ކުޅިވަރު / ޅ. ނައިފަރު

އިމްރާންގެ ގޯލުތަކުން މޮޅުވެ، ނައިފަރު ދެވަނަ ބުރަށް

އިމްރާން (ކ)، ނައިފަރު މޮޅުވި ގޯލު ޖެހިމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިމްރާން މުހައްމަދުގެ ގޯލުތަކުން ފަހަތުން އަރައި 2-1 އިން ބ. ކެންދޫ ބަލިކޮށް ޅ. ނައިފަރުން، ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ނައިފަރުން ގޯލްޑް ކަޕްގައި މިހާތަނަށް ތިން ގޯލު ޖަހާފައި ވާއިރު، ތިން ގޯލު ވެސް ޖެހީ އިމްރާން އެވެ. ފުރަތަމަ މެޗުގައި ކ. މާފުށި ބަލިކުރަން މެޗުގައި ޖެހި ހަމައެކަނި ގޯލު ވެސް ޖެހީ އޭނާ އެވެ.

ނައިފަރުން ގުރޫޕް ޑީގެ ދެވަނަ ޔަގީން ކުރީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ރ. އަލިފުއްޓެވެ. ކެންދުއާއި މާފުއްޓަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ކޮންމެ ގުރޫޕަކުން ވެސް ގަދަ ތިން ޓީމު ދެވަނަ ބުރަށް ދާއިރު، ގޯލުގެ ތަފާތުން ތިންވަނައިގައި މިވަގުތު އޮތީ މާފުއްޓެވެ. ކެންދުއަށް ކުރި ލިބެން އޮތީ، މާދަމާ ހަވީރު ކުޅޭ ގުރޫޕްގެ ފަހު މެޗުގައި އަލިފުށިން ފަސް ގޯލުގެ ތަފާތަކުން މާފުށި ބަލިކޮށްގެންނެވެ.

ނައިފަރާއި ކެންދޫ މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކެންދޫން ވަނީ މެޗުގެ ދެވަނަ މިނިޓުގައި ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ކެންދޫގެ އާދަމް މާހު، ނައިފަރުގެ ކެޕްޓަން ހުސެއިން ފައިސަލް (ފައިޓޯ) އަށް ހުރަސް އެޅި ވަގުތު ބޯޅަ ހޯދައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކެންދުއަށް ލީޑު ނަގައިދިނީ މަލްސޫން ޔާމީން އެވެ.

ނައިފަރުން ނަތީޖާ އެއްވަރުކުރީ 19 ވަނަ މިނިޓުގައި އިމްރާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން ކާމިޔާބު ކުރި ގޯލުންނެވެ.

ނައިފަރުން ފުރަތަމަ ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި އިރު، އެޓީމުގެ ހަމަލާއެއް ވަނީ ގޯލލު ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ. މީގެ އިތުރުން އިމްރާން އާއި މުހައްމަދު ނަދީމް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. ކެންދޫގެ ރަޝާދު އަބްދުލް މަތީނަށް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ހުރަސް އެޅީ ނައިފަރުގެ ކީޕަރު އަބްދުﷲ މުހައްމަދެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅު ކެންދޫން ވަނީ އަލުން ލީޑު ނަގަން ރަނގަޅު ދެ ފުރުސަތު ތަނަވަސް ކޮށްފަ އެވެ. އެގޮތުން، މި ހާފުގައި ކުޅެން އެރި ރަޝްއާފް މުހައްމަދަށް ލިބުނު ދެ ފުރުސަތުގައި ވެސް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

ނައިފަރުގެ ދެ ގޯލު ވެސް ޖަހައިދިން އިމްރާން؛ ނައިފަރުން މިހާތަނަށް މުބާރާތުގައި ޖެހި ތިން ގޯލު ވެސް ޖެހީ އޭނާ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނައިފަރު މޮޅުވި ލަނޑު އިމްރާން ޖެހީ 74 ވަނަ މިނިޓުގަ އެވެ. ފައިޓޯ ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ހޯދައި އިމްރާން މި ގޯލު ޖެހުމުގެ ކުރިން ވެސް އޭނާ އަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އަބްދުﷲ އަނޫސް ތަނަވަސް ކޮށްދިން ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

މެޗުގެ ފަހު ވަގުތުގައި ކެންދޫގެ ރަޝްއާފް ހާފުގެ މެދަކާ ހަމައިން ފޮނުވާލި ހަމަލާ ގޯލު ހުރަސްދިނޑި ކައިރިން ބޭރަށް ދިޔަ އިރު، ނައިފަރުން އިތުރު ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. މުހައްމަދު އިޒާން އަލީ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ކީޕަރު އަބްދުލް ބާސިތު އަބޫބަކުރު މަތަ ކުރި އިރު، ރީބައުންސް ބޯޅަ އިމްރާން ފޮނުވާލުމުން ދިޔައީ މާ މަތިން ބޭރަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454