މީރާގެ ކައުންޓަރެއްގައި ޓެކްސް ދެއްކުމަށް މީހަކު މަޑުކޮށްލައިގެން. މިދިޔަ މަހު ދައުލަތަށް 2.3 ބިލިއަން ރުފިޔާ ލިބުނު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
11 އޮކްޓޯބަރ 2024 - 09:52
މިދިޔަ މަހު ޓެކްސް އިދާރާ، މީރާއަށް ލިބުނު އާމްދަނީ 93 ޕަސެންޓަށް އިތުުރު ވެއްޖެ އެވެ.
މީރާ އިން ބުނީ، މިދިޔަ މަހު އިދާރާއަށް ޓެކްސް އާ އެހެނިހެން އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީރާ އިން ބުނީ، ޓެކްސް އާމްދަނީ އެހާ ބޮޑަށް އިތުރުވީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި 589 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖީއެސްޓީގެ ގޮތުގައި 434 މިލިއަން ރުފިޔާ ލިބުނު އިރު އިންކަމް ޓެކްސްގެ ގޮތުގައި 175 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ މަހު ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 101 މިލއިަން ރުފިޔާ ލިބިފައިވެ އެވެ.
ޓެކްސް ނޫން އެހެން ގޮތް ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ 908 މިލިއަން ރުފިޔާއަށް އަރަ އެވެ. އެންމެ ބޮޑު އަދަދެއް ލިބުނު ރިސޯޓު ކުލިން 361 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރު ކުރުމަށް 230 މިލިއަން ލިބިފައިވެ އެވެ.
މިދިޔަ މަހު ލިބުނު ޓެކްސް އާމްދަނީގެ ތެރެއިން 102 މިލިއަން ލިބުނީ ޑޮލަރުންނެވެ. އޭގެ ތެރެއިން 60 ޕަސެންޓު ނިސްބަތްވަނީ ޓީޖީއެސްޓީ އާއި ރިސޯޓު ކުއްޔަށެވެ.
ވޭތުވެދިޔަ ނުވަ މަހު ދައުލަތަށް ވަނީ ޓެކްސް އާއި އެ ނޫން ގޮތް ގޮތުން ލިބުނު އާމްދަނީ 22 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އޭގެ ތެރެއިން ޓެކުހުގެ ގޮތުގައި 18 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 October 2024
ތިމަންނާގެ އާމްދަނީ އަކީ މިއީކަމަށް ބުނެ ރިސޯޓް ހިންގާ ސައުދާޤަރުން މިދިޔަ އަހަރު ރާއްޖޭގެ ބޭންކް ތަކަށް ވައްދާ މާރުކުރީ އެންމެ 4 ބިލިޔަން ޑޮލަރު. އެކަމަކު ރިސޯޓް ތަރައްޤީ ކުރަން ލޯނުދޭ ބައިނަލް އަޤުވާމީ ބޭންކް ތަކާއި ބޭރުގެ މާލީ އެތައް ފައިނޭންޝަލް އިންސްޓިއުޝަން ތަކުން އަންދާޒާ ކުރަނީ އަހަރަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 60-40 ބިލިޔަން ޑޮލަރުގެ އާމްދަނީ ރިސޯޓް ތަކަށް ވަންނާނެކަމަށް. ކީއްވެ ޙަޤީގަތް ހޯދަން މީރާ މަސައްކަތް ނުކުރަނީ!؟