ރިޕޯޓް

އުމާ މަހޭޝްވަރަން، ލުތުފީއަށް އެހީވީ ކީއްވެ؟

ރާއްޖޭގެ ވެރިކަން ބަދަލުކުރަން ހަތިޔާރާ އެކު މާލެ އަރައި އެތައް ބަޔަކު ޝަހީދުކޮށްލި ހަމަލާގެ މޭސްތިރިޔަކަށް ހުރި އަބްދުﷲ ލުތުފީ ހައްޔަރުކޮށް ޝަރީއަތަށް ހާޒިރުކުރަނީ.

މީގެ 36 އަހަރު ކުރިން މިއަދު ރާއްޖެއަށް ޓެރަރިސްޓުންގެ ބަޔަކު ގެނެސް، ދުވަހަކު ވެސް ގައުމު ނުދެކޭ ވަރުގެ ބޮޑު ނާމާންކަމެއްގެ ތެރެއަށް ވައްޓާލުމުގެ މުގުލުގައި ހުރީ އަބްދުﷲ ލުތުފީ އެވެ. ވެރިކަން ބަދަލުކުރަން ބޭނުންވެގެން އޭނާ އެތައް ބައެއްގެ ގާތު އެ ވާހަކަ ދެއްކިކަން ތަހުގީގަކުން ނޫނަސް ހުރީ އެނގޭށެވެ.

އެކަމަކު ސްރީ ލަންކާގެ ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދޭން އޭރު ހަތިޔާރު ނަގައިގެން އުޅުނު ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ލީޑަރު އުމާ މަހޭޝްވަރަން އާއި ލުތުފީއާ ދިމާވެ ހަތިޔާރު ހިފައިގެން ރާއްޖެއަށް އަރައިގަންނަން ހިނގާށޭ އުމާ ބުނަން ޖެހުނީ ކޮން ގުޅުމެއް އަދި ކޮން އިތުބާރެއްގެ ތެރެއިން ހެއްޔެވެ؟

ނޮވެމްބަރު 3، 1988 ގައި ލުތުފީ އާއި އިތުރު ބައެއް ދިވެހިންނާ އެކު ރާއްޖެއަށް ޓެރަރިސްޓުން ފޮނުވި އުމާ މަހޭޝްވަރަން ޕްލޯޓް ޖަމާއަތް އުފެއްދީ އޭރު ލަންކާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރުމަށް ފަހު އެލްޓީޓީއީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަންއާ ދެމެދު ސިޔާސަތުތަކާއި ޒާތީ ކަންކަމުގައި އުފެދުނު ބޮޑު މައްސަލަގަނޑަކަށް ފަހުގަ އެވެ. ވަރަށް ގާތްކޮށް އުޅުނު ދެ މީހުން އެ ހިސާބުން ތިބީ ހަމަ އެކަނި ވާދަވެރިންގެ ގޮތުގައެއް ނޫނެވެ. އެއީ ވަރަށް ބޮޑު ދެ ދުޝްމަނުންނެވެ.

އުމާއާ ދިމާވުމާއި ރާއްޖެ ހިފުމުގެ ވިސްނުން

ލޭންޑް ސާވޭޔަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އަދި ސީރިއާ އާއި ލުބްނާންގައި ގެރިއްލާ ހަނގުރާމައިގެ ތަމްރީންތައް ވެސް ހަދައިގެން ހުރި އުމާ އެލްޓީޓީއީގެ ޖެނެރަލް ސެކްރެޓަރީކަމުން 1980 ގައި ވަކިކުރުމާ އެކު އޭނާ ޕްލޯޓް ޖަމާއަތް އުފެއްދި އެވެ. ރާއްޖޭގައި އެކި ވިޔަފާރިތައް ކުރި ލުތުފީ އޭރު އުޅެނީ ލަންކާގައި ޕޯލްޓްރީ ފާމެއް ހަދައިގެންނެވެ. އެކަމަކު ލަންކާ ސަރުކާރާއި އިންޑިއާއިން ވެސް އެ މީހެއްގެ ބޯކޮޅު ބަލަމުން ދިޔަ މީހަކު ލުތުފީއާ ބައްދަލުވެ އެހާ ވަރަށް ގުޅުން އުފެދެން ދިމާވި ގޮތެއް ނޭނގެ އެވެ.

ޕްލޯޓް ޖަމާއަތުގެ ކުރީގެ މެންބަރުން ލަންކާގެ އެކި ނޫސްތަކަށް އެކި ދުވަސްވަރު ދީފައިވާ އިންޓަވިއުތަކުން އެނގޭ ގޮތުގައި މި ދެ މީހުން ކޮންމެވެސް ގޮތަކުން ބައްދަލުވަނީ ކޮލަމްބޯގެ ބަމްބަލަޕަޓިޔާގަ އެވެ.

ލަންކާގެ ބައެއް އެނަލިސްޓުން ބުނާ ގޮތުގައި ރާއްޖެއަށް އަރައި ވެރިކަން ބަދަލުކޮށްލުމުގެ ވިސްނުން ލުތުފީގެ ބޮލަށް ވެއްދި މީހަކީ އުމާ ކަމަށް ވެދާނެ އެވެ. އެ މީހުން އެހެން ބުނަނީ އުމާ އޭރު ހުރި ހާލަތާ ގުޅުވައިފަ އެވެ. އެކަމަކު އެއީ ޔަގީންކަމާ އެކު ބުނަން އެނގޭ ވާހަކައެއް ނޫނެވެ.

ޕްލޯޓް ޖަމާއަތުގެ ލީޑަރު އުމާ މަހޭޝްވަރަމް

ނަމަވެސް ޕްލޯޓް ޖަމާއަތުގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސްކަންދާ، ލަންކާގެ ޑެއިލީ މިރާ ނޫހަށް މީގެ އަހަރުތަކެއް ކުރިން ދީފައިވާ އިންޓަވިއުއަކުން މާނަކުރެވެނީ އެއީ ލުތުފީ އިސްވެ ދެއްކި ވާހަކައެއް ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އަނިޔާވެރިއެކެވެ. ރާއްޖޭގައި ގިނަވާނީ ދުވާލަކު އެއް ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުން ކަމަށާއި އެއީ ރައްޔިތުން އުޅެން މައުމޫން މަޖުބޫރު ކުރުވާފައި އޮންނަ ހާލަތު ކަމަށް ބުނެ ލުތުފީ އާންމުކޮށް ވާހަކަ ދައްކަ އެވެ.

"ސަރުކާރާ ދެކޮޅަށް ވާހަކައެއް ދައްކައިފި ނަމަ އެ މީހަކަށް އުޅެން ދަތިކުރާނެ" ކަމަށާއި ލުތުފީ ވެސް އެނބުރި ރާއްޖެއަށް އަތުވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ ޕްލޯޓްގެ ބައެއް މެންބަރުން ގާތު ލުތުފީ ވާހަކަ ދެއްކި ކަމަށް ސްކަންދާ ބުނެފައިވެ އެވެ.

"އަހަންނަށް ހީވަނީ އުމާ އާއި ލުތުފީގެ ގުޅުން ވަރުގަދަވީ އެ ދެ މީހުންނަކީ ވެސް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ވިސްނުން އެއްގޮތް ދެ މީހުންނަށް ވާތީއޭ،" ސްކަންދާ ބުނެފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އަމަލުކުރާނެ ގޮތުގެ ލިޔެފައިވާ އެއްވެސް ޕްލޭނެއް ޕްލޯޓް ޖަމާއަތުގެ އެއްވެސް މީހެއްގެ އަތަކު ނެތެވެ. ރާއްޖެއަށް ދިން ހަމަލާ ނާކާމިޔާބުވެ ޕްލޯޓް ޖަމާއަތަށް ކުރިމަތިވި ބޮޑު ގެއްލުމާ އެކު އުމާ އަށް ޖަމާއަތުގެ ތެރެއިން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދިން ގޮތް ވެސް ސްކަންދާ ކިޔައިދީފައިވެ އެވެ. ލުތުފީއަށް އެހީވުމަށްވުރެ ބޮޑަށް މިކަމުގައި އުމާގެ އަމިއްލަ އެދުން އޮތްކަން ސްކަންދާގެ ވާހަކައިން އެނގެ އެވެ.

އުމާ ބޭނުންވީ ސަލާމަތްވާނެ މަގެއް؟

"އެންމެ ފުރަތަމަ ކަމަކަށް ތިޔަ އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަކީ އަހަރެމެންނަކީ ބައިނަލްއަގުވާމީ ބައެއްކަން. އަދި އިންގިލާބީ ހަރަކާތެއްކަން. އަނިޔާވެރިކަމުގައި އުޅެންޖެހިފައިވާ ދިވެހިންގެ ތެރެއިން ބަޔަކު އަހަރެމެންގެ އެހީއަށް އެދުނީ ... އެ މީހުންގެ އަތަކު ފައިސާއެއް ނެތް. އެކަމަކު އެ މީހުން ގައުމު ދެކެ ލޯބިވޭ. އެ މީހުން ބޭނުންވަނީ ވެރިކަން ބަދަލުކުރަން،" އުމާ ބުނި ކަމަށް ސްކަންދާގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

އެކަމަކު މިހެން ބުނެފައި އުމާ ދައްކަނީ އޭނާ އަސްލު ބޭނުންވާ ކަންތަކުގެ ވާހަކަ އެވެ.

ސްކަންދާ ބުނި ގޮތުގައި އޭރު ލަންކާގައި ސުލްހަ ގާއިމުކުރަން ފޮނުވާފައި އޮތް އިންޑިއާގެ ޕީސް ކީޕިން ފޯސްއާ ލަންކާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ހަވާލުކުރަން ޖެހޭތީ އުމާ އެ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ 1987 އިން 1990 އަށް ލަންކާގައި ތިބި އިންޑިއަން ޕީސް ކީޕިން ފޯސް (އައިޕީކޭއެފް) އާ ހަތިޔާރު ހަވާލުކުރަން ޖެހޭނެ ހަމައެކަނި ޖަމާއަތަކީ ޕްލޯޓް ކަމަށް ބުނެ ވެސް އުމާ އެ ދުވަހު ވާހަކަ ދެއްކި އެވެ.

އުމާ އާއި ޕްރަބާކަރަންއާ ދެމެދު ޖެހުނު މައްސަލަ އޭރު އޮތީ ވަރަށް ނުރައްކާ ހިސާބެއްގަ އެވެ. އެކަކު އަނެކަކަށް ފިލައިގެން އުޅެނިކޮށް އިންޑިއާގެ މެޑްރާސްގެ ޕޮންޑީ ބާޒާރުން އެކަކު އަނެކަކަށް ފެނުމާ އެކު ބަޑިޖަހައި ބޮޑު ހައިޖާނެއް ހިންގި މައްސަލައިގައި ދެ މީހުން 1982 ވަނަ އަހަރު ހައްޔަރުކުރި އެވެ. ތަމަޅައިންގެ ނުފޫޒާ އެކު، ދެ މީހުން ފަހުން ދޫކޮށްލާފައި ތިބި އިރު އުމާގެ ޕްލޯޓްގެ ހަތިޔާރުތައް ދޫކޮށްލަން ޖެހުމަކީ އޭނާ ޕްރަބާކަރަންގެ އަތްދަށުވެދާނެ ކަމެއްގެ ގޮތުގައި ބެލެވުނެވެ. އެހެންވެ އޭނާ އަށް ރާއްޖޭން ހިމާޔަތް ލިބޭނެ މަގެއް ފަހިވުން އެއީ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. ޕްރަބާކަރަން އަށް ވުރެ އުމާގެ ބާރު ވެސް އެ ހިސާބުން ގަދަވާނެ އެވެ.

އުމާއާ ހަވާލާދީ ސްކަންދާ ބުނީ ރާއްޖޭގެ ވެރިކަން ބަދަލުކޮށް، ލުތުފީ ބޭނުންވާ ކަންތައް ކޮށްދެވިއްޖެ ނަމަ ރާއްޖޭގެ ރަށެއް ދޭން ލުތުފީ އޮތީ ވައުދުވެފައި ކަމަށެވެ. ގައުމުން ބޭރުގައި އަރުވާލެވިގެން އުޅެންޖެހިއްޖެ ނަމަ ގޮސް އެ ރަށުގައި ތިބެވޭނެ ކަމަށާއި ޕްލޯޓްގެ ހަތިޔާރުތައް ގެންގޮސް އެ ރަށުގައި ފޮރުވައިގެން ގެންގުޅެވޭނެ ކަމަށް ވެސް ސްކަންދާ ބުންޏެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ، އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި ކަނުބަނދެފައި.

އުމާއާ ހަވާލާދީ ސްކަންދާ ކިޔައިދިން ގޮތުގައި، ލުތުފީ އެއްބަސްވެފައި އޮތީ ތަމަޅައިންނަށް ރާއްޖެ އިން ރަށެއް ދޭށެވެ. އޭރުން ފަހުން ކުދި ބޯޓުތަކުގައި އެ ރަށަށް ހަތިޔާރު ގެންދެވޭނެ އެވެ. އުމާގެ ޕްލޭނަކީ އެއީ އެވެ.

"އަހަރެން އަމިއްލައަށް މިކަން ނިންމި ބައެއް ސަބަބުތައް މިއީ. މިކަން ވަރަށް އަވަހަށް ކުރަން ޖެހުނު. ދެން އެހެން މީހުންނާ މަޝްވަރާ ނުކުރެވުން އެއީ ފަހަރެއްގައި ވެދާނެ ހެދުނު ގޯހަކަށް ވެސް. ދެން މިކަން ކާމިޔާބުވި ނަމަ އަހަރެމެން ސިފަކުރާނީ [ކިއުބާގެ ކުރީގެ ރައީސް ފްލުހެންސިއޯ] ބަތިސްތާގެ ވެރިކަން ނިންމި ކާސްޓްރޯ އާއި ޗެ ގުއޭރާގެ ގޮތުގައި. ކުލީ ސިފައިންގެ ގޮތުގައެއް ނޫން،" އުމާ ބުނެފައިވެ އެވެ.

"އަހަރެމެންނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ހުށަހައެއް ނާޅާ. އެކަމަކު އެ މީހުންނަށް އެހީވާން ހަދައިގެން މީހުންނާއި ފައިސާ ގެއްލުނީ އަހަރެމެންގެ އަތުން."

ލުތުފީ ރާއްޖޭގެ ވެރިކަން ވައްޓާލަން ބޭނުންވެގެން އުޅުމުގެ ފައިދާ ނަގައި އުމާ ފަހިކުރަން އުޅުނީ އޭނާގެ ހަނގުރާމަވެރި ޖަމާއަތަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށް މި ވާހަކަތަކުން އެނގެ އެވެ.

އުމާގެ ޕްލޭން އެނގެނީ ވަސަންތީއަށް އެކަނި

ސްކަންދާ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ ތެރެއަށް ވަންނަން އުމާ އަމިއްލައަށް ނިންމުމާ އެކު އޭނާ ވަނީ 80 ވަރަކަށް މީހުންގެ ސިއްރު ގްރޫޕެއް ހަދައި ހަނގުރާމައިގެ ތަމްރީނުތައް ދޭން ފަށައިފަ އެވެ.

