02 ސެޕްޓެމްބަރ 2024 - 09:29
މެޑްރިޑް (ސެޕްޓެމްބަރު 2) – ރެއާލް ބެޓިސް ކޮޅަށް ދެ ލަނޑު ޖަހައި، ކުރިން ކުޅުނު ތިން މެޗުގައި ލަނޑެއް ނުޖެހުމުގެ ބުރައިން ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިޔަން އެމްބާޕޭ މިންޖުވެއްޖެ އެވެ.
ޕީއެސްޖީ ދޫކޮށް މި ސީޒަނުގައި ރެއާލަށް ބަދަލުވި އެމްބާޕޭ އަށް، ރޭގެ މެޗާ ހަމައަށް އައިރު ލަލީގާގައި ލަނޑެއް ޖެހިފައެއް ނުވެ އެވެ.
އެ ބުރަ އޭނާގެ ކޮނޑުން ނެގީ ރެއާލް ބެޓިސް އަތުން 2-0 އިން ރެއާލް މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިގެންނެވެ. ލަލީގާގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި ފެޑެރީކޯ ވަލްވޭޑޭ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ފަހަތަށް އެނބުރި ހުރެ ވަލްވާޑޭ ފުންނާބުން ދިން ބޯޅަ އެމްބާޕޭ ވަނީ ބެޓިސްގެ ކީޕަރު ބޯޅައަށް ނުކުމެނުކުމެ އޮއްވައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
އޭނާގެ ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑަކީ ރެއާލްގެ ޖޯޒީގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ މިދިޔަ މަހު ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގަ އެވެ.
ރޭގެ މެޗަށް ފަހު އެމްބާޕޭ ބުނީ، ލަނޑު ނުޖެހުމުގެ ޕްރެޝަރެއް އޭނާ އަށް ނެތް ކަމަށެވެ. ނަމަވެސް އޭނާ އަށް އުނދަގޫ ވީ ޓީމަށް ހޭނެން ކަމަށް ބުންޏެވެ.
"އަހަރެންގެ މުޅި ކެރިއަރުގައި ވެސް އަހަރެން ލަނޑު ޖަހަން. އެހެންވީމަ އަހަންނަށް އެނގޭ ލަނޑު އަންނާނެކަން. އެ ޕްރެޝަރެއް ނެތް،" އެމްބާޕޭ ބުންޏެވެ.
އެކަމަކު އެމްބާޕޭ ބުނީ ތިން މެޗުގައި ލަނޑެއް ނުޖެހުމަކީ އޭނާ އަށް ލަނޑެއް ނުޖެހި ދިޔަ ވަރަށް ދިގު މުއްދަތެއް ކަމަށެވެ.
ލަލީގާގައި އޭނާގެ ފުރަތަމަ ލަނޑު ރެއާލްގެ ސެންޓިއާގޯ ބާނެބުއޭގައި ޖެހުމަކީ ލިބުނު ޝަރަފެއް ކަމަށް އެމްބާޕޭ ބުންޏެވެ.
"ލެޖެންޑްރީ ސްޓޭޑިއަމްގައި ލަނޑު ޖެހުމަކީ އުފަލެއް. މިއީ ދުނިޔޭގެ އެންމެ ފުރިހަމަ ސްޓޭޑިއަމް. އަހަރެން ލަނޑު ނުޖަހާއިރު ވެސް ސަޕޯޓަރުން އަހަންނަށް ތަރުހީބު ދިން،" އެމްބާޕޭ ބުންޏެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނި ގޮތުގައި ލަނޑު ޖަހަން، އެމްބޭޕާ އަށް އެއްވެސް ޕްރެޝަރެއް ކޯޗެއްގެ ހައިސިއްޔަތުން އޭނާ ނުދެ އެވެ. އެމްބާޕޭ ޖެހި ޕެނަލްޓީއަކީ ވިނީޝިއުސް ޖޫނިއާ އަށް ބެޓިސްގެ ޑިފެންޑަރު ފައުލު ކުރުމުން ދިން ޕެނަލްޓީއެކެވެ.
ރެއާލްގައި ޕެނަލްޓީ ޖެހުމުގެ ތަރުތީބުގައި އެންމެ ފުރަތަމަ އޮންނަނީ ވެސް ވީނީގެ ނަމެވެ. އެކަމަކު އޭނާ ވަނީ އެ ޕެނަލްޓީ ޖަހަން އެމްބާޕޭ އަށް ފުރުސަތު ދީފަ އެވެ. އަންޗެލޮޓީ ބުނީ ވީނީގެ ފަރާތުން ފެނުނީ އެއްވެސް ދަހިވެތި ކަމެއް ނެތި އެހެން ކުޅުންތެރިންނަށް ވެސް ކުރިއެރުން ހޯދައި ދޭން ބޭނުންވި ސިފަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެެ
02 September 2024
ދެ މެޗްގައި ލަނޑު ނުޖެހުނީމަ ބުރައަކަށް ވީ ކިހިނެއް؟؟؟