އަންހެނުން ކުރިއެރުވުމުގެ އެވޯޑު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އާސިމާއަށް ދެނީ.
01 ޑިސެމްބަރ 2024 - 09:26
އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް "މިހާރު" ގެ ނޫސްވެރިޔާ، އާސިމާ ނިޒާރަށް ރޭ ލިބިއްޖެ އެވެ.
އާސިމާއަށް ލިބުނީ މީޑިއާގެ ދާއިރާ އިން ލީޑާޝިޕް އެކްސެލެންސް އެވޯޑެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އާސިމާ ނިކުތީ "ހަވީރު" ނޫހުން ޑިސެމްބަރު 2014 ގަ އެވެ. އަދި 2016 ގައި އެ ނޫސް ހުއްޓާލަން ޖެހުމުން އެ ނޫހުގެ ނޫސްވެރިންނާ އެކު އުފެއްދި "މިހާރު" ގައި އޭނާ އަންނަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ، ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްއާ "މިހާރު" ގެ އާސިމާއަށް ދެނީ.
އާސިމާގެ 10 އަހަރުވީ ނޫސްވެރިކަމުގެ ކެރިއަރުގައި އޭނާ އަންނަނީ އިޖުތިމާއީ ދާއިރާއާ ގުޅޭ އެކި ހަބަރުތައް ލިޔަމުންނެވެ. ރާއްޖޭގެ އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައި އާސިމާ ލިޔެފައިވާ ޚަބަރާއި ރިޕޯޓުތަކުން މުޖުތަމައަށް އެދެވޭ ބަދަލުތަކެއް ވަނީ ގެނެވިފަ އެވެ.
އާސިމާ އަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެވެ.
މީގެ ކުރިން މި އެވޯޑު ވަނީ މިހާރުގެ ނިއުސް އެޑިޓަރު ފަޒީނާ އަހުމަދަށް ވެސް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
01 December 2024
އާސިމާ ވަކާލާތު ކުރަން މިހާރު އޮތް ކަމެއް ހަނދުމަ ކޮށްދެއްވަން ތޯޢެވެ! މިހާރަކަށް އައިސް ކަރޯކޭ ސްޓޭޖް ތަކުގަ ތަނަވަސް ކަންހުންނަ މީހުން ޅަދަރިންގެ މައިން ގެ ވަގުތު ނަގާލަމުން އެދަނީ ޝޯތަކަށް އެކުދިން ގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދުއްވާލަމުންނެވެ. ކުޑަޚަރަދަކުން ޝޯއެއް ނިންމާ ލެވޭއިރު އެކުދިންނަށް ދެވެނީ ކާއެތިކޮޅެކެވެ. އެކަށީގެންވާ އުޖޫރައެއް ނުލިބެއެވެ. ކުރާހިތްވިޔަސް ހިލޭސާބަހަށް އާއިލާ ތަކުން މިކަމަކަށް ނުރުހެއެވެ. މިކަމާ ކީކޭތޯބުނާނީ!
ގަބުޅިކަތީބް
01 December 2024
މަރުހަބާ އާސިމާ އަބަދުވެސް ކާމިޔާބަށް އެދެން ވަރަށް އުފާވެއްޖެ!
ދުމްމ
01 December 2024
މަރުހަބާ އާސިމާ!