ރިވައިވަލް ސްޕޯޓްސްގެ ފަރާތުން ވާދަ ކުރި އެ ޓީމުން ވަނީ އެ މުބާރާތުގައި ޖުމްލަ ފަސް މެޑަލް ހޯދާފައި.--
24 ނޮވެމްބަރ 2024 - 21:12
ބޮޓްސްވާނާ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ދިވެހި އެތުލީޓުން މިއަދު ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ސީރީޒްގެ އެ މުބާރާތުގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގް ވަނީ އޭނާގެ އެއްމާބަނޑު ދައްތަ، އާމިނަތު ނަބީހާ ބަލިކޮށް އެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
މިކްސްޑް ޑަބަލްސްގައި ނަބާހާ އާއި ހުސައިން ޒަޔާން ޒަކީގެ ޕެއާއިން ވަނީ ރިހި މެޑަލް ހާސިލުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޮޓްސްވާނާގައި ދިވެހި ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މުބާރާތުން ދިވެހި ކުޅުންތެރިން ރާއްޖެ އަށް ހޯދައި ދިނީ ތާރީހީ ކާމިޔާބެކެވެ.
ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި މީގެ ކުރިން ރާއްޖޭގެ ދެ ކުޅުންތެރިޔަކު ފައިނަލުގައި ވާދަކޮށްފަ އެއް ނުވެ އެވެ. ނަބީހާ އާއި ނަބާހާ އަކީ އެ ޝަރަފު ހާސިލު ކުރި ފުރަތަމަ ދެ ކުޅުންތެރިންނެވެ.
"މި ޝަރަފް ރާއްޖެއަށް ހޯދައި ދިން ހުނަރުވެރި ދެބެއިންނަށާއި ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރިވައިވަލް ސްޕޯޓްސްގެ ފަރާތުން ވާދަކުރި އެ ޓީމުން ވަނީ އެ މުބާރާތުގައި ޖުމްލަ ފަސް މެޑަލް ހޯދާފަ އެވެ. އެއީ ސިންގަލްސް އިވެންޓުން ނަބީހާ ހާސިލު ކުރި ރިހި މެޑަލް އާއި ޑަބަލްސް އިވެންޓްތަކުން ޒަޔާން އާއި ނިބާލް އަހްމަދުގެ ޕެއާ އަދި އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާއިން ހޯދި ދެ ބްރޯންޒް މެޑަލް ވެސް ހިމަނައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy