26 ޑިސެމްބަރ 2024 - 13:40
ރަށުން އަސާސީ އެއްވެސް ހިދުމަތެއް ރަނގަޅަކަށް ނުލިބެ އެވެ. ކިތަންމެ ކުޑަ ބައްޔެއް ވިއަސް ފުރައިގެން ދާން ޖެހެނީ އެ ރަށުން ލޯންޗުގައި ވިއްސަކަށް މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ކުޑަހުވަދުއަށެވެ. ފަޅުގެ ދަތިކަން ބޮޑުވުމުން އެހެން ރަށްރަށުގެ މީހުން ވެސް ވަރަށް މަދުން ނޫނީ އެ ރަށަކަށް ނުދެ އެވެ. އެއީ މީގެ 20 އަހަރު ކުރިން ސުނާމީ އެރި އިރު ދ. ގެމެންދޫ މީހުންގެ ހާލަތެވެ.
އާބާދީގައި 500 ވެސް ހަމަނުވާ އެ ރަށުގެ ގިނަ މީހުން ތިބީ އޭރު ވެސް ރަށުން ބަދަލުވާން ބޭނުންވެފަ އެވެ.
އޭގެ ތެރެއިން އެކަކަކީ މަސްއޫދު އިބްރާހިމެވެ. ރަށުގައި ހުރެގެން ރަނގަޅަށް ކިޔެވޭނެ އެއްވެސް މަގެއް އޭނާއަކަށް ނުފެނުނެވެ. އެހެންވެ، ދެ ކުދިންނަށް ކިޔަވައިދިނުމަށް އަންހެނުންނާ އެކު މާލެ ބަދަލުވެ، އެ ތަނުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނެވެ.
ސުނާމީ އެރިއިރު މަސްއޫދު އުޅުނީ ޕޯސްޓު އޮފީހުގެ ވަޒީފާއެއްގަ އެވެ.
ބޮޑު ރާޅެއް އަރައިގެން އުޅޭ ހަބަރާ އެކު އޭނާ ގޮތް ހުސްވީ، ރަށުގައި އޭރު އެކަނި އުޅެމުންދިޔަ މަންމަ، ރަޒިއްޔާ މުހައްމަދުގެ ހަބަރެއް ލިބޭ ގޮތެއް ނުވުމުންނެވެ. މުޅި ރަށަށް އެރި ލޮނުގަނޑާ އެކު އެއްވެސް މީހަކާ ގުޅޭގޮތެއް ނުވި އެވެ. ރަށު ކޯޓުގެ ކާތިބަކަށް އުޅުނު، އަދި ވަޒީފާއިން ރިޓަޔާވެގެން ނޫނީ ހަ ދަރިން ކައިރިއަށް މާލެ ބަދަލުނުވާން ނިންމައިގެން ހުރި މަންމަ ސަލާމަތްވިކަން އެނގުނީ ވެސް، މަސްއޫދު ބުނި ގޮތުގައި ކުޑަހުވަދުއަށް ގެންދިޔަ ފަހުންނެވެ.
ސުނާމީގައި ގެމެންދޫއިން ސަލާމަތްވި ރަޒިއްޔާ (މ) ކުޑަހުވަދުއަށް ގެންގޮސް، ބަނދަރުމަތީގައި ނަގާފައިވާ ފޮޓޯއެއް.
އެކަމަކު، ފަހުން އޭނާއަށް އެނގުނީ ރާޅުގައި މަންމަ ވެސް ސަލާމަތްވީ ކިރިޔާ ކަމެވެ.
"މަންމަ ކިޔައިދިން ގޮތުގައި ސުނާމީ އެރިއިރު ހުރީ ކޯޓުގައި. ދިދަ ދަނޑީގައި ހިފަހައްޓައިގެން ހުރީ ރާޅާ ގެންދާތީ، އެކަމަކު، ސަލާމަތްކުރިއިރު ވަރަށް ހާލުގައި އޮތީ، ކިރިޔާ ސަލާމަތްވީ ކަމަށް ބުނަނީ،" ދެ ކުދިންގެ ކާފަ، މަސްއޫދު ބުންޏެވެ.
ގެމެންދޫއަކީ ޑިސެމްބަރު 26، 2004 ގައި އެރި ސުނާމީގައި ރާއްޖެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ރަށެވެ. އެ ހާދިސާގައި ރާއްޖެއިން 108 މީހުން ވަކިވެ އެވެ. އޭގެ ތެރޭގައި ގެމެންދޫގެ އަށް މީހަކު ހިމެނެ އެވެ.
މީހުން ކިތައްމެ މަދުވިއަސް މަސްއޫދުގެ ދެބެންގެ ދެދަރި ބޭބެއެއް ރަށުގައި އޭރު ފިހާރައެއް ހިންގި އެވެ. ކަންމަތީ ކުޑަ އެ ފިހާރައިން ރަނގަޅު އެއްޗެއް ނުލިބެ އެވެ.
މަސްއޫދުގެ ބައިވެރިވުމާ އެކު ރަށުގައި އޭރު ވެސް ކުޑަ ދޯންޏެއް ދުއްވި އެވެ. ސުނާމީއަށްފަހު، ކުޑަހުވަދުއަށް ބަދަލުވެ، ވިޔަފާރީގައި މުސްތަގުބަލެއް އޮތް ކަން ގަބޫލުކުރެވެމުން އެ ދޯނި ވިއްކާލައި ބޮޑު ދޯންޏެއް ބަންނަން ފެށީ އެވެ.
މަސްއޫދު ހިއްސާވެގެން ކުޑަހުވަދޫގައި ހިންގާ "ފެމިލީ މާޓު" ފިހާރަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދަރިންތައް ކިޔަވައި ނިމުމުން މަސްއޫދުގެ އާއިލާ ކުޑަހުވަދުއަށް ބަދަލުވީ މީގެ 14 ވަރަކަށް އަހަރުކުރިންނެވެ. ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވޭ ވަރު ވީ އެ ހިސާބުންނެވެ.
މަސްއޫދު ބުނީ، ސުނާމީއަށް އަހަރު ފުރޭ ކޮންމެ ފަހަރަކު، އޭރު ވަކިވެ ދިޔަ މީހުންގެ ހަނދާންތަކާއި ބޮޑު ރާޅުތަކުގެ ތެރޭގައި ސަލާމަތްވާން މަންމަ އުޅުނު ހާލު ވިސްނާލެވޭ ކަމަށެވެ. އެ ހާދިސާއިން ކިތައްމެ ގިނަ ބޮޑު ގެއްލުމަކާއި ހިތްދަތިކަމެއް ލިބުނަސް، އޭގެ ވިހި އަހަރު ފަހުން މިހާރު ދިރިއުޅުމާ ދޭތެރޭގައި ވިސްނާލާއިރު ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާގެ ފަރާތުން މިހާރު ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ނުލިބެ އެވެ.
"ކުޑަހުވަދުއަށް ބަދަލުވީމަ ވިޔަފާރިއަށް ވެސް އިތުރު ކުރިއެރުންތައް އައިސް، އާއްމު ހާލަތަށް ވެސް އިތުރު ކުރިއެރުންތައް އައިސްފައި މި ވަނީ ބޮޑު އާބާދީއެއްގެ ތެރެއަށް އައިސް،" އޭނާ ބުންޏެވެ.
