ފެން ބިލްޑިން: ހިޔާނަތަށް ތުހުމަތުވާ އެއްބަސްވުން ބާތިލުކޮށް، ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނި.
25 ޑިސެމްބަރ 2024 - 12:32
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ޝަކުވާތަކެއް ލިބުމާ އެކު، އެއްބަސްވުން ބާތިލުކޮށް، ތުހުމަތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަތީން "މިހާރު" އަށް ވިދާޅުވީ، ސޯޝަލް މީޑިއާ އަށް މި މައްސަލަ ފެންމަތިވުމުގެ މާ ކުރިން މިދިޔަ މަހު އެ ކުންފުނީގެ ތެރެއިން މި އެއްބަސްވުމުގެ ޝަކުވާ ބޯޑަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭރުން ފެށިގެން މި މައްސަލަ ބަލަމުން އައިސް، އެއްބަސްވުން ބާތިލްކުރަން މި މަހުގެ 18 ވަނަ ދުވަހު އެމްޑަބްލިއުއެސްސީގެ ބޯޑުން އައިބީއެމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކޮޅަށް [އެމްޑަބްލިއުއެސްސީ އަށް] ޝަކުވާ އައީމާ އޮޑިޓްކުރީ އެ ޕްރޮސެސް. ޝަކުވާ އައީމަ ޖެހޭނީ އޮޑިޓް ކުރަން ދެއްތޯ. އަޅުގަނޑުމެން ބެލިއިރުގައި ހުރި ރަނގަޅުކުރަން ޖެހޭ ކަންތައްތައް، ޕްރޮސެސްގައި ވެސް މައްސަލަތައް އުޅޭ. އަގުތަކުގެ ވެސް އަޅުގަނޑުމެން އެސަސްމަންޓެއް ހެދީ، ބެލިއިރުގައި ފެނުނީ މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަލުން އިއުލާން ކުރުން ކަން،" އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ އޮޑިޓް ކޮމިޓީން މި މައްސަލަ ބަލައި، ހުށަހެޅި ރިކޮމެންޑޭޝަންތަކުގައި ވެސް އެއްބަސްވުން ބާތިލުކުރަން ލަފާދީފައިވާ ކަމަށް މަތީން ވިދާޅުވި އެވެ.
މުވައްޒަފެއްގެ އިހުމާލެއް އުޅޭ ނަމަ، އެކަން ވެސް ބަލަން ނިންމާފައި އޮތީ: މަތީން، މެނޭޖިން ޑިރެކްޓަރު
"މުވައްޒަފެއްގެ އިހުމާލެއް އުޅޭ ނަމަ އެކަން ވެސް ބަލަން ނިންމާފައި އޮތީ،" މަތީން ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަތީން ވިދާޅުވި ގޮތުގައި، އޮޑިޓް ކޮމިޓީގެ ލަފަޔާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދަން ކުންފުނީގެ ބޯޑުން އޮތީ ނިންމައިފަ އެވެ.
"އެހެންވީމަ އަޅުގަނޑު އައިބީއެމް އަށް އެންގީ، މި މަހު 18 ވަނަ ދުވަހު، އެއްބަސްވުން ބާތިލުކުރަން،" އޭނާ ވިދާޅުވި އެވެ.
އައިބީއެމްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން އާއި ގުދަން ކުރާނެ ތަނެއް ހަމަޖެއްސުމަށް، ދެ ފުލޯގެ ތަނެއް ކުއްޔަށް ނެގުމަށް ހެދި އެއްބަސްވުންތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެ އެވެ. އެ އްބަސްވުންތަކުގެ ކޮޕީ އެކްސްގައި ވަނީ ލީކުކޮށްލައިފަ އެވެ.
އެ ދެ އެއްބަސްވުން ވެސް ހަދާފައި ވަނީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އެކު އެވެ. އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ ބީލަމަށް ހުޅުވާ ނުލަ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ހެދި ފުރަތަމަ އެއްބަސްވުމުގައި މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 60،000ރ. އެވެ. ނަމަވެސް، އެ އެއްބަސްވުން އުވާލައި، މިދިޔަ އޮކްޓޯބަރުގެ މަހުގެ 22 ވަނަ ދުވަހު ހެދި ދެވަނަ އެއްބަސްވުމުގައި ކަނޑައަޅާފައި އޮތް އަގަކީ 200،000ރ. އެވެ. އެއީ، 140،000ރ. ގެ ބޮޑު ފަރަގެކެވެ. އެކަމަކު، ފަހުން ހެދި އެއްބަސްވުމުގައި ވަނީ އެކޮމޮޑޭޝަންގެ އިތުރުން ގުދަން ކުރާނެ ޖާގަ ވެސް ހަމަޖައްސައިފަ އެވެ.
