ޔަމަހާގެ ފަސް ވަނަ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން: މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޖަޕާނުގެ ޔަމަހާއާ ގުޅިގެން --- ފޮޓޯ/އެލިއާ
12 ސެޕްޓެމްބަރ 2024 - 14:28
އެލިއާ ކުންފުންޏާއި ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ ފަސް ވަނަ ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ މެކޭނިކުން ބައިވެރިވި މި ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ޔަމަހާގެ އިރުޝާދާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި ތަމްރީނުތައް ދިނީ ޔަމަހާ ސެޓިފައިޑް އަދި ދާއިރާގެ ތަޖުރިބާކާރުންގެ ގޮތުގައި ހިމެނޭ އެލިއާގެ ސީނިއާ މެކޭނިކުން ޓީމަކުންނެވެ.
މި ޕްރޮގުރާމު ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 24 އިން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެލިއާ އާއި ޔަމަހާގެ ޕާޓްނާޝިޕަށް މި އަހަރު 50 އަހަރު ފުރޭއިރު، ޔަމަހާއިން އެލިއާއާ ގުޅިގެން ރާއްޖޭގައި މެކޭނިކުންނާއި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް އެކި ޕްރޮގްރާމްތައް ހިންގަ އެވެ. މިދިޔަ މަހު ބޭއްވި ބޯޓު އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގްރާމަކީ ވެސް އެފަދަ ޕްރޮގްރާމެކެވެ.
އެލިއާއިން ބުނީ އެ ކުންފުނީގެ މަގުސަދަކީ މި ސިނާއަތުގައި ވީހާވެސް ގިނަ ދިވެހި މެކޭނިކުން ތަމްރީނު ކުރުން ކަމަށެވެ.
ޔަމަހާގެ އިންޖީނާއި ސްޕެއާ ޕާޓްސް ވިއްކާ އެލިއާ އަކީ ޔަމަހާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެލިއާއިން ރާއްޖެއަށް ތައާރަފްކުރާ ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލްއަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު ތައާރަފްކުރާ އިންޖީނެކެވެ. އަދި ޓެސްޓުކުރުމަށް ފަހު މި އިންޖީނުތައް މާކެޓަށް ނެރެނީ ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލަކާ ވެސް އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy