ބަޔޮލޮޖިކަލް ޑައިވާސިޓީ މުއާހަދާގެ ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
30 އޮކްޓޯބަރ 2024 - 21:32
ބަޔޮލޮޖިކަލް ޑައިވާސިޓީ މުއާހަދާއިން އެއްބަސްވެފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ފައިސާގެ އެހީ ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮލޮމްބިއާގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުއާހަދާގެ 16 ވަނަ ކޮންފަރަންސްގައި ތޯރިގު ވިދާޅުވީ ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓަޖީ އަދި އެކްޝަން ޕްލޭން މުރާޖައާކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އޭނާ ވަނީ، 2022 ވަނަ އަހަރު އެކުލަވާލި ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް ތަންފީޒުކުރަން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވައިފަ އެވެ. އަދި ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކާ ގުޅުވައި، ބައިނަލްއަގްވާމީ ގޮތުން ހާސިލްކުރަން ހުރި ޓާގެޓްތަކަށް ރާއްޖޭގެ ފަރާތުން ކުރާނޭ މަސައްކަތްތައް އެ އެކްޝަން ޕްލޭންގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައި ލެވެލް ސެގްމަންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެ މުއާހަދާ ތަންފީޒުކޮށް، މުއާހަދާއިން އެއްބަސްވެފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.
ތިމާވެށި ހިމާޔަތްކުރުމާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ފާހަގަކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ފަދަ ގައުމުތަކަށް އެ ދާއިރާއިން ބޭނުންވާ އެހީތެރިކަމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް މި ދައުރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޯސްފިއާ ރިޒާވާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ނޭޗާ ފަންޑެއް ގާއިމްކޮށް، ދެމެހެއްޓެނެވި ގޮތެއްގައި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ރާއްޖެ ފެހިކުރުމަށް ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ ނަމުގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް ތޯރިގު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިންޑިން
30 October 2024
އެންވައިރުމެންޓުޓެކުހޭ ކިޔާފާ ޓޫރިސްޓުންއަތުން ނަގާ ލާރިގަނޑު ކޮބާ؟