މަސްއޫދު ހިއްސާވެގެން ކުޑަހުވަދޫގައި ހިންގާ "ފެމިލީ މާޓު" ފިހާރައިގައި ވިއްކަން ހުރި ބައެއް ތަކެތި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޑަހުވަދުއަށް ބަދަލުވެ، މަސްއޫދު ފެށީ ދޯނީގައި ކަންނެއްޔަށް ދާށެވެ. އެ މަސައްކަތް ފަސް އަހަރުވަންދެން ކޮށްފައި، ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ފިހާރައެއް ހުޅުވި އެވެ. އެތަން ހުޅުވިތާ ހަތަރު އަހަރު ފަހުން ކޮވިޑުގެ ރާޅު ބިންދާލިއަސް ހަތަރު މީހުންގެ ބައިވެރިވުމާ އެކު "ފެމެލީ މާޓު 1" ގެ ނަމުގައި ހުޅުވި އެ ކުޑަ ފިހާރަ ރަނގަޅަށް ހިނގަން ފެށި އެވެ.
މަސްއޫދު ބުނީ ގެމެންދޫގައި އޭނާގެ ބޭބެ ހިންގި ފިހާރައަށް ދުވާލެއްގެ މައްޗަށް ގިނަ ވެގެން ވެސް ލިބުނީ ހާހެއެއްހާ ރުފިޔާ ކަމަށެވެ. މަހެއްގެ މައްޗަށް ގިނަ ވެގެން 30،000ރ. އެވެ.
އެކަމަކު، އަހަރުތައް ފާއިތުވަމުން ގޮސް، މަސްއޫދަކީ މިހާރު ކުޑަހުވަދޫގައި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ މީހުންގެ ތެރެއިން އެކަކެވެ.
ވިޔަފާރި ފުޅާކުރަމުން، މީގެ ހަތަރު އަހަރު ކުރިން ކައުންސިލުން ހުޅުވާލި ވާދަވެރި ބިޑަކުން، ބަނދަރު ސަރަހައްދުން އޭނާ ވަނީ ދެ 2،000 އަކަފޫޓުގެ ބޮޑު ފިހާރައެއް މަހަކު 57،000ރ. އަށް ކުއްޔަށް ނަގައިފަ އެވެ.
މަސްއޫދު، އޭނާގެ ބައިވެރިވުމާއެކު ހިންގާ ފެމިލީ މާޓު ފިހާރައިގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖެއިން ބޭރުން އަހަރެއްގެ މައްޗަށް ހައެއްކަ ކޮންޓެއިނަރުގެ މުދަލާ އެކު، ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް އޭނާގެ "ފެމިލީ މާޓު 2" އިން ލިބެ އެވެ. ދެ ބުރީގެ އެ ފިހާރައިގައި ނަން ހުސްކޮށް އޮންނަ މުދާތަކާ ހެދި، އެއީ މާލެ ސަރަހައްދުގެ ފިހާރައެއް ކަމަށް އެ ތަނަށް ދާ އެހެން ރަށްރަށުގައި މީހުން ވެސް ބުނެފައި އެބަހުއްޓެވެ.
"ސުނާމީ އެރުމަކީ އަނެއްހެން ބުނަންޏާ، އަޅުގަނޑުމެންގެ ދިރިއުޅުމަށް އިތުރު ބަދަލެކޭ ހަމަ. ބޮޑު އާބާދީއެއްގެ ތެރެއަށް އައީމަ ބޮޑު ކުރިއެރުންތަކެއް ހަމަ ލިބިގެންދިޔަ. މިސާލަކަށް ބޮޑު ރަށެއްގައި ގިނަ ވަޒީފާތައް އޮވޭ. އަޅުގަނޑުމެންގެ ބައިވަރު ކުދިންތަކަށް, ބައިވަރު ވަޒީފާތައް ލިބި, އާއްމު ހާލަތު ހަމަ ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށް ފާހަގަކުރެވޭ," މަސްއޫދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މީރާގެ ހިސާބުތަކުން މިހާރު މަހެއްގެ މައްޗަށް އެކަނި ވެސް ދެ ފިހާރައިން މިހާރު ދެ މިލިއަނެއްހާ ރުފިޔާގެ އާމްދަނީ ލިބެ އެވެ.
