އެމްއައި ކޮލެޖުން ހަދިޔާކުރި ގަސްތައް މާލޭ ސިޓީގެ މޭޔަރު އާޒިމްއާ ހަވާލު ކުރަނީ: އެ ކޮލެޖުން ވަނީ 300 ގަސް ހަދިޔާ ކޮށްފައި --- ފޮޓޯ/އެމްއައި ކޮލެޖް
31 ޑިސެމްބަރ 2024 - 14:24
އެމްއައި ކޮލެޖުން މާލެ ސިޓީ ކައުންސިލަށް 300 ގަސް ހަދިޔާކޮށްފި އެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ ގަސްތައް މާލެ ސިޓީ މޭޔަރު އަލީ އާޒިމްއާ ހަވާލުކޮށް ދެއްވީ އެމްއައި ކޮލެޖުގެ ފައުންޑާ، ޗެއާމަން އަދި ސީއީއޯ އަހުމަދު މޮޓާކީ އެވެ. އެ ގަސްތަކަކީ އެ ކޮލެޖުގެ "ގައުމަށްޓަކައި" ސީއެސްއާރު ޕްރޮގްރާމާއި "ލެޓްސް ގްރީން އިޓް" ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ގަސްތަކެކެވެ.
އެމްއައި ކޮލެޖުން ހަދިޔާ ކުރީ 60 އަރޮޅި (ޓާމިނެލިއާ) ގަހާއި 40 ރީތި ގަސް (ޑެނޮލިކްސް ރޭޖިއާ) އާއި 200 ސްޕެނިޝް ޗެރީ ގަހެވެ. މި ގަސްތަކަކީ އެމްއައި ކޮލެޖުގެ އައްޑޫގައި ހުންނަ އެގްރިކަލްޗާ ސްކޫލުން ގެނައި ގަސްތަކެކެވެ. އެ ގަސްތަކަކީ ހިޔާ ދޭ ގަސްތަކެކެވެ.
އެމްއައި ކޮލެޖްގެ އިސްވެރިންނާ އެކު މާލޭ ސިޓީގެ މޭޔަރު އާޒިމް --- ފޮޓޯ/އެމްއައި ކޮލެޖް
އެމްއައި ކޮލެޖަކީ ރާއްޖޭގައި އެގްރިކަލްޗާއާ ގުޅޭ ޕްރޮގްރާމްތައް ހިންގަން ފެށި ފުރަތަމަ ކޮލެޖެވެ. އެ ކޮލެޖުން ވަނީ އައްޑޫގައި ސްކޫލް އޮފް އެގްރިކަލްޗާގައި ގާޑެނިންގެ ދާއިރާއިން ކިޔަވައި ދޭން ފަށައިފަ އެވެ. މިއީ ރާއްޖޭގައި ކާބޯތަކެތީގެ ސެކިއުރިޓީ އުފެއްދުމަށް ގަސް އިންދަން ހިތްވަރު ދިނުމާ އެކު ގަސް އިންދުމުގެ އިލްމާއެކު އެ މަސައްކަތް ކުރާނެ ބަޔަކު ބިނާ ކުރުމުގެ ގޮތުން ފެށި ކޯސްތަކެކެވެ. އެ ކޮލެޖަކީ ރާއްޖޭގައި ޑިމާންޑް އޮންނަ އެކި ދާއިރާތަކާއި މީހުން ބިނާ ކުރަން އެކި ދާއިރާތަކުން ކޯސްތައް ހިންގަމުންދާ ކޮލެޖެކެވެ.
އެ ކޮލެޖުން މީގެ ކުރިން ވެސް ގަސް ހަދިޔާ ކުރުމާއި ގަސް އިންދުމުގެ މައުލޫމާތު އާއްމުންނާ ހިއްސާ ކުރުމުގެ ޕްރޮގްރާމްތައް ވެސް ވަނީ ހިންގައިފަ އެވެ.
އެމްއައި ކޮލެޖުގައި ސެޓްފިކެޓް ލެވަލްއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy