ބަޖެޓު ފޮތް. ދަރަނި ކުޑަ ކުރުމަށް ފިސްކަލް ސްޓްރެޓެޖީގައި ކަނޑައަޅި އަމާޒަށް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ -- ފޮޓޯ: މިހާރު
20 ނޮވެމްބަރ 2024 - 10:24
މި އަހަރަށް ކަނޑައެޅި ފިޔަވަޅުތައް ނޭޅުމުން، ދަރަނި ކުޑަކުރުމަށް ކުރިން ކަނޑައެޅި ފިސްކަލް ސްޓްރެޓެޖީ ހާސިލް ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން އެކުލަވައިލި ފިސްކަލް ސްޓްރެޓެޖީގައި ސީދާ ދަރަނީގެ އަދަދު އުފެއްދުންތެރިކަމުގެ ނިސްބަތުން 95 ޕަސެންޓަށް ތިރި ކުރުމަށް 2026 އަށް ކަނޑައެޅި ނަމަވެސް، އެކަން ހާސިލް ނުވާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އެކަން ހާސިލް ނުވަނީ، ފިސްކަލް ރިފޯމު ލަސްވެ، ޑެފިސިޓް ބޮޑުވެ، ފައިނޭންސް ކުރުމަށް އިތުރު ދަރަނި ނަގަން ޖެހުމުގެ ސަބަބުން ކަމަށެވެ. ފިސްކަލް އެންކާތައް ހާސިލު ކުރަން ދަތިތައް ދިމާވި ނަމަވެސް، އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު، ޑެފިސިޓާއި ރިކަރަންޓް ހަރަދާއި ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނި ކުޑަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"މި އަހަރާއި މެދުރާސްތާ ޑެފިސިޓް ފުޅާވެ، ފައިނޭންސް ކުރަންޖެހޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ މި އެންކާ [ސީދާ ދަރަނީގެ މިންވަރު 2026 ވަނަ އަހަރަށް އުފެއްދުންތެރިކަމުގެ ނިސްބަތުން 95 ޕަސެންޓަށް ތިރި ކުރުން] ހާސިލު ކުރެވޭނެ ކަމަކަށް މިހާރު ނުބެލެވޭ،" ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ.
- 2026 ވަނަ އަހަރު ނިމޭ އިރު ސީދާ ދަރަނި [ގެރެންޓީ ނުހިމަނައި] ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ކުޑަ ކުރުން
- ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ބެހެއްޓުން
- ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނި ދަށަށް ދާނެ މިސްރާބެއްގައި ބެހެއްޓުން
- ރިކަރަންޓް ހަރަދު ޖުމްލަ އާމްދަނީ އަށް ވުރެ ކުޑަވާނެ ގޮތެއްގައި ބެހެއްޓުން
ފިނޭންސް މިނިސްޓްރީން ބުނީ، ސީދާ ދަރަނި ކުޑަކުރަން ބޭނުންވާ ނަމަ، މިހާރު ބަޖެޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ އިތުރަށް ވެސް ހަރަދު ކުޑަކުރަން އާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް ސީދާ ދަރަނި މެދުރާސްތާގައި ކުޑަ ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިސްކަލް ރިފޯމުތައް ގެނެސްފައި ނުވުމުން މި އަހަރު ޑެފިސިޓް ވަނީ 15 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މި އަހަރު ރިކަރަންޓް ހަރަދު ލިބޭ އާމްދަނީ އަށް ވުރެ ވެސް އިތުރުވާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. ރިކަރަންޓް ހަރަދު 36 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރާ އިރު ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ބެލެވެނީ 32 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ނިމޭއިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި އަންނަ އަހަރު ޖުމްލަ ދަރަނި 150 ބިލިއަން ރުފިޔާ އަށް މަތިވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓިންޖެންސީ ޕްލޭން
22 November 2024
ޕްލޭނާ އެއްގޮތަށް ނުގޮއްސިއްޔާ ކަންކުރާނެ ގޮތުގެ ކޮންޓިންގެންސީ ޕްލޭނެއްވެސް ނެތީތޯ؟ މިއޮތީވާ ސަރުކާރެއް. ނޭނގެންޏާ އަވަހަށް އިސްތިއުފާދެއްވާ.
ބިލާހް
20 November 2024
އެހެންވީމާ ގައުމުގެ ވެރިޔާއަށް ހެދޭނުހެދޭ އެއްޗެއް ނޭންގޭތާ؟؟ގިނަ މުދާތަކެއް އަގުބޮޑުވެއްޖެ..އާސަންދައިން ބޭސްލިބުން ދަތިވެއްޖެ..އެހުރިހާ ކަމެއްކޮށްގެން ކިހިނެއް ތިހަދަނީ ހަޒާނާއަށް..