"ވިޔަފާރީގެ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު. އަނެއްހެން ބުނަންޏާ އަޅުގަނޑުގެ ދަރިން ކިޔަވައިގެން އައިސް މާލޭގައި މަތީ ތައުލީމް ހާސިލްކޮށްގެން މި ތަނުގައި ހަމަ ވަޒީފާގައި އުޅެނީ,"
"އަޅުގަނޑަށް ވިސްނޭ ގޮތުގައި މިހާރު ވެސް ގެމެންދޫގައި ތިބި ނަމަ، ނަމަ ކިޔާނެ ކަމެއް ނެތް، ނަމަ މި ކުރިއެރުމެއް އަޅުގަނޑުމެންނަކަށް ނާންނާނެ. މިސާލަކަށް، ކުދި ރަށްރަށުގެ އާބާދީ ހުންނަ މީހުން ބުނޭ މިތާ މައްޗަށް އަރާފައި މިއީ ހަމަ ރެޑްވޭވްހެންނޭ ހީވަނީ." މަސްއޫދު، 55، ބުންޏެވެ.
އެ ދެ ފިހާރައިގައި 18 މީހުން މަސައްކަތްކުރެ އެވެ. މާލެއިން މުދާ ގެންދަނީ ވެސް ކުރިން ކަންނެއްޔަށް ދާން ދުއްވި ދޯނީގަ. ދަތުރުކުރުމުގައި ހުރި ފަސޭހަތަކާ އެކު ރަށްރަށަށް ފަސޭހައިން މުދާ ފޮނުވެ އެވެ.
"ގެމެންދޫގައި އުޅެމުން ދިޔަ ނަމަ އަޅުގަނޑުމެންނަށް މި ތަނަވަސްކަމެއް ހިއެއް ނުވޭ [ލިބޭނެހެން]. މާތްﷲ ކޮންމެ ކަމެއް ވެސް މެދުވެރިކުރައްވަނީ." މަސްއޫދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
27 December 2024
މިގޮތަށް ދުވަސްތައް ފާހަގަ ކުރާނަމަ ކޮންމެ ދުވަހަކީ ކޮންމެވެސް ކަމެއްގެ މާޒީ ހަދާންކޮށް ދެރަވެ ސްކޫތް ގެނެސް ރޮއި މާޔޫސްކަން އާލާކުރާ ދުވަހަކަށް ވާނީ. އެެއަކުން ލިބޭނެ މަންފާއެއްނެތް. ހަގީގަތުގައި އެދުވަހުގެ ހިތާމަވެރިކަމުން މިންޖުވުމަށް އޮތްގޮތަކީ އެދުވަސް ފާހަގަކުރުން ހުއްޓާލައި އަމަލުތައް އިސްލާހުކުރުން.
ފަހުޖުމްލަ
26 December 2024
މާތްﷲ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަނީ "ރަގަޅަކަށް". އެ ބަސް އެ ޖުމްލައިގަ ނެތް. ކިތަންމެ ވޭންދެނިވި ހިތްދަތި ހިނދުކޮޅެއް ދިރިއުޅުމުގަ އައި ނަމަވެސް އެކަމެއްވީ ރަގަޅަކަށްކަން ގަބޫލުކުރެވޭނީ އީމާންތެރިކަން ވަރަށް ވަރުގަދަވެގެން. ދިމާވާ ކޮންމެ ކަމެއްގައި ނުފެންނަ އެތައް ކަމެއް، އެހެން ބަޔަކާ ގުޅޭ އެތައް ކަމެއް، އެމީހެއްގެ މުސްތަގްބަލާ ގުޅޭ އެތައް ކަމެއްފަދަ ކަންކަން އެކުލެވިގެންވޭ. ބާރުނުފޯރާފަދަ ކަމެއް ވީމަ މާތްﷲއަށް އިތުބާރުކުރަންވީ އެހެންވެ
އަހަރުން
28 December 2024
އެނިޔަތުގައެހެން އެބުނީ ޖުމްލަފުރިހަމަ ނުވިޔަސް.. ވާހަކަދެއްކުމަކީ ހުނަރެއް. ވިޔަފާރިކުރުމަކީވެސް ހުނަރެއް. މައްސޫދުފެމެލީ އަކީ ދީނަށްލޯބިކުރާ ވަރަށްހެޔޮ އައިލާއެއް
ކުޑަހުވަދޫ މީހުން
26 December 2024
މިލިއުމުގަ ހަމައެކަނި ފާހަގަ ކޮށަފަވަނީ ލިބުނު ކުރިއެރުމުގެ ވާހަކަ. ކުރި އެރުން ލިބުމުައި ކުޑަހުަދޫގެ ފަރުދުންގެ ގެފަރާތުން އެކިކަންކަމުގައި، ލިބުނު އެހީތެރިކަން ފާހަގަ ކޮށްލިނަމަ ވަރަށް ފުރިހަމަވީސް. ހަމަ ޤައިމުވެސް ކުޑަހުވަދޫގެ ރަށްޔިތުން އެތަށް އެހީތެރިކަމަކާއި ޤުރުބާނީ ތަކެއްވެގެން މިއަދު ތިހިސާބުގަ ތި ތިބެވުނީ.
