"ދިވެހި ގައުމިއްޔަތުގެ އިސްވަރު" ކޮލެޖުގެ ކައުންސިލަށް ހަމަޖެއްސެވި ކަށީމާ އަހްމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމު ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ސެޕްޓެމްބަރ 2024 - 11:36
ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމި ހާއްސަ ކޮލެޖު "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.
ރައީސް މި ކޮލެޖު އިފުތިތާހު ކޮށްދެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
"ދިވެހި ގައުމިއްޔަތުގެ އިސްވަރު" އުފެއްދީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ.
މިއަދުގެ ޖަލްސާގައި އެ ކޮލެޖާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެއީ ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ގައުމިއްޔަތު އިޔާދަކުރެއްވުމުގެ ގައުމީ ނިޒާމުގެ އެންމެ މުހިންމު އެއް ގުނަވަނެވެ.
President Dr @MMuizzu presents the official appointment letters to the members of "Dhivehi Gaumiyyathuge Isvaaru"
— The President's Office (@presidencymv) September 4, 2024
“Dhivehi Gaumiyyathuge Isvaaru" was inaugurated at the official function commemorating this year's National Day. The establishment of the “Dhivehi Gaumiyyathuge… pic.twitter.com/QMZd76LXA4
މި ކޮލެޖު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.
އެ އިން ކޮންމެ ދާއިރާއަކަށް މިއަދުގެ ޖަލްސާގައި ރައީސް ވަނީ އިސް ބޭފުޅުން އައްޔަންކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ މި ކޮލެޖުގެ ކައުންސިލްގައި ތިއްބަވާނެ ފަސް ބޭފުޅުންނެވެ. އެއީ؛
• މަރިޔަމް ތައުފީގާ، މ. ޑްރީމީ ލައިޓް (ދިވެހި ބަހުގެ އިސްވާރު)
• ކަށިމާ އަހްމަދު ޝާކިރު، މއ. ކަށިމާ (ދިވެހި ތާރީހުގެ އިސްވާރު)
• ހަސަން ޒަރީރު، ލޮނުފެން، ސ. މަރަދޫ (ދިވެހި ތަރިގައިގެ އިސްވާރު)
• މުހައްމަދު އަބްދުލްގާދިރު، ގ. ގޯޅިތޭރެގެ (ދިވެހި ސުމޭކުގެ އިސްވާރު)
• މަރިޔަމް އިޝާ އަޒީޒް، ހ. ހާދި (ދިވެހި ފަންނުގެ އިސްވާރު)
ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި، "ވަރު" އަކީ ގައުމީ ދުވަހުގެ ބަތަލު ރާއްޖެ މިނިވަންކުރުމަށް ފަހު، ކަންކަން ބެލެހެއްޓުމަށް އުފެއްދި ގްރޫޕްތަކަށް ކިޔާ އުޅުނު ނަމެކެވެ. އެ ކޮލެޖަށް "އިސްވަރު" ކިޔަން ނިންމެވީ އެހެންވެ އެވެ.
އެ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ ނުވަ މަސްދުވަހުގެ ތެރޭ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ވިލަރެސްވެރީން ވަނީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި އެ ގައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާތައް ހަދައިފައި ކަމަށެވެ. އަދި އިލްމީ ފަންނީ އެކި ދާއިރާތަކުން، 800 އަށް ވުރެ ގިނަ ބޭފުޅުންނަށް މިހާރު ވަނީ ދިވެހި ގައުމިއްޔަތުގެ އަސާސީ އަސްލުތައް އިލްމީ ގޮތުގާ ފޯރުކޮށްދީފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު ދިވެހި ގައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފައި. މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް،" ރައީސް ވިދާޅުވި އެވެ.
"މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބާޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް."
