ރޮނާލްޑޯ ރޭ ކްރޮއޭޝިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ޔުއެފާ
06 ސެޕްޓެމްބަރ 2024 - 06:42
ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަތުން ރޭ 2-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި އެވެ.
އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ މި އަދަދަށް ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ ޖަހާފައިވަނީ 838 ގޯލެވެ.
ރޮނާލްޑޯގެ 900 ގެ ގޯލުގެ ތެރެއިން 131 ގޯލަކީ ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވާ ގޯލުތަކެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއް ބައި ގޯލަކީ ކްލަބް ލެވެލްގައި ރެއާލް މެޑްރިޑަށް ޖަހައިދިން ގޯލުތަކެވެ.
ރޮނާލްޑޯ 900 ވަނަ ގޯލު ޖެހީ ރޭ ލިޒްބަންގެ ދަނޑުގައި ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ނަގައިދިން ހުރަހެއް ކުޑަ އޭރިއާ ރޮނގުމަތީ ހުރެ ވޮލީއަކުންނެވެ. އޭނާ ކެރިއަރުގެ ފުރަތަމަ ގޯލު ޖެހިތާ 20 އަހަރު ފަހުން މި ހާސިލްކުރެވުނު ކާމިޔާބާ އެކު ރޮނާލްޑޯ ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ރޮނާލްޑޯ މެޗަށް ފަހު ބުނީ 900 ގޯލު ހަމަކުރެވުމަކީ ފެންނަ ފެނުމަށް އާދައިގެ ކަމެއްހެން ހީވިޔަސް އެ ހިސާބަށް ދިއުމަށް ކޮންމެ ދުވަހަކު ކުރި ބުރަ މަސައްކަތް ކުރި ކަމަށެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ ވަރަށް ހާއްސަ ރެކޯޑެއް. ހަގީގަތުގައި އަހަރެން ރެކޯޑެއް ނުމުގުރަން. ރެކޯޑްތައް އަހަރެން ފަހަތުން އަންނަނީ،"
ރޮނާލްޑޯގެ ގޯލުގެ ކުރިން ޑިއޯގޯ ޑަލޯ ވަނީ ހަތް ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދީފަ އެވެ. ކްރޮއޭޝިއާ އަށް ތަފާތު ކުޑަކުރެވުނީ 41 ވަނަ މިނެޓުގައި ޑަލޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެެ.
ނޭޝަންސް ލީގުގެ މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ޕޮލެންޑް ވަނީ 3-2 އިން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ. ދެން އޮތީ އާދީއްތަ ދުވަހުގެރޭ ޕޯޗުގަލް އާއި ސްކޮޓްލެންޑް ކުޅޭ މެޗާއި، ކްރޮއޭޝިއާ އާއި ޕޮލެންޑް ވާދަކުރާ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްރަތު
06 September 2024
މަރުހަބާ ސރ7 . އަދިވެސް ކުރިއެރުމާއި ކާމިޔާބީއަށް އެދެނީ.