މި ޓީމުގެ ބައެއް މީހުން އެތައް މަހެއް ވަންދެން ތަމްރީންތައް ހެދި އިރު، އެއްބަޔަކު އެކި ފަހަރުމަތިން ރާއްޖެއަށް އައިސް މާލޭގެ މަގުތަކާއި މުހިންމު ތަންތަނާއި ސިފައިން ގެންގުޅޭ ހަތިޔާރުގެ ބާވަތްތައް ބަލައި ރާވަމުން ދިޔައީ ކުއްލި ހަމަލާއެއްދީ ސިފައިންގެ ހިފާނެ ގޮތެކެވެ.

އޭރު އަނެއް ބަޔަކު ޔޫރަޕްގެ ގައުމަކުން ބޯޓެއް ގަނެގެން ލަންކާއަށް ގެންދަން މަސައްކަތްކުރި އެވެ. އެއީ ސްކަންދާ ބުނި ގޮތުގައި ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ ހަނގުރާމައަށްދާ މީހުން ލަންކާއިން ރާއްޖެއަށް ގެންދިއުމެވެ. ދެން ރާއްޖެ ހިފުމަށް ފަހު، ރާއްޖޭން ލިބޭ ރަށުގައި ހަތިޔާރު ބަހައްޓައިގެން ލަންކާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ރަށުން ލަންކާއަށް ހަތިޔާރު ސަޕްލައި ކުރުމެވެ. އެކަމަކު އިންޝުއަރެންސް ފައިސާ ނުދައްކާ އޮތުމުން އެ ބޯޓު ޔޫރަޕްގައި ތާށިވީ އެވެ.

އެހެންވެ އެ މީހުން މާލެއަށް އައީ ދެ މަސްބޯޓު ފޭރިގަނެގެން އޭގަ އެވެ. އެއް ބޯޓުގައި އިސްކޮށް ހުރީ ހަނގުރާމައިގެ ޕްލޭން އެ މީހަކަށް ކިޔައިދީފައިވާ ވަސަންތީ އެވެ. އަނެއް ބޯޓުގައި އިސްކޮށް ފާރޫގާއި ލުތުފީ އެވެ.

ވަސަންތީ އާއި ފާރޫގަކީ ޕްލޯޓްގެ އިސް ދެ ކޮމާންޑަރެކެވެ. ސިފައިންގެ އަށް ހަމަލާދޭން ފެށި ވަގުތު ވަސަންތީ މަރުވެ ދެން ހަދާނެ ގޮތެއް ނޭނގި ހަނގުރާމަވެރިން ވިއްސިވިހާލިވި އެވެ. މާލޭގެ މުވާސަލާތީ ހިދުމަތް ހުއްޓުވާލުމުގެ ޒިންމާއާ ހަވާލުވި އަނެއް ކޮމާންޑަރު ކަމަށްވާ ބާބޫ އަށް ޓެލެކޮމް ބިލްޑިންގަށް ވަދެވޭ ގޮތެއް ނުވި އެވެ. އޭރުގެ ރައީސް މައުމޫނާއި ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހިމް ހޯދައި ހައްޔަރުކުރުމާ ހަވާލުވި ފާރޫގަށް އެއިން މީހަކު އަތަކު ނުޖެހުނެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓެއް ކަމަށްވާ ވަސަންތީ ބަޑިޖަހައި މަރާލާފައި: އޭނާ އަކީ ހަމަލާގެ މުޅި ޕްލޭން އެނގޭ މީހާ ކަމަށް ޕްލޯޓްގެ ތަރުޖަމާނު ވަނީ ބުނެފައި.

މި ހާސްކަމުގެ ތެރޭގައި ކޮމާންޑަރުންނާއި ހަނގުރާމަވެރިންނާ މުވާސަލާތު ކުރެވޭނެ ގޮތެއް ނެތި ގުޅުން ކެނޑުނެވެ. ވޯކީޓޯކީ ސެޓްތައް މޫދަށް ވެއްޓުމުން، އެއްގަމުގައި ތިބި މީހުންނާއި އެ މީހުންގެ ބޯޓާ ވެސް މުވާސަލާތެއް ނުކުރެވެ އެވެ. ލަންކާގައި ހުރި އުމާއަށް ބޯޓުގެ ސެޓުން ވެސް މައުލޫމާތު ދެވޭނެ ގޮތެއް ނުވީ އެވެ.

