ކ. މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ފުރަތަމަ ފަހަރަށް ރޭ ބަހައްޓައި، ޖަލަށް އެތެރެކުރާ ތަކެތި ސްކޭން ކުރަން ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިން، ހޯމް މިނިސްޓަރު އަލީ އިހުސާން އިފްތިތާހު ކޮށްދެއްވާފައިވާ ކަމަށެވެ.
"މިއީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް، އަދި މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން،" ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މިއީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މެޝިނެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މި މަހުގެ ފަސްވަނަ ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާ ތަކެތި ވައްދައި، ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު މާފުށީ ޖަލަށް ގެނެސްފައިވާކަން ހާމަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ އެ މެޝިން އިންސްޓޯލްކޮށް، ތަމްރީނު ދީ، އަންނަ އޭޕްރީލް މަހު ބޭނުންކުރަން ފަށާނެ ކަމަށެވެ. މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި އެ ބާވަތުގެ އެހެނިހެން ކަންކަން ހުއްޓުވުމަކަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ފޯންކޯލްތަކުގެ ޒަރިއްޔާއިން ހިންގާ ސްކޭމްތަކުގައި ޖެހި، އެކި މީހުންގެ އަތުން އެތައް މިލިޔަން ރުފިޔާއެއް ގެއްލެ އެވެ. އޭގެ ތެރެއިން ގިނަ ކޯލްތަކަކީ ގައިދީން ކުރާ ކޯލުތަކެވެ.
ގައިދީން އެކި މީހުންނަށް ގުޅައިގެން ގާނޫނާ ހިލާފު އަމަަލުތައް ހިންގަމުންދާކަން ފާހަގަކުރެވިގެން ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެފަދަ ކޯލްތައް ރިޕޯޓްކުރާނެ އިންތިޒާމެއް ވެސް ހަމަޖައްސައިފަ އެވެ.
އެ ކޯލްތައް ރިޕޯޓްކުރަން ޖެހެނީ ސަރުކާރުގެ އިދާރާތައް ގުޅުވައިދޭ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވް ޑޮޓް އެމްވީ"ގައިވާ ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓް މެދުވެރިކޮށެވެ.