27 ނޮވެމްބަރ 2024 - 23:23
އައްޑުއާ ދެކޮޅަށް އެއްވަރުކޮށް ހޯދި ޕޮއިންޓާ އެކު ގުރޫޕް ސީގެ ފޭވަރިޓަކަށް ކ. ގުރައިދޫ ވެއްޖެ އެވެ.
މެޗު އެއްވަރު ކުރީ 1-1 ންނެވެ. އައްޑޫން ލަނޑު ޖަހާފައި ވަނިކޮށް ގުރައިދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ކުޅުނު ދެ މެޗުން ގުރައިދޫ ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ. އައްޑު އަށް ލިބުނީ ދެ މެޗުން ދެ ޕޮއިންޓެވެ.
މެޗުގެ 13 ވަނަ މިނެޓްގައި، އައްޑޫން ލީޑް ނެގި އެވެ. އަލީ ނާފިއު (ކަޅޭ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ވެއްޓިގެންފައި މުހައްމަދު އިންޝާލް ފޮނުވާލީ ގޯލްގެ ތެރެއަށެވެ. އެ ބޯޅަ ސަލާމަތް ކުރަން ގުރައިދޫގެ ކީޕަރު އަހްމަދު ސަމީރަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ.
ލީޑް ނަގައިގެން އައްޑުއަށް ހިތްހަމަޖައްސާލެވުނީ ގާތްގަނޑަކަށް 10 މިނެޓެއްހާއިރު އެވެ. ގުރައިދޫގެ އަހްމަދު އަޒްހަމް ވަދީހް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެޗުގެ 22 ވަނަ މިނެޓްގައި ގުރައިދޫގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ބޯޅަ ހިފައިގެން ދަމުން އޭނާ ވަނީ އައްޑުގެ ގޯލަށް ބޯޅަ އޮއްސާލައިފަ އެވެ.
ގުރައިދޫ ޓީމުގެ އެހެން ކުޅުންތެރިން އޭނާ ބޯޅަ އޭރިއާ ތެރެއަށް ނަގާނެ ކަމަށް ބަލައި އޭރިއާ ތެރެއަށް ވަންނެވެ. އެކަމަކު އަޒްހަމް ނިންމީ ގޯލްގެ ތެރެއަށް ބޯޅަ އޮހިގެންދާ ގޮތަށް މަތިމަތިން ފޮނުވާލާށެވެ. އައްޑޫގެ ކީޕަރު ވިޝާގް އަބްދުލް މަޖީދު ބޯ މަތިން ގޮސް ބޯޅަ ދިޔައީ ގޯލްގެ އެތެރެއިން މަތީ ކަނަށެވެ.
ދެވަމަ ހާފުގައި ދެ ޓީމުން ވެސް ފުރުސަތުތައް ތަނަވަސް ކުރި އެވެ. އެކަމަކު ނަތީޖާ އަލުން ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
28 November 2024
ޓީމްތަކުގެ ގްރޫޕް ޓޭބަލް ، ލިބުނު ޕޮއިންޓެއް އާޓިކަލްތަކުން ފެންނަން / އެނގެން ނެތުން މިއީ ދެރަކަމެއް.ތަންކޮޅެއް ރަނގަޅަށް މިކަން ކުރުމަށް ހިނގާބަލަ.