ޒަކާތު ފަންޑުން ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު ލިޔުން ހަވާލުކޮށްދެއްވަނީ.-- ފައިލް ފޮޓޯ: މިހާރު
31 ޑިސެމްބަރ 2024 - 19:36
މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން އެހީދޭނެ ގޮތްތައް އިތުރުކޮށް، އާ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އުސޫލުގައި ވަނީ، ޒަކާތު ފަންޑުގެ ސްކޮލަޝިޕާއި ހާއްސަ ސްކޮލަޝިޕް އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފެށިއަސް، އެ ފަންޑުގެ އެހީއަށް އެދި ހުށަހެޅޭނީ އެކަމަށް އާއްމުކޮށް ހުޅުވައިލުމުންނެވެ.
އެ އުސޫލު މީގެ ކުރިން އޮތީ ސްކޮލަޝިޕާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހީ ދޭ ގޮތަށެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި؛
- މާލީ ފުދުންތެރިކަން ނެތުން
- ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުން
- ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން
- ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން
މިނިސްޓްރީން ބުނީ ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމް ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށް ކަމަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އަދި ވިސާ ފީއާ ސްޓައިޕެންޑާއި ބުކިން އެލަވަންސް ދޭނެ އެވެ.
ޒަކާތު ސްކޮލަޝިޕްގެ އިތުރުން ރާއްޖެއަށް މުހިއްމު ދާއިރާތަކުން މީހުން ތަމްރީނުކުރަން ހާއްސަ ސްކޮލަޝިޕްގެ ފުރުސަތަކަށް ވެސް ހުޅުވާލާނެ ކަމަށް އުސޫލުގައިވެ އެވެ. އެއީ ޝަރީއާ ހުއްދަ ކުރާ ދާއިރާތަކުން ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އާއްމުންނާއި ސަރުކާރުގެ އިދާރާތަކަށް ދޫކުރާ ފުރުސަތެކެވެ.
އެ ސްކޮލަޝިޕަށް ހުޅުވާލުމާ މެދު ގޮތެއް ނިންމާނީ މިނިސްޓަރުގެ ލަފާގެ މަތިން ޒަކާތު ސްކޮލަޝިޕް ކޮމިޓީންނެވެ.
އަމިއްލަ ހަރަދުގައި ރާއްޖެ ނުވަތަ ބޭރު ގައުމެއްގައި ކިޔަވާއިރު، އެ ކޯހުގެ 75 ޕަސެންޓު ނިންމާފައިވާ ނަމަ ޒަކާތު ފަންޑުގެ އެހީއަށް އެހި ހުށަހެޅޭނެ އެވެ. އެއީ އެޑްވާންސް ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށެވެ.
އޭގެ ދަށުން އެހީ ދޭނީ އަހަރަކު ކަމަކަށެވެ. އޭގެ ތެރޭގައި ކޯހުގެ ފީއާ ސްޓައިޕެންޑު އަދި ޓިކެޓު ހަރަދު ހިމެނެ އެވެ. ސްޓައިޕެންޑު ދޭނީ ގިނަ ވެގެން އެއް ސެމިސްޓާއަށް ނުވަތަ ހަ މަސް ދުވަހަށެވެ.
މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން މީގެ ކުރިން ވެސް ސްކޮލަޝިޕާއި މާލީ އެހީ ދެ އެވެ. މި ފަހަރު އެ ފުރުސަތު ހުޅުވާލަން ތައްޔާރުވަނީ ދެ އަހަރު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާމިލުބޭ
01 January 2025
ނިކަމެތި ކުދިންނަށް ބޮޑަށް ތީގެން ކިޔެވޭނެގޮތެއް ދިރާސާކޮށް ބެލުންވަރަށް މުހިންމު. ބޮޑެތި ކާރިސާތަކުގަ ގެއްލުން ލިބިފަ ހާލުގަ ޖެހޭމީހުންނަށް ތިފަންޑުން ހަރަދުކުރެވޭނެ ގޮތެއް ބެލުންވެސް ވަރަށް މުހިންމު. ޝަހީމު މިކަމަށް ވިސްނާނެކަމަށް އުންމީދުލުރަން.
ސަމަން
01 January 2025
ޒަކާތު ފަންޑުން އެހީ ވާން ޖެހޭނީ ފަގީރުންނާ ނިކަމެތިންނަށް, ދިވެހި ރާއްްޖޭގަ ފަގީރުންނާ ނިކަމެތިން ގިނަަ.... ފަގީރުންނާ ނިކަމެތިންނަށް އެހީވުން މާ ބޮޑަށް ރަގަޅު ވާނެ.... ތިޔަ ސްކޮލަޝިޕްތައް ގިނަ ފަހަރު ދެނީ ނިކަމެތިންގެ ދަރިންނަކަށް ނޫން... ދެރަ, ނިކަމެތިންނަށް އެހީ ނުވެ ޒަކާތު ފަންޑު ވެސް އެހެން ކަންކަމަށް ހަރަދު ކުރަނީ...
ސަހަރޯރޯ
01 January 2025
ޒަކާތް ދެނީ ނިކަމެތިންނަށް އެހީ ފޯރުވަން... ދެން މީ ކޮން ކުޅިގަނޑެއް... ޑިގްރީ ނުހެދުން އަދި މާސްޓާސް ނުހަދާ މީހުންނަކީ ހާލުގައި ޖެހިފައި ތިބި ބައެއްތޯ.
ހާމަ333
31 December 2024
ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ގިނަފަހަރު ލިބެނީ ތަނަވަސްމީހުންގެ ދަރީންނަށް.. އެއީ ސްކޫލް ދައުރުގައިވެސް ހުރިހާ މާއްދާއަކުން ހެން ޓިއުޝަން ނަގައި ވަނަ ވަނައިގައި ހިމެނެނީ މިމީހުންގެ ދަރީން....ނިކަމެތި މީހާ އޮންނަނީ ދަރީން އޯލެވެލް ނިމޭއިރުވެސް ޓިއުޝަން ދެމާއްދާ ވެސް ނުނެގިފަ....ވީއިރު ޒަކާތު ފަންޑުން ސްޕޮންސަރ ކުރާ ގޮތް ބަދަލުކޮށް އަސްލު ނިކަމެތީންނަށް އެހީވުން މުހިއްމު
ތިޔާއީ ޒަކާތޭ
31 December 2024
ދެންވެސް މިބޭފުޅުން ދިރާސާކުރަންވީ މީސްމީހުން ޒަކާތް ދައްކާވަރު މަދުވާ ސަބަބު. މީ ވ.ވާހަކަ. ޒަކާތާ، މިޒަމާނު ތިގެންގުޅޭ ވެލްފެއާރ ފަންޑަކާ އަދި މުޅިން އެއްގޮތެއް ނުވާނެ.