ރައީސް ވިދާޅުވި ގޮތުގައި، އެ ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކަ އާއި ސަގާފަތާއި ތާރީހާ އަމިއްލަވަންތަ އަސްލުތަކަށް އިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަހައްޓަމުން ގެންދިޔުމެވެ. އަދި ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންބޭ
04 September 2024
2014 ޖުލައި 8 ވަނަ ދުވަހުން ފެށިގެން، ދިވެހިބަހުގެ އެކަޑަމީ އިން ނެރެމުންދާ ބަސްތޫރަ ސިލްސިލާގެ 6 ވަނަ ޢަދަދުގައި އެބައޮތް "އިސްވާރު" އަކީ އިނގިރޭސި "ލީޑަރ"ގެ މާނަ ކަމަށް ބުނެދީފައި. އެހެންވީމާ "އިސްވާރު" މިބަހަށް އިތުރު މާނައެއް ދެއްވީތޯ؟ ސްކޫލުތަކުގައި މި ބަސްތޫރަ އެބަ ކިޔަވައިދޭ! މިކަން ސާފުވުން ވަރަށް މުހިންމު... ނޫނީ ރަސްމީކޮށް ބަސްތަކަށް މާނަދީފައި ޖެހިގެން އަންނަ ދުވަހު ބަދަލުވެދާނެ... https://dhivehiacademy.edu.mv/18481
ބޮއްޅަބެ
06 September 2024
އިސްވާރު އެއްނޫން ވާންޗޯ( އިސްވަރު)
ޒޫނާ މުހައްމަދު
04 September 2024
ރައީސް މުއިއްްޒް މި ގެންނަނީ މުޅިންވެސް އިންގިލާބީ ކަންކަން.
މަހްދީ މުހައްމަދު
04 September 2024
ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން ދިވެހި ގައުމިއްޔަތު ކުރި އަރާނެ ހަމަ ގައިމުވެސް
ހަނީފް އިމްތިޔާޒް
04 September 2024
މީގެ ސަބަބުން ދިވެހި ގައުމުގެގެ ގައުމިއްޔަތު އަންނަން އޮތް ޖީލު ތަކަށް ފޯރުކޮށްދެވޭނެ
އަބްދުލް މަޖީދު
04 September 2024
މީ ދިވެހި ތަރިކައާ ސަގާފަތް ދިރުވަން ހުޅުވި ވަރަށް މުހިއްމު މޮލެޖްއެއް
އަހުމަދު ވަރު
04 September 2024
ޢޮންލައިން ކޯސްތަށް ވެސް އޮންނާނެތަ؟؟؟ ނުވަތަ މާލެ ގޮސްގެން ތަ ތި ކޯސް ވެސް ހަދަން ޖެހޭނެ.
ހެހެހެހެހެ
04 September 2024
ގަވްމިއްޔަތު މިހާރު ބޮޑު ޖޯކަކަށްވެއްޖެ!
ޚސކސކ
04 September 2024
ނޫސްތަކުގެ ކޮމެންޓުތައް ބަލާލީމާ ބަހުގެ ފެންވަރު ފެނޭ. އެކަމަށް ހައްލެއް ނެތްބާ
ކާނިި
04 September 2024
ސުމާކަކީ ކޯއްޗެއް؟
ލޯބިވާ ގައުމު
04 September 2024
މި ގައުމަށް މިހާރު ބޭނުންވަނީ ގައުމިއްޔަތު ދިރުވުމަށްވުރެ މި ގައުމުގެ ހާލަތާ ނުބައްދަލު ޚަރަދުތައް ކުރުން ހުއްޓާލާނެ ވެރިއެއް. ގައުމިއްޔަތަށް ލޯބިވާންވާނީ ގައުމުދެކެ ލޯބި ވުމަށް ފަހު. ގައުމަށް ލޯތްބެއް ނެތި ލޮލުގައި އަޅުވާ އަދުނެއް ގޮތަށް ގައުމިއްޔަތު ބޭނުންކުރާތަން މިހާރު މިފެންނަނީ.