ރެޑްވިންގްސް ވަނީ ކިންގްސް ބަލިކޮށް، ސުޕަ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފަ.-- ފޮޓޯ: ސިޑިބަރި/ އެމްބީއޭ
29 ސެޕްޓެމްބަރ 2024 - 23:24
ރައުންޑް ރޮބިން ބުރުގެ ފަހު މެޗުގައި ކިންގްސް ބީސީ ބަލިކޮށް ރެޑްވިންގްސް ބީސީ އިން ސުޕަ ކަޕް ފިރިހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ރެޑްވިންގްސް އިން ކިންގްސް ބަލިކުރީ 103-80 ޕޮއިންޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްވިންގްސްގެ ޕްރަތުޔަންޝޫ ޓޮމާ އެވެ.
ހަތަރު ޓީމު ވާދަކުރި މި ޑިވިޝަންގެ ފައިނަލުގެ ޖާގަ ލިބެނީ، ރައުންޑް ރޮބިން ބުރުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށެވެ. އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ހޮވުނީ މިއަދު ހަވީރު ޓީރެކްސްއާ ވާދަކޮށް 94-72 ޕޮއިންޓުން މޮޅުވި ސްރީލަންކާގެ އީގަލްސް ކްލަބެވެ. އީގަލްސް ކްލަބު ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
ރެޑްވިންގްސް އާއި ޓީރެކްސް އަދި ކިންގްސް ވެސް މޮޅުވީ އެންމެ މެޗަކުންނެވެ. ނަމަވެސް ޕޮއިންޓްގެ ތަފާތުން ރެޑްވިންގްސް ވަނީ ތިން ޓީމުގެ ތެރެއިން ރޭންކިންގެ ކުރި ހޯދައިފަ އެވެ.
ރެޑްވިންގްސް އާއި އީގަލްސް ކްލަބް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ 8 ޖަހާއިރެވެ. ރައުންޑް ރޮބިން ބުރުގައި އީގަލްސް ކްލަބުން ރެޑްވިންގްސް ބަލިކުރީ ފަސް ޕޮއިންޓްގެ ތަފާތަކުންނެވެ.
ލަންކާގެ އީގަލްސް ކްލަބު ވަނީ އަންހެން ޑިވިޝަނުގައި ރައުންޑް ރޮބިން ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ ރާއްޖޭގެ ކުއީންސް ބީސީ އެވެ. މި ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy