އަލިފުއްޓަށް ލަނޑު ޖަހައިން ދިން ހުޝާމް އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޑިސެމްބަރ 2024 - 00:49
ޅ. ކުރެންދޫގެ މައްޗަށް 1-0 ން މޮޅުވެ، ގޯލްޑް ކަޕްގެ ދެވަނަ ބުރު ވެސް ކާމިޔާބުކަމާ އެކު އަލިފުށިން ފަށައިފި އެވެ.
ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ފުރަތަމަ ބުރު ނިންމާލި. ނަމަވެސް، އެ ބުރުގައި އަލިފުށިން އެންމެ ފަހުން ކުޅުނު މެޗުން މާފުށި އަތުން ބަލިވި އެވެ.
އެކަމަކު ރޭ ގެ މެޗުގައި އެ ގޯސްތަކުރާރު ވުމުގެ ފުރުސަތެއް އަލިފުށިން ނުދިނެވެ. ކުރެންދޫގެ ގޯލް ފޫއަޅުވާލުމުގައި ފުރަތަމަ ހާފުގައި އަލިފުއްޓަށް އުނދަގޫ ކުރިމަތިވި އެވެ.
ކުރެންދޫގެ ގޯލް ބެލެހެއްޓި ލަންކާގެ ގައުމީ ކީޕަރު ސޫޖަން ޕެރާރާ ވަނީ އަލިފުށީގެ ހަމަލާތައް ދިފާއުކުރުމުގައި މުހިންމު ސޭވްތަކެއް ކޮށްފަ އެވެ. އޭނާ އަށް ވެސް ހިފަހައްޓާ ލެވެނީ ވަކި ވަރަކަށެވެ.
މެޗުގެ 63 ވަނަ މިނެޓްގައި އަހްމަދު ހުޝާމް ވަނީ އަލިފުއްޓަށް ލަނޑު ޖަހައި ދީފަ އެވެ. އެ ޓީމުން އުފެއްދި ހަމަލާ ހުސައިން ނިހާން (ނިހާޓް) އޭރިއާ ތެރެއަށް ނަގައި ދިނުމުން ހުޝާމް ލަނޑު ޖެހީ ކުރެންދޫގެ ދެ ޑިފެންޑަރު ކައިރިން ވެސް އަދޮ ކީޕަރު ސުޖަން ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ.
މެޗުގައި އަލިފުށީގެ ސަޕޯޓަރުން އެ ޓީމުގެ ފަހަތުގައި ތިބިކަން އަނެއްކާވެސް ސާބިތުކޮށް ދިނެވެ.
މެޗުން ތިން ޕޮއިންޓް ހޯދައި އަލިފުށިން ވަނީ ކުއާޓާ ފައިނަލާ ގާތަށް ޖެހިލާފަ އެވެ. ދެވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅޭނެ އެވެ. ގުރޫޕް ސްޓޭޖެއްގެ ގޮތަށް ކުރިއަށްދާ ދެވަނަ ބުރުގައި އަލިފުއްޓާއި ކުރެންދޫ ހިމެނޭ ގުރޫޕްގައި ދެން އޮތީ މާލެ އެވެ. ދެވަނަ ބުރުގައި މާލެއިން އަދި މެޗެއް ކުޅެފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަންދޫ މީހާ
11 December 2024
މި މެޗުގައި އެންމެ މޮޅަށް ކުޅުނީ ރެފްރީއެވެ. އޭނާގެ ނިއްމުންތައް އެހާމެ ފުރިހަމަވެފައި އިންސާފުވެރިއެވެ.