ކެމްޕާލާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ރިވައިވަލް ޓީމު: ޒަޔާން ޒަކީ، ހަސަން ޒަޔާން، ނިބާލް އަދި ކޯޗު ނަޝްފާން މުހައްމަދު.-- ފޮޓޯ: ރިވައިވަލް
29 ސެޕްޓެމްބަރ 2024 - 03:53
ޔޫގާންޑާގައި މިހާރު ކުރިއަށްދާ ކެމްޕާލާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އަށް، އިންޑިއާގެ ދެބެން އަތުން ބަލިވެ މުބާރާތް ނިމިއްޖެ އެވެ.
އިންޑިއާގެ ވިރާޖް ކުވާލޭ އާއި އޭނާގެ ބޭބެ ވިޕްލާވް ކުވާލޭ، އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ރާއްޖޭގެ ޒަޔާން އާއި ނިބާލްގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުން، 21-11 އަދި 21-11 އިންނެވެ.
ޒަޔާން އާއި ނިބާލްގެ ޕެއާ ވަނީ ރައުންޑް އޮފް 32 ގައި ޔުގެންޑާގެ އަކްރަމް ކަމޯގާ އާއި އަބްދުލް ސުވަބުރޫ ސެމްޕިރީއާ ވާދަކޮށް 21-13، 21-8 އިން މޮޅުވެފަ އެވެ. އަދި ކުއާޓާއަށް ދަތުރުކުރީ ގަދަ 16 ގައި އެގައުމުގެ ހަސަން ޖަމީލް މަކިންޑާ އާއި އަޔިކީ ޖެތުރޯ މަވާގެ ޕެއާއާ ވާދަކޮށް 21-2، 21-5 އިން މޮޅުވެގެންނެވެ.
ޑަބަލްސްގައި ވާދަކުރި ޒަޔާން ޒަކީ އާއި ނިބާޅްގެ ޕެއާ.
ޒަޔާން އާއި ނިބާލްގެ އިތުރުން ހަސަން ޒަޔާން މުހައްމަދު ވެސް ރިވައިވަލް އިން ވާދަކުރި ޓީމުގައި ހިމެނެ އެވެ. ތިން ކުޅުންތެރިން ވެސް ވަނީ ފިރިހެން ސިންގަލްސް އިވެންޓުގައި ވާދަ ކޮށްފަ އެވެ.
ޒަޔާން އާއި ނިބާލް އަދި ހަސަން ޒަޔާން ވެސް ވަނީ މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން މެއިން ޑްރޯގައި ވާދަ ކޮށްފަ އެވެ.
އެގޮތުން މެއިން ޑްރޯގައި ތިން ކުޅުންތެރިން ވެސް ބަލިވީ އިންޑިއާގެ ކުޅުންތެރިން އަތުންނެވެ. އިންޑިއާގެ ކްރިޝް ދެސާއިއާ ވާދަކޮށް 9-21، 7-21 އިން ނިބާލް ބަލިވި އިރު، އާރުޔާ ބިވްޕަޓާކީއާ ވާދަކޮށް ހަސަން ޒަޔާން ބަލިވީ 9-21، 12-21 އިންނެވެ. އަދި އަދިތުޔާ ގުޕްތާއާ ވާދަކޮށް ޒަޔާން ޒަކީ ބަލިވީ 11-21، 6-21 އިންނެވެ.
މި މުބާރާތަށް ފަހު، އަނަނަ މަހުގެ 3 އިން 6 އަށް ޔުގެންޑާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޔުގެންޑާ އިންޓަނޭޝަނަލް ސީރީޒްގައި ވެސް ރިވައިވަލްގެ ޓީމު ވާދަ ކުރާނެ އެވެ. ހަމަ އެއާއެކު އައިމިނަތު ނަބީހާ އަބްދުއްރައްޒާގާއި އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ވެސް އެ މުބާރާތަށް ޓީމާ ގުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު އިބްރާހީމް
29 September 2024
ހީކުރިވަރެއްނޫން. އެކަމަކު ކްއާޓަރގައި ރާއްޖެ ބަލިކުރި އިންޑިއާ ދެބެންނަކީ ސީޑްކޮށްފައިވާ މޮޅު ޕެއަރއެއްކަމަށްވަނީ. ސެމީފައިނަލުގަ މެލޭޝިއާ ބަލިކުރީވެސް ދާދި މިކަހަލަ ސްކޯރއަކުން. އެހެންވީމަ ޖުމްލަކޮށް ބަލާއިރު ގޯހެއްވެސްނޫން. އެކަމަކު ސުވާލަކީ އިންޑިޔާ ކުޅުންތެރިންނާ ކުޅޭއިރު މިދިމާވާ މައްސަލައަށް ހައްލެއް ހޯދޭނީ ކޮންކަމެއް ކޮށްގެންތޯ ކިހިނެއް ތަމްރީންތައް ބައްޓަންކޮށްގެންތޯ.
ގާޒީބެ
29 September 2024
ހީކުރިވަރެއްނުވިދޯ ރިޒަލްޓް