ކުޅިވަރު / ބެޑްމިންޓަން

ޔޫގާންޑާ އިންޓަނޭޝަނަލް ސީރީޒުން ނަބާ އާއި ނަބީގެ ޕެއާއަށް ލޯ މެޑަލް

ނަބާ އާއި ނަބީ، ޔޫގާންޑާ އިންޓަނޭޝަނަލް ސީރީޒްގެ ބްރޯންޒް މެޑަލް އާއެކު.-- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

07 އޮކްޓޯބަރ 2024 - 09:26

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޔޫގާންޑާގައި ކުރިއަށް ގެންދިޔަ ޔޫގާންޑާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ ލޯ މެޑަލް ހޯދައިފި އެވެ.

އަންހެނުންގެ ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގައި ޔޫގާންޑާގެ ޕެއާ ވޯކްއޯވާ ކޮށްގެން ނަބާ އާއި ނަބީގެ ޕެއާ އަށް ސެމީ ފައިނަލުން ފުރުސަތު ލިބުމުން، ސެމީގައި ވާދަ ކޮށްފައި ވަނީ ޔޫއޭއީގެ ނިދީ ދެސާއީ އާއި ސްރީޔުކްތާ ސްރީޖިތު ޕަރޯލްއާ އެވެ. އެ މެޗުން ނަބާ އާއި ނަބީ ބަލިވީ 14-21، 21-15 އަދި 18-21 އިންނެވެ.

ނަބާ ވަނީ ޒަޔާން ޒަކީ އާއެކު މިކްސްޑް ޑަބަލްސް އިވެންޓުގައި ވާދަކޮށްފަ އެވެ. އެ އިވެންޓުގެ ގަދަ 16 ގައި 21-4، 21-1 އިން ޔޫގާންޑާގެ ޑޭވިޑް ވައިސްވާ އާއި ސާރާ ނަމުގަބޯގެ ޕެއާ ބަލި ކުރި އިރު، ކުއާޓާގައި މެލޭޝީއާގެ އެންޑީ ޔޫ ޓަންގް ކޮކް އާއި ލޯ ޒީ ވެއިގެ ޕެއާ އަތުން ބަލިވީ 21-8، 16-21 އަދި 17-21 އިންނެވެ.

މިކްސްޑް ޑަބަލްސްގައި ވާދަކުރި ނަބީ އާއި އަހުމަދު ނިބާލްގެ ޕެއާ ވަނީ ގަދަ 16 ގައި އިންޑިއާގެ މޯހިތު ޖަގްލަން އާއި ލަކްޝިތާ ޖަގްލަންގެ ޕެއާ އަތުން 21-19، 15-21 އަދި 14-21 އިން ބަލިވެފަ އެވެ.

ސިންގަލްސްގައި ނަބާ އާއި ނަބީ ވެސް ވަނީ ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ. ނަބީ ވަނީ ޔޫގާންޑާގެ ހަނީފާ ހަމުޒާއާ ވާދަކޮށް 21-13، 21-6 އިން މޮޅުވެ، ގަދަ 16 ގައި ޔޫގާންޑާގެ ވެރޯނާ ސަދަތު ރަޒަވިޕޯއާ ދެކޮޅަށް ކުޅެ 21-13، 21-12 އިން މޮޅުވެފަ އެވެ. ނަމަވެސް ކުއާޓާގައި އިންޑިއާގެ ފަރުޒާ ނަޒްރީން އަތުން ބަލިވީ 18-21، 15-21 އިންނެވެ.

ނަބާ ވަނީ 21-10، 21-11 އިން ޔޫގާންޑާގެ މޭބްލް ނަމަކޯޔޭ ބަލިކޮށް، ގަދަ 16 ގައި 21-11، 21-9 އިން އެގައުމުގެ ޓްރިޝާ ރޯދާ ކިޔޫކާ ބަލިކޮށްފަ އެވެ. އޭނާ ކުއާޓާގައި ބަލިވީ އަޒަރުބައިޖާނުގެ އީރާ މާފުތާއާ ވާދަކޮށް 8-21، 14-21 އިންނެވެ.

ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މި ޕެއާ ވަނީ ޔޫގާންޑާގެ ބަތަމް ކަވީސާ އާއި ޝިލްޓޮން ތަޔެބުވާގެ ޕެއާއާ ވާދަކޮށް 21-9، 21-10 އިން މޮޅުވެ، ގަދަ 16 ގައި 21-11، 21-5 އިން ޔޫގާންޑާގެ ޖޯޝުއާ އެކޯޗޫ އާއި ޖޯޑަން ނުވާގަބާގެ ޕެއާ ބަލިކޮށްފަ އެވެ. ނަމަވެސް ކުއާޓާގައި އިންޑިއާގެ ނިތިން އެޗްވީ އާއި ވެންކަޓަ ހަރުޝާ ވަރުދަން ރަޔޫޑޫ ވީރަމްރެޑީ އަތުން ބަލިވީ 8-21، 16-21 އިންނެވެ.

ފިރިހެން ސިންގަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް ވަނީ ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުން ބަލިވެފަ އެވެ. އިޓަލީގެ އަލެސަންދްރޯ ގޮޒިނީއާ ވާދަކޮށް 9-21، 9-21 އިން ޒަޔާން ޒަކީ ބަލިވި އިރު، ނިބާލް ބަލިވީ އިންޑިއާގެ ނަރޭން ޝަންކަރު އައްޔަރާ ވާދަކޮށް 19-21، 9-21 އިންނެވެ.

މީގެ އިތުރުން ހަސަން ޒަޔާން މުހައްމަދު ވަނީ ފިރިހެން ސިިންގަލްސްގެ ކޮލިފައިން ބުރުގައި ވާދަ ކޮށްފަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި 21-4، 21-5 އިން ޔޫގާންޑާގެ ޑޭވިޑް ވައިސްވާ އަތުން މޮޅުވި ނަމަވެސް ދެން ކުޅުނު މެޗުގައި އެގައުމުގެ ޑެނިސް މުކާސާ އަތުން ބަލިވީ 21-13 17-21 އަދި 20-22 އިންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454