ފަސް އަހަރަށް ހެދި އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި 400،000ރ. ދައްކަން އެއްބަސްވެފައިވެ އެވެ. އެ އެއްބަސްވުމުގައި އައިބީއެމްގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖިނާން ޖަލީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު ތީ
26 December 2024
ރައްޔިތުން ގަރުދިޔަ ބޯންޖެހެނީ ވެރިން ވައްކަންކުރާތީ ދޯ!
ވޯލް
26 December 2024
ސާބަހޭ ހަމަ އަތުގަޖަހޭ އެއްޗަކުން ވައްކަން.
އެއްބަސްވުން
25 December 2024
މިހާރު މިއޮންނަމޮޑެލްހާދަ ތަފާތޭދޮއްތޯ، ކޮރަޕްޓް އެގްރިމަންޓްގަ ސޮއިކޮއްފަ ރައްޔިތުން ކެކި ގަތީމަ ބާތިލު. ގަވައިދުގެ ތެރޭން ކަންކަން ކުރަންނޭގޭވެރިން އިސްތިއުފާދެއްވާފަ ދުރަށްޖެހިވަޑައިގަންނަވާއިގޭތޯ، ސަރުކާރުގަ ފައިސާގެ މުއާމަލާތްތައް ހިންގާނޭގަވައިދާ އުސޫލުތައް ލިޔެވިފަ އެބަހުރި. ތިޔަތަނުގެ ވެރިންނަށްނޭގި އެއްނޫން ކަންކަން މިގޮތަށް ހިނގަނީ، އަންގައިގެން ކުރާކަންތައްމީ
ޤައުމެއްވާ ނެތެއްނު
25 December 2024
ގުދަން ކުރާނެތަން އިތުރުވުމުން އަސްލު އެކަމަޑޭޝަންގެ 2 ގުނއަށް ވުރެ ބޮޑު އަދަދެއް އިތުރުކޮށްލާފަ. މިއީ ކަޓުގެ ޢަދަދު ދޯ. މި ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރޭ މި ޤައުމުގަ. ބުރަ މަސައްކަތްކޮށްގެން ޙަލާލު އާމްދަނީ ހޯދުމުގެ ބަދަލުގައި މޭޒުކައިރީގައި ތިބެގެން ލިޔެކިއުމަށް ބަދަލުގެނެސްގެން މުއްސަނދިކަން ހޯދޭ ޤައުމެއް މީ.
އޮޅުންނާރުވާ
25 December 2024
މިހާރު ހީވަނީ ކޮރަޕްޓްވެ ކައިހުސްކޮށްގެން ފިލާ ތިބި ބައިގަނޑަށް އަލިފު ބާ ފެނިގެން އުޅޭހެން. މިއޮތްހާ ދުވަހު ކަހާތަން ހިރުވާނުލާ، ރިއެކްޓް ނުވި، މިހާރުވާ ފިޔަވަޅުތަކެއް އެބަ އަޅާތާ، އެއީ ހެޔޮކަމެއްތާ.. އޭތި ބަޔަކު ކޮރަޕްޝަން އިތުރުވީކަމަށް ދައްކަން ފޯކަސް އަނބުރާލުން އެއީ ސިޔާސީ ހަތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކުރުން
ބަޑިތަކުރު
25 December 2024
ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގިނެގީމަ. ކެވެން ހުރި އެއްޗެއް ކެވެންހުރި ގޮތަކަށް ކަމުން ގެންދަނީ. އެންމެންވެސް ބުނަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރަންސްކަމަށް. ކުރާނެކަމެއްނެތް. ތިކިޖަހާނީ އެއެއްޗެއްގައި ހުރިއެއްޗަކުން. މިތާނގައި ނެތް އެއްޗެއް މިތާކުން ނުހޯދޭނެތާ ބޭނުންވިޔަސް.
އުދުހޭ
25 December 2024
ވައްކަމުން ފުރިފަ. އަތުޖެހުން ދިމާލަކުން ކައިނަގަނީ.
ވަހީދުގެ
25 December 2024
ކަމުން އައި މީހުން ހުއްޓުވަނީ..! ރަނގަޅު ކޮށްލަމާ.
ޢަހުމަދްް
25 December 2024
ކޮރަޕްޝަންގެ ހައްދެއް ނެތް މިހާރު. ޢޭސީސީ އިން ވީއެއް ނޫންތަ އިމިގްރޭޝަން ވޮޗް ކަހަލަ ޕޯޓަލް އެއް ހަދަން މިކަހަލަ މައްސަލަތައް ރިޕޯޓުކުރަން
މައުލޫދު
25 December 2024
އެމީހުންނަށް ރިޕޯޓް ނުކުރިއްޔާ ރަގަޅުވާނީ، ރިޕޯޓް ލިބޭއިރަށް އޭސީސީގެ ރައީސް ދާނެ ހުރިހާ މެމްބަރުން ކައިރިއަށް މިއީ ބަލަން ހެޔޮވާވަރު މައްސަލައެއްތޯ ސާފުކުރަން، ހުރިހާ މެމްބަރުންގެ ރުހުން ނުލިބިއްޖެއްޔާ އޭސީސީއަކަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް،