްކޭން ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޭމް ކޯލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފުލުހުންގެ ހިދުމަތުގައި ސްކޭމް ސެންޓަރެއް ގާއިމްކޮށް، ސްކޭމް ކޯލްތަކުން ގެއްލޭ ފައިސާ ހޯދާ ސްޕީޑު ވެސް ވަނީ އަވަސްކޮށްފަ އެވެ.
ބޮޑެތި ސްކޭމްތައް ޖަލުތަކުން ހިންގާއިރު އޮޅުވާލައިގެން ފައިސާ ފޭރިގަންނަ މި މައްސަލަތަކުގައި މާފުށީ ޖަލުގެ ގައިދީންނާ އެކު ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންގެ ވެސް ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުނެފަ އެވެ.