ފުވައްމުލަށް ބަލިކުރުމަށް ފަހު ގުރައިދޫގެ ކުޅުންތެރިން؛ ގުރައިދޫ ވަނީ ގުރޫޕް ސްޓޭޖުގެ ދެވަނަބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޑިސެމްބަރ 2024 - 23:49
ގުރޫޕްގެ ފަހު މެޗުގައި ފުވައްމުލައް ސިޓީ 1-0 އިން ބަލިކޮށް ކ. ގުރައިދޫން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ގުރައިދުއަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، ފުވައްމުލަކާ އެކު ގުރޫޕް އީ ގައި ދެން ހިމެނޭ ތ. ތިމަރަފުއްޓަށް ވެސް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ދެ ޓީމު ވާދަކޮށް 1-1 އިން އެއްވަރުވި މެޗުން ލިބުނު ޕޮއިންޓެވެ.
ތިމަރަފުށި ވެސް ގުރައިދޫ އަތުން ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއާ ގުޅިގެން ތިމަރަފުއްޓާއި ފުވައްމުލައް ވެސް ޕޮއިންޓާއި ގޯލުގެ ގޮތުން ވެސް އެއްވަރުވުމާ އެކު، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދާ ޓީމެއް ކަނޑައެޅުމަށް ނިންމާފައި ވަނީ ގުރުއަތުލައިގެންނެވެ. ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މިރޭގެ މެޗު ފަށައިގެން ފުވައްމުލަކުން ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރި އިރު، ގުރައިދޫން ވަނީ ކައުންޓާއެއްގައި ލިބުނު ހިލޭޖެހުމަކުން 34 ވަނަ މިނިޓުގައި ލީޑު ހޯދައިފަ އެވެ. ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމުން މުހައްމަދު ނާއިމް ފޮނުވާލި ބޯޅަ، ކުރިމަތީ ފާރަށް އެތުރި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ދިޔަ ވަގުތި ހޯދައި މި ގޯލު ޖަހައިދިނީ އަހުމަދު ޝުއޫން އެވެ.
ފުވައްމުލަކުން މެޗުގައި ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ގުރައިދޫގެ ކީޕަރު އަހުމަދު ސަމީރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތު ގުރައިދޫގެ އިޝްއާފް މުހައްމަދު ފިރާގް ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމްޔާތު
15 December 2024
މުޅިއްގޯސް ރަނގަޅުގޮތަކީ އިތުރު މެޗެއްކުޅުވުން ތިޔަށްވުރެ މާބޮޑެތި ނިންމުއްތަށްވެސް ހަމަބަދަލުކުރަނީ !
އަލިފު
15 December 2024
ނުވަދިހަ މިނިޓް ހަމަވެގެން ޕެންލަޓީ ޖެހުމުގެ ބަދަލުގައި ފަނަރަ މިނިޓްގެ ދެހާފު ކުޅުވަނީ އިންސާފުވެރި ރަގަނޅު ގޮތަކަށް ނަތީޖާ ނެރެން. މިބީދައިން.