12 ސެޕްޓެމްބަރ 2024 - 12:13
ރައްޔިތުން ތަމްސީލުކޮށް ހިދުމަތް ފޯރުކޮށްދޭ ނިޒާމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަށް ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ދެކޮޅު ހަދައިފި އެވެ.
އެ ޖަމިއްޔާއިން އިއްޔެ އާއްމުކުރި ގަރާރުގައި ބުނީ، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މަގުސަދުތަކާ ބިނާވެށި ގާނޫނު ތައާރަޒްވާ ކަމަށެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ތަސްދީގުކުރައްވާފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ބުނީ ރައްޔިތުން ތަމްސީލުކޮށް ހިދުމަތް ފޯރުކޮށްދޭ ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް އެ ގާނޫނުގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނެ ގޮތަށް ރާވައި ތަރުތީބު ކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް ބުންޏެވެ.
އެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރު ކަމަށް އެ ގާނޫނުގައި އެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން އެ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ނިންމާނީ ރަށުގެ އާއްމުންގެ ބައިވެރިވުމާ އެކު ކައުންސިލުންނެވެ.
ގަރާރުގައި ބުނީ ބިނާވެށި ގާނޫނަށް ހިޔާލު ހޯދުމުގެ ހުރިހާ މަރުހަލާއެއްގައި އެ ޖަމިއްޔާ އާއި މެމްބަރު ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް ވަރަކަށް މަޖިލީހުން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ މަޝްވަރާކޮށްފައިނުވާ ކަމަށާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާ އެ ގާނޫނު ތައާރަޒުވާ ކަމަށް ވެސް ބުންޏެވެ.
"އެ ވުޒާރާއިން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކޮށް، މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މި ގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާހިރުން އެކަހެރި ކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅިއްޖެ އެވެ." ގަރާރުގައި ވެ އެވެ.
"ދިގު ޒަމާންތަކަށް ފަހު ކަނޑައެޅިގެން ދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލުމުގެ ބާރު ވަޒީރަކަށް ލިބެ އެވެ. މުޖުތަމައުގެ ބަހެއް ނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މި ގާނޫނުން ބަންދުކޮށް، ވަޒީރެއްގގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެ އެވެ."
އެ ޖަމިއްޔާއިން ބުނީ އެފަދަ ގާނޫނުތައް އުފަންކޮށްގެން އާއްމުންގެ އެއްވެސް ބަހެއް ނެތި މިނިސްޓަރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހިންނަށް ފައިދާނުވާ ކަމަށެވެ. ރައްޔިތުންގެ ބަހާއި ބައިވެރިވުމާ ނުލައި ހިންގާފައިވާ ހަރަކާތްތަކުން ފެންނަނީ، ކައުންސިލްގެ ޖަމިއްޔާއިން ބުނިގޮތުގައި ބޮޑެތި ވައްކަމާއި ހިޔާނާތާއި ޓެކުންކަމަށް ރާއްޖޭގެ ތާރީހުން ދައްކައިދޭ ކަމަށެވެ.
އެ ކަންބޮޑުވުންތަކާ ހެދި އެ ޖަމިއްޔާއިން ވަނީ ބިނާވެށި ގާނޫނު އަނބުރާ އިސްލާހުކޮށް، އެ ގާނޫނު މިހާރު އޮތްގޮތާ ދެކޮޅު ހަދައި އިސްލާހުކުރުމަށް ވަކާލާތުކޮށް، މަސައްކަތްކުރަން ވަނީ އިގުރާރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލުބަލާ
16 September 2024
ސަރުކާރުން އުޅެނީ އަތޮޅުތެރެ ފަޅުކުރަން
އަސްލު ވެސް
12 September 2024
ކަލޭމެން އަބަދުވެސް އުޅޭނީ ސަރުކާރުން ގެންނަ ތަރައްގީޔާ ދެކޮޅައް. އެހެން ސަރުކާރުތަކުން ކޮރަޕްޝަން ހިންގުމަކީ މިސަރުކާރުން ހިންގާނޭ ބުނެވޭނެ ކަމެއް ނޫން. ތިޔަބުނާ ގޮތައް ކަމައް ވަނީނަމަ އެންމެންނަކީ ވެސް ކޮރަޕްޓް މީހުން އަދި ތިޔަ ޖަމިއްޔާތަކާ އަދި ކައުންސިލްތައް ވެސް އޭގެން ކޮރަޕްޝަން ހިންގާނެ
ކަނޑުކާޅު
12 September 2024
މިސަރުކާރުން ރާއްޖެތެރޭގެ ޢާންމު ދިރިއުޅުމަށް ކަނޑައެޅިގެން ގެއްލުންދޭނެ ދެކަމެއް ކޮށްފި. ފުރަތަމަ ކަމަކީ ސާރކުގެ ޤައުމުތަކުން އެމީހުންގެ ޤައުމުތަކުގެ ވަޒީފާއެއް ނުލިބޭނެ ނިކަމެތިންނަށް ނުކުރާވަރުގެ ބޮޑު އަނިޔާއެއްކޮށް މަސްވެރިންނަށް މިޔަރު މަސްވެރިކަން ކަނޑައެޅިގެން ތަނަވަސްކަން ހުރި ވަކި ބަޔަކި ބޭނުންވާގޮތަށް މިޔަރު މަސްވެރިކަން ހުއްޓުވާލުން. މީ އަނިޔާވެރިކަން އިސްކޮށް މަޖިލިސްގެ މެމްބަރުން ރުހުން ދީގެން ކުރިކަމެއް.
އެހެނަސް
12 September 2024
މަސްވެރިންގެ ޖަމިއްޔާތަކުން މިޔަރު ބޭނުން ހުއްދަ ނުކުރުމައް އެދިގެން އެކަން ނުކުރީ. ކުރިނަމަ ވެސް ގޯސްވީސް.
1181
12 September 2024
ތިޔަ ކައއިންސިލްތަކުން ރައްޔިތަކަށް ލިބުނު ފައިދާއެއް ކިޔައިދީބަލަ. ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުމުގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ބުނާއިރު ކަންހިނގަނީ އެމަގުންބާ؟ ރަށެއްގެ ލޭންޔޫސްޕްލޭނެެއް ހެދިޔަސް ރައްޔިތަކު ބޭނުންވާގޮތަށް އެޔެއް ނޯވޭ. އެ އޮންނަނީ ކައުންސިލަށް ވަންނަ 5 ކެނައިން ބޭނުންވާގޮތަށް. އޮޑިޓް ރިޕޯޓެއް ނެރެފިއްޔާ ހުންނަނީ ވަގަށް ބަޖެޓު ކާލާފަ. ދެން އަތޮޅު ކައިންސިލްތަކަކީ ކަމެއް ނުކުރާ ހަމަ ބޭކާރު ބައެއް.