މާލޭ ބަނދަރުން ބޯޓެއް ފޭރިގަނެ ރަހީނުންގެ ގޮތުގައި ބަޔަކު ގޮވައިގެން އެ ބޯޓުގައި ފިލައިގެން ދިއުން އެއީ ރާއްޖޭން އެހެން ގައުމުތަކުގެ އެހީ އަށް އެދެފިކަން އެނގުމާއި އެމެރިކާގެ ޖެޓެއް މާލެ މަތިން ބުރެއް ޖަހައި ވާނުވާ ބަލައިފިކަން އެނގުމާ އެކު ހެދި އިމަޖެންސީ ޕްލޭނެކެވެ. ދުވަހުގެ އިރު އޮއްސުނު އިރު އިންޑިއާ ސިފައިންގެ މަތިންދާބޯޓުތައް ރާއްޖެއަށް އަަތުވެއްޖެ އެވެ. އަސްލު ހަނގުރާމަ ނިމިއްޖެ އެވެ.

އުމާގެ ނިމުން އައީ އޭނާގެ ހަނގުރާމަވެރިން ރާއްޖެއަށް ފޮނުވިތާ އަހަރެއް ނުވަނީސް ޖުލައި 16، 1989 ގަ އެވެ. ކޮލަމްބޯގައި ހަ މީހުންގެ ގްރޫޕަކުން އުމާ ވަގަށް ނެގުމަށް ފަހު، ދެން ފެނުނީ ބަޑިޖަހައި މަރާލާފައި އޮއްވަ އެވެ. އެއީ އުމާ އާއި ލުތުފީ ދިމާވި ކަމަށް ބުނާ ބަމްބަލްޕިޓިޔާގަ އެވެ. ހަށިގަނޑު އޮތީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ވަރަށް ކައިރީގައި އޮންނަ މަގެއްގަ އެވެ.

އޭނާ މަރާލި ކަމުގެ ޒިންމާ ނެގީ އިންޑިއާގެ ތާއީދާ އެކު ހިންގަމުން ދިޔަ އީލާމް ނެޝަނަލް ޑިމޮކްރެޓިކް ލިބަރޭޝަން ފްރަންޓް (އީއެންޑީއެލްއެފް) އިންނެވެ. އެއީ ޕްލޯޓްގެ ފިކުރުގެ ތެރެއިން އުފެދިފައި އޮތް ބައެކެވެ. އެ މީހުން މަރުގެ ޒިންމާ ނެގިޔަސް އަނެއް ބަޔަކު ބުނަނީ ޕްލޯޓްގެ އެތެރޭގެ ހަމަނުޖެހުމެއްގައި އުމާ މަރާލީ ކަމަށެވެ.

32 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަރުވާޅު

03 November 2024

މި ދެން އަބަދު އަބަދު ދައްކަންޖެހޭ ވާހަކައެއްތަ؟

The name is already taken The name is available. Register?

ސޯޓު

04 November 2024

އާނނ ޖެހޭ

The name is already taken The name is available. Register?

ކަރީމު

04 November 2024

ގޮޅި ޖެހި ހަރުވާޅާ ސޯޅުލީ މީހުން މިތަން ހިފަން އައީ ގައުމުގެ މިނިވަންކަން ނަގާލާ އަޅުވެތިކަމަށް ބަދަލުކޮށް ރާއްޖެ ބޭރުބަޔަކަށް ހަދިޔާކޮށް، މިރާއްޖެ މެދުވެރިކޮށް ޓެރަރިސްޓް ހަތިޔާރު ވިޔަފާރިކޮށް ޓެރަރިސްޓުން ޓުރޭންކޮށް ބޮޑު ގަޑުބަޑެއް ހަދަންކަން ނޭގޭތަ. މަދު ދިވެހިބަޔަކު އޭރުވެސް ފާޑުފާޑު ވާހަކަ ދެއްކި

The name is already taken The name is available. Register?

ބާބް

04 November 2024

އާނ. ޖެހޭ. ޅަދަރިންނަށް މިވާހަކަތައް ކިޔައިދޭން ޖެހޭ. ކިޔަވާ ޓެކްސްފޮތްތަކުގައި މިވާހަކަތައް ހިމަނަން ޖެހޭ.

The name is already taken The name is available. Register?

ޕެންޝަނަރު ލުތުފީ

03 November 2024

މިހާރު މި ލުތުފީއަކީ މުޅިން ހުދުކާފޫރުކޮޅަކަށް ވެއްޖެ... ދިވެހި ދައުލަތުގެ މާލިއްޔާއިން މަހަކު އޭނާއަށް 5000ރ. ގެ ޕެންޝަނެއް އެބަދޭ... ލަދުވެސް ކުޑައީ އެހެންނު...

The name is already taken The name is available. Register?

ލާލޫ ޕްރަސާދު ޔާދަވް

03 November 2024

އުމައްޓޭމެން ލައްވާ އިންޑިއާއިން ގަތް ގަނޑެކޭ 3 ނޮވެމްބަރު އެއީ. މިއަކަށް އެހެން ރައުޔެއް ނޯންނާނޭ.

The name is already taken The name is available. Register?

އުމާ ދޮންބެ

03 November 2024

އުމާ އެކަމުގެ ހަގީގަތް ކިޔައި ދީފާނެ ކަމުގެ ބިރަށް އިންޑިއާއިން އޭނަ ރާއްޖެ އެމްބަސީ ކުރިމައްޗަށް މަރާ ވައްޓާލީ އެއީ އެމީހުން އަޑީގަ ތިބެގެން ގަތް ގަނޑަކަށް ވީމަ.

The name is already taken The name is available. Register?

ޑރ ތަހުމީނާ

03 November 2024

ދިވެހިންނަކީ ބުއްދީގެ ބޭނުންކުރާ ބަޔަކަށްވީނަމަ ހާދަރަނގަޅޭ. 100 ޑޮލަރުނާރާ ޅަ ފިއޮއްތަކެއް ގަނެގެން ކުކުޅުކޮއްޓެއް ހިންގި މީހަކުބުނެގެން ގައުމެއްހިފަން ބަޔަކުއަންނާނެ ހެއްޔެވެ. ސިޔާސީ ބޮޑުންގެ ބެކިންނެތި ދުވަހަކުވެސް ގައުމެއްގެ ވެރިކަން ބަދަލުކުރަން ބަޔަކު ހަނގުރާމައެއް ކުރިހެއްޔެވެ؟ މޮޅުވިނަމަ ތަމަޅައިން ލުތުފީއަށް ވެރިކަންދޭނެ ހެއްޔެވެ؟ ތަމަޅައިން ރާއްޖޭގެ ވެރިކަންކުރަން އިންޑިއާ، އެމެރިކާ، އިގިރޭސިވިލާތުން ފުރުސަތުދޭނެހެއްޔެވެ؟

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

03 November 2024

ކަލޭމެން ދެން އާދެބަލަ އަހަރުމެންނާ ތޮޅެން. ގިއްގަޅުވާލާނަން ވަރަށް ރަނގަޅަށް. އެއްކަލަ ސަގަރޭ ވެސް މޭކަށިގަނޑާ ހިސާބަށް ބެގީ ޖަހައިގެން މާލެތެރޭގަ ވަރަށް މާތް މީހެއްގެ ގޮތުގަ އެބައުޅޭ.މިމީހުން ލަދެއްވެސް ނުގަނޭ.

The name is already taken The name is available. Register?

ތިންކު

03 November 2024

ރަދީފޫ އެއްޗެހިނުގޮވާ. އޭނާގެ ހުކުން އޭނާ ފުރިހަމަކޮށްފި. ދެން އޭނައާދިމާއަށް އެއްޗެހިގޮވުމުގެ މާނައެއް ނެތް.

The name is already taken The name is available. Register?

ޝޯމޭންޒް

04 November 2024

މުޅިން ރަދީފްމެން އަތޮޅު މީހުން ތަ؟

The name is already taken The name is available. Register?

ސެންޓްރަލް

04 November 2024

ރަދީފް މިހާރު އެކަންޏަކު ނޫން. އޭރުގެ ޒުވާނުންވެސް ތިބީ އެމީހުން ގިއްގަޅުވާލުމަށް ތައްޔާރުވެގެން. މަގުމަތީގައި ކުލަހެދުމުގައި އުޅުނު ސިފައިންނާހުރެ ކަމެއް ނުކުރެވުނީ. ނާސިރު މިހާރުގެ އޭޑީކޭ (ސެންޓްރަލް ހޮސްޕިޓަލް) ގެ އެމްބިޔުލަންސް ގެންދިޔައިއިރު މަވެސް ގާއުކިން. އެމީހުން އެތަނުން ގިއްގަޅުވާލަން އެހާ އުދަގުލެއްވެސް ނުވާނެ ދެތިން މީހަކު މަރުވިޔަސް. އެކަމަކު ޒުވާނުން ތިބީ ތައްޔާރުގައި ވަކި ހިސާބަކުން އަރައިގަންނަން.

The name is already taken The name is available. Register?

ގޯޕާލު

03 November 2024

ބާޣީ ލުތުފީ ދޯ

The name is already taken The name is available. Register?

ހިންދުތުވާގެ އަޅު ކަލޭގެ

03 November 2024

ލަންކާގަ ތަމަޅައިންނަށް ވަކި ދައުލަތެއް ހަދަން އުޅުނު ގައުމު އަޑީގަ އޮވެގެން އެމީހުންގެ ބައިވެރިވުމާއެކު ހިނގި ކަމެއް 3 ނޮވެމްބަރުގެ އެ ކަމަކީ. ދެން ނާކާމިޔާބު ވީމަ މަތި ޖަހަން މިތަނަށް އައިސް މުޅި އެތި އަނެއް އަތަށް އަނބުރާލީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

03 November 2024

ލުތުފީ ކަލޭގެ ލަދު ކޮބާ؟؟ މިއަދު މިކަހަލަ ކައްޕަޅި ބަޔަކު ނިކަން އާދެބަލަ އަހަރުމެންގެ ގައުމާ ތޮޅެން.ޔަގީން 7 ވަރަކަށް ގޭންގް ނިކުތަސް ތިބޭނީ ރާކަނިމަސް ކެވިފަ.

The name is already taken The name is available. Register?

ސިންބާ

04 November 2024

ތީހީވާ އެއްޗެއް.އެންމެން ފިލާނެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 November 2024

މީގެ 36 އަހަރު ކުރިން މިއަދު ހިގި ކަންތަކުގެ ވާހަކަ އެގޮތް މިގޮތަށް ދެއްކުމަކީ އޭގެ ސަބަބުން ކަމުގެ ޙަޤިގަތް މުޅިން އޮޅި 3 ނޮވެމްބަރ 1988 ވަނަ ދުވަހަކީވެސް ރަންނަމާރި ވާހަކަ އާއި، ރައިވެރިބޭ ވާހަކަ އަދި ދެ ކޮމަންޑޫ ބުތިކޮށްލާފައި އޮނޑި ދުއްވި ވާހަކަ އާއި ދަންޑެހެލު ކިޔާ މީހަކު ބޯމަތިން ބޮޑުސިންގާ ކުނބެއް އެބުރި ވާހަކަ ފަދަ ޙިޔާލީ ފޮލާއަކަށް މިކަންވެސް ވެގެން ހިގައިދާނެކަމެއްކަން ވިސްނައިގެން ކަމުގެ އަސްލު ޙަޤީގަތް ލިޔެ ހާމަކުރިން ވަރަށް މުހިންމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454