"ދަ ރޯޝަންސް"ގެ ޕޯސްޓަރު.
05 ޑިސެމްބަރ 2024 - 06:14
ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ އާއިލާއަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމަންޓަރީ ސީރީޒް "ދަ ރޯޝަންސް" ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން ބުނީ މި ޑޮކިއުމެންޓްރީ ސީރީޒްގައި ގެނެސްދޭނީ ރޯޝަން އާއިލާއިން ފިލްމީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. އެ އާއިލާގެ ފިލްމީ މަސައްކަތަކާއި އެމީހުންގެ އިންޓަވިއުތަކާއި އެ މީހުންނާ އެކުގައި މަސައްކަތްކުރި ބައެއް މީހުންގެ އިންޓަވިއުތައް ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ރިތިކް ބައްޕަ ރާކޭޝް ރޯޝަނަކީ ކުރީގެ އެކްޓަރެކެވެ. އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެކެވެ.
ރާކޭޝްގެ ކޮއްކޮ ރާޖޭޝް ރޯޝަން އާއި އެ ދެބެއިންގެ ބައްޕަ ރޯޝަން ލާލް އަކީ މިއުޒިކް ޑައިރެކްޓަރެކެވެ. ރާޖޭޝްގެ ދަރިއެއް ކަމަށްވާ ޕަޝްމީނާ ރޯޝަން ވެސް މި އަހަރު ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ. އެއީ، މިދިޔަ ޖޫން މަހު ގެނެސްދިން ފިލްމު "އިޝްގް ވިޝްގް ރީބައުންޑް" އިންނެވެ.
ރޯޝަން އާއިލާގެ އެންމެ ކާމިޔާބު ފަންނާނަކީ ރިތިކް އެވެ. އޭނާގެ ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އަދި ކުރިއަށް ވެސް އޭނާ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.
"ދަ ރޯޝަންސް" ސްޓްރީމްކުރަން ފަށާ ދުވަހެއް ނެޓްފްލިކްސް އިން އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy