މިނިސްޓަރު ފައިސަލް މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަނީ: ވިސްނުމަކީ އިންވެސްޓަރުންނަށް ލުއި ދީގެން ނަމަވެސް ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފެށުން ކަމަށް ވިދާޅުވި. -- ފޮޓޯ | މަޖިލިސް
23 އޮކްޓޯބަރ 2024 - 11:06
ރާއްޖޭގައި މިވަގުތު ޓޫރިޒަމް ނެތް އަތޮޅުތަކަށް އިންވެސްޓަރުން ގެންދިއުމަށްޓަކައި އިންވެސްޓަރުންނަށް ލުއިތަކެއް ދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތ. އަތޮޅުގައި ޓޫރިޒަމް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަން ފާހަގަކުރައްވައި ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ މިހާތަނަށް ޓޫރިޒަމް ފުޅާ ވެފައި އޮތީ މާލެ ކައިރި އަތޮޅުތަކުގައި އެކަނި ކަމަށެވެ.
ރާއްޖޭގައި ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރާފައި ވަނީ މާލެ އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ވ. އަތޮޅާއި، އއ. އަތޮޅާއި އދ. އަތޮޅުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވިސްނުން ހުރީ އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދީގެން ނަމަވެސް ރާއްޖޭގައި ޓޫރިޒަމް ނެތް ތަންތަނުގައި ޓޫރިޒަމް ފެށުމަށެވެ. އެގޮތުން، އިކުއިޒިޝަން ކޯސްޓާއި ޓެކްސްއަށް ވެސް ލުއި ލިބޭނެ ގޮތަކަށް ގާނޫނު ބަދަލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އެ ތަންތަނުގެ އިކުއިޒިޝަން ކޯސްޓު ވެސް ކުޑަވެގެން ދާން ޖެހޭނެ ކަމަށް. ލޭންޑް ރެންޓު ވެސް ކުޑަވެގެން ދާން ޖެހޭނެ ކަމަށް. ޓެކްސް ތެރެއިން ވެސް އެކަމަށް ލުއިތަކެއް ދޭން ޖެހޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުރު އަތޮޅުތަކަށް އަވަހަށް އިންވެސްޓަރުން ގެންދެވޭނެ ހަމައެކަނި ގޮތަކަށް ފެންނަނީ މި ބަދަލެވެ. އެހެންކަމުން މި އިސްލާހުތައް ބަންޑާރަ ނައިބުގެ އޮފީހުން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޭ
23 October 2024
އިކުއިޒިޝަން ކޯސްޓާއި، ޓެކްސް އާއި ލޭންޑް ރެންޓެއް ނޫން މައްސަލައަކީ، އެ ކުޑަކުރާކަށް ވެސް ނުޖެހޭ. މައްސަލައަކީ އެތެރޭގެ ދަތުރު ފަތުރު. އަގުހެޔޮ ދަތުރު ފަތުރުގެ ނިޡާމެއް ނެތުން. ޓޫރިސްޓުން ވީމަ ޑަބަލް އަގު ނެގުން. ދުރު އަތޮޅުތަކަށް ޓޫރިޒަމް ފެތުރުމަށް އޮތް ގޮންޖެހުމަކީ އެއީ. ތިޔަބުނާ އެއްޗެހި ކުޑަކޮށްގެން ގެސްޓުން ހޭދަކުރަންޖެހޭވަރު ކުޑައެއް ނުވާނެ. ރަގަޅު ދިރާސާކޮށްފައި ކަންކަން ކޮށްބަލަ ހެޔޮނުވާނެ.
ރަންނަ
23 October 2024
އަންނަނީ، ކުރަނީ، ގަބޫލު ކުރަނީ ގަ 11 މަސް. ވާކަމެއް ހަރާން. އިރުއިރުކޮޅާ 'ކުރިންބުނިއެތި ކެންސަލް'
ސަލީމު އިދުރީސް
23 October 2024
ވަރައްބޮޑައް ސުކުރިޔާ ޓޫރިޒަމް މިނިސްޓަރައް ތީއީ ތިކަން ކުރެވޭނެ ގޮތްކަމުގަ ދެކެން!
ދޮން
23 October 2024
ދެނީ ދެނީ ދެނީ ވާކަމެއްނެތް .. ޑޮލަރު 19 އަށް . ހުރިހާ ވިޔަފާރިއެއް ދަށަށް ގޮސްފިކަމަށް އެމް އެމް އޭ ރިޕޯޓުން ދައްކަނީ ..