ބޭކާރު މެމްބަރު
26 December 2024
ރަށްތައް ތަރައްޤީވާނީ ރަށުމީހުން ރަށުގައި ތިބެގެންކުރާ މަސައްކަތުން. ރަށްފަޅުކުރަންޏާ ކިތަންމެވަރަކަށް ބަނދަރުހަދާ، ފުޓުސެލްދަނޑުތައްހަދާ އެއާރޕޯޓުހެދިޔަސް ތަރައްޤީއެއް ނުވާނެ. މިސާލަކަށް ބަލާ ކުޅުދުއްފުށި، އެރަށު މީހުންގެ އަމިއްލަ ހިތްވަރާ މަސައްކަތުން ތަރައްޤީވެ އަދިވެސް އެދަނީ ކުރިއަރަމުން.
ހުސްބޭކާރު
26 December 2024
ރަށުގަ އުޅެގެން ދިރިއުޅުން އާބާދުކޮށް ފާގަތިކުރާ އެފަދަ އެތައް ހާސް ބަޔަކު މިގައުމުގަ އުޅޭނެ. އެކަމު އަނެއް ބަޔަކު ކިޔާ ލަވައަކީ މާލެ ނުގޮސް ނުވާނެއޭ. ދޮގު ހަދާ ފާޑުފާޑުގެ ބަހަނާ ދެއްކުން ހުއްޓާލަންޖެހޭ. އެބައެއްގެ އަމިއްލަ ރަށަށް އަތޮޅަށް ވަފާތެރިނުވެ ރަށެއް ކުރިއެއްނާރާނެ. ކިޔަވައިގެން އަނބުރާ ރަށްތަކަށް ދާ މީހުން ގިނަވެއްޖެނަމަ ރަށްތައްވެސް ހަމަ ކުރިއަރާނެ. އެސަރުކާރޭ މިސަރުކާރޭ ކިޔައި ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް.
ވޯލް
26 December 2024
މި ލިޔުމުންވެސް އެބައެނގޭ ކުދި އާބާދީތައް އެއްފަސް ކުރަންޖަހޭކަން އަދި އެކަން ކުރުރުން އޭގެ ފައިދާ އެކި ގޮތްގޮތުން ކުރާނެކަން.
ސަލީމު އިދުރީސް
26 December 2024
އަބާދިކުޑަޔަސް ބޮޑަސް އެންމެންނުވާނެ އެއްވަރައް މުސްހަންޖެއް އެތަނެއްގެ ހުރިވަސީލަތެއްގެ ބޭނުން ހިފަން އެގޭމީހަޔާ ނޭގޭ މީހުންގެ ތަފާތެއްވާނެ! ފުލިދޫ ތިނަދޫ މަތިވެރި ރަރްދޫ ބ އަތޮރައްތަކުން މިކަން ރަނގަޅައްފެނޭ