ފަލަސްތީނުގެ ޣައްޒާގައި މީހަކު ބޯފެން ހޯދުމުގެ މަސައްކަތުގައި: ފެނާއި ކާނާ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް ޣައްޒާގައި އަދާކުރާ އެއް ޖަމާއަތަކީ އަންރުވާ. -- ފޮޓޯ: އޭއެފްޕީ
05 ނޮވެމްބަރ 2024 - 06:16
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައި އޮންނަ އެޖެންސީއާ އިޒްރޭލުން ގުޅުން ކަނޑާލަން ނިންމިކަން އިޒްރޭލުން އދ. އަށް ރަސްމީކޮށް އަންގައިފި އެވެ.
މިކަން އަންގާފައި މި ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ އިޒްރޭލުގައި ހިންގުން މަނާކުރަން ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ފަހުގަ އެވެ.
އިޒްރޭލުގެ އެންމެ އެކުވެރި އެމެރިކާ ހިމެނޭ ގޮތަށް، މުޅި ދުނިޔެއިން ވެސް އިޒްރޭލުގެ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) މަނާކުރަން އިޒްރޭލުން ނިންމުމުން އެކަން ކުށްވެރިކޮށްފަ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ އެކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް މިލިއަން ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާގައި އަންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތުކުރެ އެވެ.
އަންރުވާގެ ނުވަ މުވައްޒަފަކު ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭތީ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
"ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒްގެ އިރުޝާދުގެ މަތިން، އިޒްރޭލުގެ ދައުލަތާއި އަންރުވާއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރިކަން ފޮރިން މިނިސްޓްރީން އދ. އަށް ވާނީ އަންގާފައި،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލަށް ދިން ހަމަލާގައި އަންރުވާގެ ބައެއް މުވައްޒަފުން ބައިވެރި ވެފައި ވާއިރު މުޅި އެ ޖަމިއްޔާގައި ވެސް ހަމާސްގެ "ހަނގުރާމަވެރިން" ގިނަ ކަމަށެވެ. އަންރުވާ އަކީ ޣައްޒާއަށް އޮތް ހައްލެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަންރުވާ އަކީ ފަލަސްތީނުގައި އެހީގެ މަސައްކަތް ކުރުމަށް އެންމެ ފަރިތަ ޖަމާއަތް ކަމަށާއި އެ ޖަމާއަތަށް މިނިވަންކަމާއި ރައްކާތެރިކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތް ނަމަ ޣައްޒާގެ އާންމުން މިހާރު ތިބި ނިކަމެތި ހާލަތަށް ވުރެ ވެސް ދަށް ހާލަތަކަށް ވެއްޓިދާނެ ކަމަށް އެ ޖަމާއަތުން އަންނަނީ ބުނަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy